ޗެންނާއި (އޮކްޓޯބަރ 31): ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ތޫފާނަކަށް ބަދަލުވެ އޭގެ އަސަރު ސްރީލަންކާ އަށް ކުރުމާގުޅިގެން 4000 އަށް ވުރެ ގިނަ މީހުން ސްރީލަންކާގައި ޙާލުގައި ޖެހިއްޖެ ކަމަށް ޚަބަރުލިބިއްޖެ އެވެ.

ސްރީލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނީ މިތޫފާންގެ އަސަރުކުރީ އެޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ކަމަށާއި ނަމަވެސް ތޫފާން ދަތުރުކުރީ 80 ވަރަކަށް މޭލު ދުރުން ކަމަށެވެ. ނީލަމްގެ ބާރުގަދަވުމާ އެކު ސްރީލަންކާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް އިއްޔެ ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ސަބަބުން 4000 އަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާ ކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެ އެވެ.

އަނެއްކޮޅުން އިންޑިޔާގެ ދެކުނުގެ އައްސޭރި ފަށުގެ ސަރަޙައްދުތަކަށް މިއަދު މެންދުރެއްހާ އިރު މިތޫފާނެއް އަރާނެކަމުގެ އިންޒާރު އިންޑިޔާގެ މޫސުމާ ބެހޭ އިދާރާތަކުން އިއްޔެ ދިނުމާ އެކު ޓޭމިލްނާޑޫ އާއި އަންދްރާ ޕްރަދޭޝް އާ ކެރެލާގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ޓެމިލްނާޑޫގެ ލޯކަލް ސަރުކާރާ ޙަވާލާދީ އިންޑިޔާގެ ޚަބަރު ފަތުރާވަސީލަތްތައް ބުނާ ގޮތުން އެސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތަކާއި ކާރުޚާނާތަކާއި ވޯކްޝޮޕްތައް މިއަދު ބަންދުކުރާނެ އެވެ. އަދި ތޫފާންގެ ބާރުގަދަވާ ނަމަ މުވާސަލާތީ ޚިދްމަތްތައް ހުއްޓާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައި ވަނީ ޓެމިލްނާޑޫ އާއި އަންދްރަ ޕްރަދޭޝްއަށް ކަމަށް ވިޔަސް ލިބިދާނެ ގެއްލުންތަކަކުން ސަލާމަތް ވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ކެރެލާ ސްޓޭޓްގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ވެސް ސްކޫލްތަކާއި އޮފީސްތައް މިއަދު ބަންދުކުރާނެ ކަމަށް ޚަބަރުލިބެ އެވެ.

ނީލަމްތޫފާންގެ އަސަރު އިންޑިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް އިއްޔެ ހަވީރުން ފެށިގެން ކޮންމެވެސް ވަރަކަށް ކުރަމުންދާ ކަމަށާއި މިގޮތުން ދެކުނުގެ ސަރަޙައްދުތަކަށް ވައިގަދަވެ ބޯކޮށް ވާރޭވެހެމުންދާ ކަމަށް އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެ އެވެ. ރޮއިޓާސް ބުނާ ގޮތުން ނީލަމް ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ގަޑިއަކު 85 މޭލުގެ ބާރުމިނުގައި ޓެމިލްނާޑޫގެ ދެކުނުން ކަނޑުގެ ސަރަޙައްދުގައި ކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)