ސަރުކާރާއި ރައްޔިތުން ހިއްސާވާ މައި ދެ ކުންފުނި ކަމަށްވާ، އެސްޓީއޯގެ މިދިޔަ ތިން މަހުގެ ފައިދާ މި އަހަރުގެ ދެ ވަނަ ކުއާޓާ އަށް ވުރެ ބޮޑުތަނުން ރަނގަޅުވެ، އެ މުއްދަތުގައި އެމްޓީސީސީގެ ފައިދާ ދަށަށް ހިނގައްޖެ އެވެ.

އެ ދެ ކުންފުނިން ވެސް މިހާރު ވަނީ އެ ކުންފުނިތަކުގެ މި އަހަރުގެ ތިން ވަނަ ކުއާޓާގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެ.

އެސްޓީއޯގެ ހިސާބުތަކަށް ބަލާ އިރު މިދިޔަ ތިން މަސް ދުވަހު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 187.4 މިލިއަން ރުފިޔާ ލިބި ވިޔަފާރީގެ ގެއްލުމަށް ކެނޑުމުން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއަހަރުގެ ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައި ވަނީ 34.3 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި ދިޔަ ތިން މަސްދުވަހު އެސްޓީއޯގެ ފައިދާ އަށް ވަނީ 70.5 މިލިއަން ރުފިޔާ އިތުރުވެ އެވެ. އެއީ 67.2 ޕަސެންޓްގެ ކުރި އެރުމެކެވެ. މި އަހަރުގެ މިހާތަނަށް އެސްޓީއޯ އަށް ވަނީ 181.8 މިލިއަން ރުފިޔާ ލިބިފަ އެވެ.

އެމްޓީސީސީގެ ހިސާބުތަކަށް ބަލާ އިރު މިދިޔަ ތިން މަހު އެމްޓީސީސީ އިން ވަނީ 153 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 20.10 މިލިއަން ރުފިޔާ ހޯދައިފަ އެވެ. ނަމަވެސް ވިޔަފާރީގެ ގެއްލުމާއި ހަރަދަށް ކެނޑުމުން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިއަހަރުގެ ދެ ވަނަ ކުއާޓާގައި ފައިދާ އަށް ޖެހުނު 4.2 މިލިއަން ރުފިޔާ އަށް ވުރެ 348،810ރ. މަދު އަދަދެކެވެ. އެއީ އެ ކުންފުނީގެ ފައިދާ އަށް އައި އަށް ޕަސެންޓްގެ ހީނަރުވުމެކެވެ.

އެ ހީނަރުވުމާ އެކު އެމްޓީސީސީ އަށް މި އަހަރުގެ މިހާތަނަށް ވަނީ 10.5 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީގެ ފައިދާއަށް ލިބިފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. އަދި އެސްޓީއޯ އަށް ލިބިފައި ވަނީ 181.8 މިލިއަން ރުފިޔާ އެވެ.