އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ރެފްރީ މާކް ކްލަޓެންބާގް ޗެލްސީގެ ދެކުޅުންތެރިއަކަށް ފުޓްބޯޅަ ދަނޑުމަތީގައި ބޭނުންނުކުރެވޭނެ ބަސްތަކެއް ރައްދުކުރުމުން ޗެލްސީ އިން ހުށަހެޅި މައްސަލަ އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން ބަލަން ފަށައިފި އެވެ.

ޗެލްސީ އިން ވަނީ މިމައްސަލަ ޕުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. މިދިޔަ އާދީއްތަ ދުވަހު 3-2 ލަނޑުން ޗެލްސީ ބަލިވި މެޗުގައި ރެފްރީ ކްލަޓެންބާގް ވަނީ އެ ޓީމްގެ ދެކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް އަށް ދެއްކި ރަތް ކާޑަކީ ރެފްރީގެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ޔުނައިޓެޑްގެ ފޯވާޑް ހާވިއާ ހެނާންޑޭޒް ކާމިޔާބުކުރި ގޯލަކީ އޮފްސައިޑް ގޯލެއްކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ.

ޗެލްސީ އިން މައްސަލަ ހުށަހެޅުމުން ކްލަޓެންބާގް އަށް ރެފްރީސް ޔޫނިއަން އިން ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވެ އެވެ. ނަމަވެސް ރެފްރީ ކްލަޓެންބާގް ޗެލްސީގެ ޖޯން އޮބި މިކެލްއަށާއި ހުއާން މަޓާއަށް ނަސްލީ ތަފާތުކުރުމުގެ ބަހެއް ބުނި ނަމަ، އެއީ މައްސަލައެއް ކަމުގައި ރެފްރީސް ޔޫނިއަން އިން ނެރުނު ބަޔާނުގައިވެ އެވެ.

"މިދިޔަ އާދީއްތަ ދުވަހު ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްއާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީއިން ހުށަހެޅި މައްސަލަ އެފްއޭއިން ބަލަން ފަށައިފި." އެފްއޭއިން ނެރުނު ބަޔާނުގައިވެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފަޑް ބްރިޖްގައި ކުޅުނު ލީގު މެޗުގައި 3-2 ލަނޑުން ޗެލްސީ ބަލިކަމުގައިވީ ނަމަވެސް ކެޕިޓަލް އަން ކަޕްގައި މާދަމާރޭ މި ދެ ޓީމް ބައްދަލުކުރާ މެޗުގައި ޗެލްސީއަށް މޮޅުވުމުގެ ފުރުސަތެއް އެބައޮތެވެ. ޗެލްސީގެ ބްރަނިސްލާވް އިވަނޮވިޗް އާއި ފެނާންޑޯ ޓޮރޭޒް އަދި ކެޕްޓަން ޖޯން ޓެރީ ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން އެކުޅުންތެރިންނަށް ނުކުޅެވޭއިރު، މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ހުރީ އަނިޔާގަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ނަމެންޔާ ވިޑިޗްއާއި ފިލް ޖޯންސް އަދި ކްރިސް ސްމޯލިންގް ވެސް ހުރީ އަނިޔާގަ އެވެ. ކެޕިޓަލް އަން ކަޕްގައި މިދެޓީމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 12:45 ގައެވެ.