31 Oct 2012, 11:53
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގއ. ނިލަންދު އާއި ލ. އަތޮޅުގެ ހަރަށެއްގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނިލަންދޫ ކައުންސިލް މެންބަރު އާސިފް މުހައްމަދު މިއަދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެރަށު 280 ދަނޑުއެއްކޮށް ހަލާކުވެފައިވާއިރު ދަނޑުތައް ހުރި ސަރަހައްދުތަކުގައި ހުރި ގަސްތައްވެސް ވައިބާރުވުމުގެ ސަބަބުން ވެއްޓިފައިވާކަމަށެވެ.
"މިހާރު ކުރަމުންދާ ވިއްސާރައިގައި މިރަށުގެ 280 ދަނޑު އެ އޮތީ އެއްކޮށް ހަލާކުވެފައި. އެ ދަނޑުތައް ކައިރީ ހުރި ގަސްތައް ވެސް ވަނީ ވައި ބާރުވެގެން ގޮސް ވެއްޓިފައި،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުތަކަށް ލިބުނު ގެއްލުން ފިޔަވައި އިތުރު ގެއްލުމެއް އެރަށަށް ލިބިފައިނުވާ ކަމަށާއި މިހާރު ވެސް އެރަށަށް ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެ އަތޮޅު އިސްދޫ ކަޅައިދޫ އާއި ގަމާއި ގާދޫގެ އިތުރުން ފޮނަދޫ ކުނަހަންދޫ އަދި ދަނބިދޫގެ ދަނޑުތަށް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެރަށްރަށުގެ ދަނޑުތަކުން ކޮންމެ ހަފްތާއަކު 150 އާއި 500 ކިލޯގެ މިރުސްތައް ނެރެމުން އަންނަ އިރު ދަނޑުވެރިއަކަށް މަހަކު 15،000ރ. ގެ އާމްދަނީ ލިބޭ ކަމަށެވެ. ނަވެސް ދަނޑުތަށް ހަލާކުވުމުގެ ސަބަބުން 25،000ރ. ގެ ގެެއްލުމެއް ކޮންމެ ދަނޑުވެރިއަކަށް ލިބިފައިވާކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ދަނޑުތަކަށް ގެއްލުން ލިބުމުގެ އިތުރަށް ބައެއް ރަށްރަށުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ބައެއް ފަރުނީޗަރަށް ގެއްލުން ލިބިފައިވާއިރު ވައިގަދަވުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި އެއަތޮޅު ދަނބިދޫގެ ފުރާޅުން ބައެއް އެއްލާލާފައިވާކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއަތޮޅުގައި ފެންބޮޑުވުމުން ފެން ހިއްކުމުގައި ފުލުހުންނާއި ސިފައިންގެ އިތުރުން އެ އަތޮޅުގެ ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވިދާޅުވި އެވެ.