ސ. މަރަދޫން އިއްޔެ މަހަށް ނުކުތް ދޯންޏެއް ކޮޅިގަނޑެއްގައި ޖެހި ހިނގި ހާދިސާއެއްގައި ދެ މީހަކު ޒަހަމުވެ އެކެެއްގެ ހާލު ސީރިއަސްވުމުން އޭނާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ 23 މީހުންނާ އެކު މަހަށް ނުކުތް މަރަދޫ "ރަހާ" ދޯނި ކޮޅިގަނޑެއްގައި ޖެހި ހިނގި ހާދިސާއެއްގައި ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް އެކެއްގެ މޫނު ވަރަށް ބޮޑަށް ޒަހަމުވެފައިވާ ކަމަށެވެ. އަދި ދެ ވަނަ މީހާގެ އަތުގެ އެކިތަންތަން ޒަހަމުވެފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ވަނީ ގދ. ގައްދޫ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މޫނު ޒަހަމުވެފައި ވަނީ އުމުރުން 41 އަހަރުގެ މީހެއްގެ ކަމަށެވެ. އަދި އަތް ޒަހަމުވެފައި ވަނީ 19 އަހަރުގެ މީހެއްގެ ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރަކަށްވެފައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދުމަށް ފަހު ދަތުރުތައް ރޭވުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އިން އިލްތިމާސްކުރަމެވެ.