އެމްޓީވީ ވީޑިއޯ އެވޯޑް ނައިޓުގައި އެންމެ ވިދާލި ތަރިއަކީ ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެވެ. އާދަޔާ ޚިލާފު ފެޝަން ސްޓައިލެއް އަބަދުވެސް ގެންގުޅޭ ލަވަކިޔުންތެރިޔާ، ލޮސް އެންޖެލެސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޓީވީ އެވޯޑް ނައިޓުގައި، މިފަހަރު އެތައް މިލިއަން ބަޔެއްގެ ލޯތައް އޭނާއާ ދިމާއަށް ހުއްޓުވާލީ "އެއްގަމު މަހުން" ފަހައިފައިވާ ހެދުމެއް ލައިގެންނެވެ.


އެ ހެދުމަކީ މަހުގެ ވަހާއި، ކުލަވަރު ހުރި، ނިވާކަން ކުޑަ ހެދުމެކެވެ. ނަމަވެސް ހެދުން އެކަންޏެއް ނޫން، ރަތް ދޫލަ މަތިން އޭނާ ޓޮއްޓޮއް ޖަހަމުން ހިނގާފައި ދިޔައީވެސް، މަސް ބޫޓެއްގަ އެވެ. އަތުގައި އަޅުވާފައި އޮތީވެސް "މަސް ބޭގެ"ކެވެ. ހުދު ކުލައިގެ ފަން އިސްތަށިގަނޑުގައި ހަރުކޮށްފައި ވަނީވެސް މަހުން ހަދައިފައިވާ ބޮލުގައި ޖަހާ ދައްޗެކެވެ.


މި އެވޯޑް ނައިޓަށް އޭނާގެ "ހެދުމާއި ލުކް" ތައްޔާރުކޮށްދިން ފްރާންސްގެ ޑިޒައިނަރ ބުނާ ގޮތުގައި، ލޭޑީ ގާގާ ބޭނުންވީ ޖަނަވާރުމަހުން ހަދާފައިވާ ހެދުމެއް ލާށެވެ. އެގޮތުން އެ ހެދުން ތައްޔާރުކުރުމަށް 50 ޕައުންޑުގެ އެއްގަމު މަސް ބޭނުންކުރި ކަމަށާއި އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ގެރިމަސް ކަމަށް އޭނާ ބުންޏެވެ.


މި އާދަޔާ ޚިލާފު ހެދުން ރޯމަހުން ތައްޔާރުކޮށްދިނީ، ލޭޑީ ގާގާގެ އެދުމުގެ މަތިން ކަމަށް، ދެވަނަ ފަހަރަށް އެފަދަ ހެދުމެއް ތައްޔާރުނުކުރާނެ ކަމަށް މިހާރު އަޒުމް ކަނޑައަޅާފައިވާ ޑިޒައިނަރ ބުނެ އެވެ. 


ބައެއް ފަރާތްތަކުން އެއީ އެއްގަމު މަސް ނަކަލުކޮށްގެން ޑިޒައިންކޮށްފައިވާ ހެދުމެއް ކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެމީހުންނަށް ރައްދު ދެމުން ލޭޑީ ގާގާ ބުނީ އެ ހެދުމަކީ "100 ޕަސަންޓު ޕިއޯ މީޓް" ކަމަށެވެ.


ލޭޑީ ގާގާގެ "ޖަނަވާރުމަހުގެ ހެދުން" ވެގެން ގޮސްފައި ވަނީ ފެޝަންގެ ދުނިޔެ އަށް ލިބުނު ބޮޑު ސިހުމަކަށެވެ. އަދި އެ ހެދުން ވަނީ ފެޝަނަށް ފާޑުކިޔާ ފުންނާބު އުސް މީހުންގެ މެދުގައި ބަހުސްކުރެވޭ މައިގަނޑު މައުލޫއަކަށްވެފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން މިއީ ފެޝަންގެ ދުނިޔެއަށް އައި "އިންގިލާބެއް" ކަމަށް ބުނާއިރު، އަނެއް ބައި މީހުން ބުނަމުން ދަނީ މިއީ "ހައްދު ފަހަނައަޅައިދިއުން" ކަމަށެވެ.


މި ހެދުން ވަނީ، ޖަނަވާރުތަކުގެ ހައްގުތައް ދިފާއުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ރުޅިވެރި ބަސްތަކުގެ އަމާޒަކަށްވެފަ އެވެ. އެ ޖަމިއްޔާތަކުން ދަނީ ފާޅުގައި ލީ ލޭޑީ ގާގާ އަށް ފާޑުކިޔާ، އެއްޗެހި ގޮވަމުންނެވެ. ނަމަވެސް، އެހެން މީހުންނާ އަބަދުވެސް ތަފާތުކޮށް ހުންނަން ބޭނުންވާ ލަވަކިޔުންތެރިޔާ މިފަހަރު ވެސް އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭނާގެ ހެދުމާ، އެ ހެދުމުން ދުވާ "މަސް ވަހުން" ކިތަންމެ ބަޔަކަށް އުނދަގޫވި ނަމަވެސް، ލޭޑީ ގާގާ އަދިވެސް ބުނަނީ، "އެއީ އޭނާއަށް ލެވުނު އެންމެ ކަމުދާ ހެދުން" ކަމަށެވެ. އެގޮތުން ނޭފަތުގައި އަތް އަޅައިގެން ތިބެ އެމްޓީވީ އެވޯޑް ނައިޓުގައި، ލޭޑީ ގާގާއާ ސުވާލުކުރަމުންދިޔަ ރިޕޯޓަރުންނަށް ޖަޖާބުދެމުން ލޭޑީ ގާގާ ބުނީ ހެދުން ލައިގެން ފަސް ގަޑިއިރު އުޅުނު އިރުވެސް، އެއްވެސް ނުބައި ވަހެއް ނުދުވާ ކަމަށާއި އޭނާއަށް ހެދުމުން ދުވަނީ ވަރަށް މީރު ވަހެއް ކަމަށެވެ.