ސްޕެއިން ކްލަބު އެތުލެޓިކޯ މެޑްރިޑް ދޫކޮށް ދާން ބޭނުންނުވާ ކަމަށް އެކުލަބުގެ އެންމެ އުންމީދީ ފޯވާޑް ރަޑަމައެލް ފަލްކާއޯ ބުނެފި އެވެ.

އެތްލެޓީކޯގެ ކޮލަމްބިއާ ފޯވާޑް ފަލްކާއޯ މިސީޒަނުގެ ސްޕެއިން ލީގުގައި ކުޅުނު އަށް މެޗުން ދިހަ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުންނާއި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އަދި ޗެލްސީއިން ވެސް ދަނީ ފަލްކާއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

"އެތްލެޓިކޯގައި އަހަރެން މިހިރީ އުފަލުގައި. މިވަގުތު ކްލަބު ދޫކޮށް ދާކަށް ނުވިސްނަން. އަހަރެން އެއް އިރަކު ވެސް ކްލަބު ދޫކުރާކަށް އަދި ނުވިސްނަން. އެކަމުގެ ވިސްނުމެއް އަދި ނެތް. ނަމަވެސް ކުރިއަށް އޮތްތާ ވާނެގޮތެއް ނޭނގޭ." ފަލްކާއޯ ބުންޏެވެ.

ފީފާއިން ހޮވާ ބެލޮންޑޭ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރިންގެ ލިސްޓްގައި ފަލްކާއޯ ހިމެނިފައިވެ އެވެ.

"ބެލޮންޑޭ އެވޯޑް ހޮވާނީ އެހެން ބަޔަކު. ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީއާއެކު ލިސްޓްގައި ހިމެނުމުން އުފާކުރަން. އެދެކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިން." ފަލްކާއޯ ބުންޏެވެ.