މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރުން ކަމަށްވާ ކްރިސް ސްމޯލިންގްއަށާއި ފިލް ޖޯންސްއަށް ލިބިފައިވާ އަނިޔާ ރަނގަޅުވަމުން އަންނަކަމަށް އެކުލަބުގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

ސްމޯލިންގް އެކޭ އެއްފަދައިން ޖޯންސްވެސް މިސީޒަނުގައި ޔުނައިޓެޑް ޓީމުން ފެނިފައެއް ނުވެ އެވެ. ސްމޯލިންގް އަނިޔާ އިން ރަނގަޅުވުމާ އެކު އޭނާ ފިޓްކުރުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ފާގަސަން ބުނެފައިވެ އެވެ.

"ސްމޯލިންގް އަވަހަށް ފިޓްކުރެވޭތޯ އަހަރެމެން މަސައްކަތް ކުރާނަން. މާދަމާރޭ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ސްމޯލިންގް ފެންނާނެހެން ހިއެއް ނުވޭ. ނަމަވެސް އަންނަ ހަފްތާ އޭނާ ފެންނާނެ." ފާގަސަން ބުންޏެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހު ޔުނައިޓެޑާ އެކު ޖޯންސް ފަރިތަކުރުންތައް ފަށާނެ ކަމަށް ވެސް ފާގަސަން ބުނެފައިވެ އެވެ. "އަންނަ ހޯމަ ދުވަހު ޖޯންސް ފަރިތަކުރުންތައް ފަށާނެ. އޭނާއަށް އަދި ދުވުންތަކެއް ފުރިހަމަ ކުރަންޖެހޭ. އުފާވެރި ހަބަރަކީ އެކުޅުންތެރިންނަށް އަވަހަށް ކުޅުމަށް އެނބުރި އާދެވޭކަން." ފާގަސަން ބުންޏެވެ.

ޖޯންސްއާއި ސްމޯލިންގްގެ އިތުރުން ޔުނައިޓެޑްގެ ކެޕްޓަން ނަމެންޔާ ވިޑިޗް ހުރީ އަނިޔާގައެވެ. ވިޑިޗްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވާނެކަމަށް ބެލެވެނީ ޑިސެމްބަރު މަހުގަ އެވެ.