31 Oct 2012, 11:38
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނާއި ހިލާފު މަޖުބޫރު ކުރުމުގެ ތެރެއިންކަމަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން އާންމުކޮށްފައިވާ (ކޯނީ)ގެ ރިޕޯޓުގެ ދިވެހި ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފި އެވެ.
އިންކުއަރީ ކޮމިޝަނުން އެ ރިޕޯޓް އޮގަސްޓް މަހުގެ ތެރޭގައި އާންމުކުރީއިރު ރިޕޯޓް އެކުލަވާލާފައިވަނީ އިނގިރޭސި ބަހުންނެވެ.
ވެރިކަން ބަދަލުވި ގޮތް ބެލުމަށް ފެބުރުއަރީ މަހުގެ ތެރޭގައި އުފެއްދެވި އިންކުއަރީ ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ކަމެއް ބަލާފަ އެވެ. އެއީ މިއަހަރުގެ ޖެނުއަރީ 14 އިން ފެށިގެން ފެބްރުއަރީ 8 ވަނަ ދުވަހާ ދެމެދު ރާއްޖޭގައި ހިންގި ކަންކަން ބަލާފައިވާއިރު ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވިގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާއި ހިލާފް މަޖުބޫރުކުރުމުގެ ތެރެއިން ތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތައްތޯ ބަލާފައިވެ އެވެ.
ހަ މަސްދުވަސްވަންދެން އެކޮމިޝަނުން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހަތެއް ފެބްރުއަރީ ގައި ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާއި ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ހިމެނިގެން ނުވާ ކަމަށާއި އެ ތުހުމަތު ތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެކޮމިޝަނަށް ލިބިފައިނުވާ ކަމަށް އެކޮމިޝަނުގެ ރިޕޯޓުގައި ބުނެ އެވެ.
އިންކުއަރީ ކޮމިޝަނުން 293 މީހުންނާއި އިންޓަވިއު ކޮށްފައިވާއިރު އޭގެ ތެރެއިން 15 މީހަކާއި އެއްފަހަރަށް ވުރެ ގިނަ ފަހަރު އިންޓަވިއުކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
ތިން މެންބަރުންނާއި އެކު އެ ކޮމިޝަން ފުރަތަމަ އުފެއްދެވި ނަމަވެސް ފަހުން އެކޮމިޝަނަށް ދެ މެންބަރުން ހިމެނުއްވި އެވެ. އަލުން އެކޮމިޝަން އެކުލަވާލިއިރު ސިންގަޕޫރުގެ ސްޕްރީމް ކޯޓުގައި ފަނޑިޔާރުން ކުރައްވާފައިވާ ޖަސްޓިސް ޖީ.ސީ.ސެލްވަމް އެކޮމިޝަނުގައި ރިޔާސަތުގައި ހިމެނުއްވިއިރު ކުރީގެ ރައީސް ނަޝީދުގެ ފަރާތުން އަހްމަދު ސައީދު އެކޮމިޝަނުގައި ހިމެނުއްވި އެވެ.
ކޮމިޝަނުގެ ރިޕޯޓު ނެރުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަން ވެފައިވަނިކޮށް އެ ކޮމިޝަނަށް ފާޑު ވިދާޅުވެ އެކޮމިޝަނުގައި ނަޝީދުގެ ފަރާތްޕުޅުން އިންނެވި ސައީދު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
އެހެން ނަމަވެސް ސައީދު ފާހަގަ ކުރައްވާފައިވާ ކަންތައްވެސް ގަބޫލު ކުރައްވަމުން ކޯނީގެ ރިޕޯޓު ވެސް ގަބޫލުފުޅު ގަބޫލުކުރައްވާ ކަމަށް ކުރީގެ ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ރައީސް ޑރ. ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓު ގަބޫލުނުކުރާ އެއްވެސް ގައުމެއް މިހާރު ނެތް ކަމަށެވެ.