31 Oct 2012, 10:16
މިދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ގަދަޔަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމާ އެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކަނޑު ދަތުރެއްކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ރޭނގަޑު ދަތުރުކުރާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރުމަށާއި، ދަތުރުކުރާ ޕަސިންޖަރުންނަށް، ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ތެލާއި ފެން އަދި ކާބޯތަކެތީގެ އިތުރުން ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން" އޮފިޝަލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ފަޅުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަން ދިނުމަށާއި ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ދަތުރުތައް ރޭއްވެވުމަށް އިލްތިމާސްކުރެ އެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ރަށްރަށެއްގައި ފެންބޮޑުވެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ އިރު ކަނޑުދަތުރު ކުރުމަށް ވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 48 ގަޑުއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށެވެ.