31 Oct 2012, 02:28
ލެވެލް ހަތަރެއް އަދި ފަހެއްގެ ކޯޗުން ތިއްބައި ލެވެލް ތިނެއް އެއީ ގައުމީ ލެވެލްގެ އެންމެ މަތީ ފާސް ކަމަށް ބާސްކެޓް އެސޯސިއޭޝަން ނިންމައި ލެވެލް ތިނެއްގެ ތިން ކޯޗަކަށް އިންޓަނޭޝަނަލް ކޯޗިން ލައިސަންސް ދޭން އުޅޭ ކަމަށް ބުނެ ފީބާގައި ބާސްކެޓްގެ ބައެއް ކޯޗުން މައްސަލަޖައްސައިފި އެވެ.
ސަން އަށް ކޮޕީ ލިބިފައިވާ ލިޔުންތަކުގައިވާ ގޮތުންވާ ގޮތުން 2008 ވަނަ އަހަރު އިންޓަނޭޝަނަލް ބާސްކެޓް ފެޑަރޭޝަން (ފީބާ)ގެ އިސް އޮފިޝަލަކު މާލެ އައިސް އޭނާގެ އެހީތެރިކަމާއެކު އަދި ޔޫތު މިނިސްޓްރީން ފާސްކޮށްގެން ހެދި ކޯޗިން ލައިސަންސް ސިސްޓަމް ބަދަލުކޮށް، އިންޓަނޭޝަނަލް ކޯޗުންނަށް ފީބާ އަށް ނަންފޮނުވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ. އެ ލިޔުންތަކުގައިވާ ގޮތުން ކޯޗިން ލައިސަންސް ސިސްޓަމަށް ބަދަލު ގެންނަން ނިންމީ މިހާތަނަށް ކޯޗިން ކޮމިޝަނުގެ އެއްވެސް މީޓިން އެއް ނުބާވައި ކަމަށްބުނެ އެވެ. އަދި ހުސްވި އަހަރު ބެއްވި ބާސްކެޓް އިންތިހާބަށް ފަހު ހޮވި ކޯޗާސް ކޮމިޝަނުގެ ބައްދަލުވުމެއް އަދި މިހާތަނަށް ބާއްވާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ލިޔުމުގައިވާ ގޮތުން ރާއްޖޭގައި މިހާރު ޖޫނިއާ ލެވެލާއެކު ތިބޭނީ ހަ ލެވެލެއްގެ ކޯޗުންނެވެ. އޭގެ ތެރެއިން ލެވެލް ފަހެއްގެ ދެ ކޯޗުންނަކީ ރިޓަޔާކޮށްފައިވާ ކޯޗު ހަސަން އިސްމާއީލް އާއި އިންޓަނޭޝަނަލް ކޯޗިން ސެޓްފިކެޓްގެ ފުރަތަމަ ހުސްވި ހަފުތާގައި ފުރިހަމަކުރި ޓީރެކްސްގެ ކޯޗު އިބްރާހީމް ނާހިދެވެ.
ލެވެލް ހަތަރެއްގެ ކޯޗުންނަކީ ބާސްކެޓް އެކްސްކޯ މެމްބަރު އަދި ކޯޗާސް ކޮމިޝަނުގެ ޗެއާމަން އަހުމަދު ނަޒީފާއި އިލްޔާސް އިބްރާހީމާއި އިބްރާހީމް ވަހީދު އަދި އަހުމަދު ފަޔާޒެވެ. އއަދި ލެވަލް ތިނެއްގެ ހަމައެކަނި ކޯޗަކީ މުހައްމަދު ހާޝިމް (ޑޭވިޑް) ކަމަށެވެ. މީގެ ތެރެއިން އެންމެ ފަހުން ބޭއްވި ލެވެލް ހަތަރެއްގެ ކޯޗިން ޓެސްޓުން އިލްޔާސް އާއި ނަޒީފް ފާސްވެފައިވާ ކަމަށްވެ އެވެ. ފަޔާޒު ކޯހަށް ހާޒިރުވެފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ލިޔުމުގައި އަދި ވަނީ ލެވެލްގެ ހަތަރެއްގެ ކޯޗު މުހައްމަދު ވަހީދު ލެވެލް ހަތަރެއްގެ ބަދަލުގައި އެންމެ ފަހުން ހެދީ ލެވަލް ތިނެއްގެ ރިފްރެޝާ ކޯސް ކަމަށާއި އެ ކޯހުން އޭނާ ފާސްވި އިރު ލެވެލް ތިނެއްގެ ކޯޗު ޑޭވިޑް ލެވެލްގެ ހަތެރެއްގެ ޓެސްޓުގައި ބައިވެރިވެގެން ފާސްނުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ލެވެލް ހަތަރެއްގެ ކޯޗަކު މިއަދު ބުނީ ލެވެލް ތިނެއް އެއީ އެންމެ މަތީ ފާސް ކަމަށް ނިންމަން އެކްސްކޯއިން ފާސްކޮށްފައިވާ ކަމަށެވެ.
"އެކަމަކު ކޮންމެ ގައުމެއްގައި ވެސް އެބަޖެހޭ ކޯޗިންގެ ރޭންކިން އެއް އޮންނަން. އެގޮތުން ވަރަށް ކުރިން ފެށިގެން ރާއްޖޭގައި މި އޮތީ ފަސް ލެވެލަކަށް ހަދާފައި. މީގެ ތެރެއިން މިހާރު ފަސް ލެވަލް ފުރިހަމަކޮށް އިންޓަނޭޝަނަލް ކޯޗަކަށް ވެފައިވަނީ ދެ މީހުން. ދެން މި ތިބީ ލެވަލް ހަތަރެއްގެ ހަތަރު ކޯޗުން. އެކަމަކު މިހާރު މިހެން ހެދީމަ މިއީ ވަރަށް ބޮޑު ގޯހެއް،" ކޯޗެއްގެ ގޮތުން ވެސް ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އެކޯޗު ބުންޏެވެ.
މި ވަގުތު ބާސްކެޓް ހަރަކާތްތަކާ އަމަލީގޮތުން ދުރުގައި ހުންނެވި އެކަމަކު ބާސްކެޓްގެ ވަރަށް ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ކޯޗިން ލައިސަންސަށް މިހާރު ގެންނަން ނިންމައިފައިވާ ނިންމުމުގެ ސަބަބުން ބާސްކެޓަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.
"ސަބަބަކީ އެތައް ފަހަރަކު ޓެސްޓު ހަދައިގެން ވެސް ފާސްނުވެ ތިބި އެތައް ކޯޗުންނަކަށް ފެންވަރެއްނެތި އިންޓަނޭޝަނަލް ކޯޗުންނަށްވުމުގެ ފުރުސަތު ލިބުން. އެމީހުންނަށް ގައުމީ ޓީމު ގެންގުޅުމުގެ ހުއްދަ ލިބިގެންދާނެ މީގެ ސަބަބުން. ދެން އަނެއްކާ ލެވެލް ހަތަރެއްގެ ޓެސްޓް ހަދައިގެން ފާސްވެފައިތިބި ކޯޗުން ތިއްބައި ވަކި ބަޔަކަށް ފައިދާ ހޯދައިދޭން މިހެން ހެދީމަ، މިއީ ލައިސަންސް ސިސްޓަމް ފުނޑާލުން ކަހަލަ ކަމެއް. އޭޝިޔާ ރީޖަންގައި ތިން ލެވަލް އޮތަސް ރާއްޖޭގައި ފަސް ލެވަލް ބާއްވަން ޖެހުނީ އިންޓަނޭޝަނަލް ފެޑަރޭޝަންތަކާ ވެސް ވަރަށް ބޮޑަށް މަޝްވަރާކޮށް ޔޫތު މިނިސްޓްރީގެ ވެސް އެގޮތަށް ފާސްކޮށްގެން މިތަނުގެ ހާލަތާއި ފެންވަރާ ގުޅޭގޮތުން،" ބާސްކެޓް ކޯޗިން ލައިސަންސް ސިސްޓަމް ހެއްދެވުމުގައި ވެސް ވަރަށް އިސްދައުރެއް އަދާކުރެއްވި ކުރީގެ ކުޅުންތެރިޔާ، އަދި އެސޯސިއޭޝަން ހިންގެވުމުގައި ވެސް އެތައް ޒަމާނެއްވަންދެން އިސްކޮށް އުޅުއްވި ބޭފުޅާ ވިދާޅުވި އެވެ.
މިވަގުތު ބާސްކެޓްގެ އެންމެ މަތީ ފާސް އޮތް އެއް ކޯޗު މިކަމާ ގުޅިގެން ބުނީ ލެވެލް ތިނެއްގެ ކޯޗުންނަށް އެންމެ ފަހުން ބޭއްވި ލެވަލް ހަތަރެއްގެ ޓެސްޓުން ފާސްވި ކޯޗުންގެ ނަތީޖާ މިހާރު އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު ގެނައި ބަދަލުތަކާއެކު އެނަތީޖާ ނުލިބޭ އެއްޗަކަށް ހަދަން އެސޯސިއޭޝަނުން މަސައްކަތް ކުރާ ކަމަށެވެ.
"މީގެ ވާގޮތަކީ އެކްސްކޯގައި ތިބެނީ ހަތަރު ކޯޗަކު. އެމީހުން އަތުގައި މި އޮންނަނީ އެހެން ކޯޗުންނަށްވުރެ ދަށް ފާސްތަކެއް. މިހެންވެ ނެޝަނަލްޓީމު އެއްޗިއްސަށް ދެވޭކަށްނެތް. މިހެންވެ އެކްސްކޯ ބާއްވާފައި އެމީހުންގެ މެޖޯރިޓީ އޮތީމަ ނިންމާލަކީ. ކޯޗާން ކޮމިޝަން ނުބާއްވާ. އެއީ އެމީހުން ބޭނުންވާ ގޮތަށް ނުނިމިދާނެތީވެ. އެއީ ކޯޗާސް ކޮމިޝަނުގައި ނަޒީފްއާއެކު މިތިބެނީ އެމީހުން (އެކްސްކޯގައި ތިބި ކޯޗުން) ހިތްހަމަ ނުޖެހޭ ކޯޗުން (ނާހިދު އާއި އިލްޔާސް އަދި އަހުމަދު ފިރާޝް އަދި ޝިޒްނާ ރަޝީދު). އެސޯސިއޭޝަނުގެ ރައީސް (އަހުމަދު) ހާފިޒް މާބޮޑަކަށް މިކަންކަން ނުބަލާ. ވަރަށް ބޮޑަށް ދޫކޮށްލާފައި އޮންނަނީ. އެއި ހާފިޒަކީ ކުރިން ވެސް އެގޮތަށް އުޅުއްވި ބޭފުޅަކަށްވީމަ. އެކަމަކު އެއިރު އައްލޯ އާމިރު (ކުރީގެ ޖެނެރަލް ސެކްރެޓަރީ) އާއި އަހުމަދު އިސްމާއީލް (ކުރީގެ ނާއިބް ރައީސް) ވަރަށް ރަނގަޅަށް ކަންކަން ބައްލަވާތީވެ ހާފިޒަށް އެއްވެސް ކަމަކާ ވިސްނާކަށްނުޖެހޭ. މިހާރު އެކަމަކު އެހެނެއްނޫން. ވަރަށް ބޮޑަށް ބޮއްސުންލަމުންދަނީ،"
މިކަމާ ގުޅިގެން ބާސްކެޓް އެސޯސިއޭޝަނުގެ ބަހެއްވަނީ އަދި ލިބޭގޮތްނުވެފަ އެވެ.