ނޭޝަނަލް އިންސްޓިޓިއުޓް ފޮ އެޑިޔުކޭޝަންގެ ނަމުގައި އާ މުއައްސަސާއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސަށް އެގޮތަށް ލަފާއެރުވީ އެ އިންސްޓިޓިއުޓް އުފެއްދެވުމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.

އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވުމާ އެކު، އެ ދާއިރާގެ މަސަކަތްތައް ހަރުދަނާ ކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިތުރު ތަމްރީނާއި މަތީ ތަޢުލީމަށް ބޭނުންވެފައިވާތީ، އެކަމުގެ މައްޗަށް ވެސް މެންބަރުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިރޮނގުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން މިހާރު ހިނގަމުން އަންނަ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒާއި ސެންޓާ ފޮ ކޮންޓިނިއުއިންގް އެޑިޔުކޭޝަނުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަކީ، ވަރަށް އެއްގޮތް މަސައްކަތްތަކަކަށްވުމާ އެކު، އެ ދެ މަރްކަޒުގެ މަސައްކަތްތައް އެއްކޮށްލައި، އިންސްޓިޓިއުޓެއްގެ ގޮތުގައި އެތަން އުފެއްދުމަކީ، ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމެއްކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން، ލިބޭނެ ކުރިއެރުންތަކުގެ ތެރޭގައި، ދެ މަރްކަޒުގައި ބޭނުންކުރާ ވަސީލަތްތައް، މިހާރަށް ވުރެ ފައިދާ ހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތް ފަހިވުމާއި، މުދައްރިސުންނަށް ފަންނީ ތަމްރީނު ދިނުމާއި، ޤައުމީ މަންހަޖު އެކުލަވައިލުމާއި، ތަންފީޛު ކުރުމުގެ މަސައްކަތަކީ، ވަރަށް ގުޅުން ހުރި، އެކުގައި ކުރަން ޖެހޭ މަސައްކަތަކަށްވީހިނދު، މި މަސައްކަތްތައް ގުޅިގެން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވުން ހިމެނެ އެވެ. ހަމައެއާ އެކު، މުދައްރިސުންނަށް ފަންނީ ތަމްރީނު ދިނުމާއި، ޤައުމީ މަންހަޖު އެކުލަވާލައި ތަންފީޛު ކުރުމުގެ މަސައްކަތް، މިހާރަށް ވުރެ ޚަރަދު ކުޑަކޮށް ކުރެވޭނެ ގޮތް ހަމަޖެހިގެންދިޔުމާއި، ޤައުމީ މަންހަޖު އެކުލަވައިލުމާއި، ތަންފީޛު ކުރުމުގެ މަސައްކަތް އަވަސްވެ، ހަރުދަނާވެގެން ދިޔުމަކީ ވެސް ދެ މުއައްސަސާ އެއްކޮށްލުމުން ލިބޭނެ މުހިންމު ފައިދާތަކެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.