މަންމައަކު ގެންގުޅުނު ކޮމްޕިއުޓަރެއް ރޫޅާލައިގެން އޭގެއިން ދެ ރެމްކާޑު ވަގަށް ނެގި ދަރިއަކު ދެ އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވައްކަންކުރުމުގެ ކުށުގައި ދެ އަހަރަށް އަރުވާލަން ހުކުމް ކޮށްފައި ވަނީ މާލޭ ދަފްތަރު 5269 އަހުމަދު އަރުޝަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހ. މަދޮށިމާގޭގައި ހުރި އޭނާގެ މަންމަގެ ކޮމްޕިއުޓަރެއް ރޫޅާލައިގެން އޭގައިވާ ދެ ރެމް ވަގަށް ނަގާފައިވާކަން އެނާގެ އަމިއްއަލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

މިއީ ވައްކަންކުރުމުގެ ކުށް އަރުޝަދުގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވެއެވެ.

"ވައްކަން ކުރުމުގެ ކުށުން މ.މ.ހ ދަފްތަރު 5269 އަހުމަދު އަރުޝަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ދެވަނަ ފަހަރު ކަމަށް ވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މ.މ.ހ ދަފްތަރު 5269 އަހުމަދު އަރުޝަދު ދެ އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.