31 Oct 2012, 10:21
ފަނިޔާރުގެ މިނިވަންކުރުމަށް ގޮވާލައި މާލޭގެ ބައެއް މަގުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މުޒާހަރާކޮށްފި އެވެ.
ސޯސަންމަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީސް ކުރިމަތިން ރޭ ފެށި މުޒާހަރާގައި އެ ޕާޓީގެ މެމްބަރުންނާއި ޕާޓީ އަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ބައިވެރިވެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ފަނޑިޔާރުގެ މިނިވަން ކުރުމަށް ގޮވާލައި ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާ އިރު އެފަދަ ޝުއޫރުތައް ލިޔެފައި ހުރި ބެނާތައް ވެސް މުޒާހަރާގެ ތެރޭގައި ގެންގުޅުނެވެ.
"ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެން ވެސް ހާޒިރު ކުރެވޭނެ" މި ޝިއާރުގެ ދަށުން ރޭ ކުރި މުޒާހަރާ ފެށުމުގެ ގޮތުން ބައިވެރިންނާ ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ އެ ޕާޓިން ރޭ ފެށި މުޒާހަރާ އަކީ ފަނޑިޔާރުގެ މިނިވަން ކުރުމަށް ފެށި ސިލްސިލާ މުޒާހަރާތަކެއްގެ ފެށުން ކަމަށެވެ. ރޭގެ މުޒާހަރާގެ ކުރީ ސަފުގައި ތިއްބެވީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއި، ކުރީގެ ބައެއް ވަޒީރުންނެވެ.
ރޭގެ މުޒާހަރާގައި އެއްވެސް ހަމަނުޖެމެއް ހިނގާފައި ނުވާ އިރު ބައިވެެރިން ޝުއޫރު ފާޅުކުރަމުން މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހިނގަމުން ގޮސް ނިންމާލީ މުޒާހަރާ ފެށިތަން ކަމަށްވާ އެ ޕާޓީގެ މައި އޮފީސް ކުރިމައްޗަށެވެ.