އަލްހާ އީދާ ގުޅިގެން ބ. އޭދަފުށީގައި ކުރިއަށް ދިޔަ" އެމިސް ކަޕް" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސީސީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ސީސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް ސޫޕް އަތުން 1-5 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ޗެމްޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާ ހުށަހެޅި މުބާރާތުގައި ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ކުޅުނެވެ.

ރާއްޖޭގެ ފަސްޓް ޑިވިޝަނަށް ކުޅޭ މޮޅު ކުޅުންތެރިންތަކަކާ އެކު މުބާރާތަށް ނިކުތް ސީސީ އިން އިއްޔެގެ މެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލި އިރު، ފައިނަލް މެޗުގައި އެޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް އަށް ކުޅުނު ޒުވާން ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އަދި ސުހައިލެވެ. އަދި ރިއަލް ސޫޕް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ ހަސަން އެވެ.

މުބާރާތް ނިމުމުން ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަބްދުލްމަޖީދު ހަސަނެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔުނައިޓެޑް ވީ އަށް ކުޅޭ ވިކްޓަރީގެ ޑިފެންޑަރު އަދި ގައުމީ ޓީމުގައި ހިމެނޭ ރިލްވާން ވަހީދު (ރިލޭ) އަށް ލިބުނު އިރު، މިއަހަރު އަލަށް ހޮވި 19 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ވީ ގެ ޝާރިފް އަބްދުލްމަޖީދު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ސީސީގެ އަލީ ފާސިރު (ސެންޓޭ) ހޯދިއިރު އެންމެ މޮޅު ފޯވާޑްގެ މަގާމު ހޯދީ އެޓީމަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް އެ ޓީމުގެ މުހައްމަދު ފާސިރު ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ގޯލަކީޕަރަކަށް ހޮވުނީ އެ ޓީމުގެ އަބްދުﷲ ޒިއަޒަން އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ވެސް ހޮވުނީ ސީސީގެ ކޯޗް އިސްމާއިލް ރަޝީދު (އަންދަރޭ) އެވެ.


މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށްއުޅޭ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ، މުބާރާތް ކުރިއަށް ދިޔަގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެގޮތުން މުބާރާތް ކުރިއށް ގެންދިއުމުގައި ރަށުގެ ކުދިބޮޑު އެންމެ ގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ތަޖުރިބާ އަށް ބެލުމަށް ފަހު އަންނަ އަހަރުގެ ބޮޑު އީދު މުބާރާތް މާ ކުލަގަދަކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000ރ. ލިބޭ ގޮތަށް މިހާރު އިއުލާންކޮށްފައި ވާނެ ކަމަށެވެ.

ސީސީ އިން މި މުބާރާތް ކާމިޔާބު ކުރުމުން އެ ޓީމު މިހާރުވަނީ ބ. އަތޮޅަށް ހުޅުވާލައިގެން އަންނަ މަހު އެ ރަށުގައި ފަށާ ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ތަމްސީލު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން މި މުބާރާތިގައި އޭދަފުށީގެ އިތުރުން އެ އަތޮޅުގެ ހަތް ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ މާޅޮހާއި ކިހާދޫ އާއި ދަރަވަންދޫ އާއި ކަމަދޫ އާއި ގޮއިދޫ އަދި ތުޅާދޫ އެވެ.