މަރާލުމަށް ފަހު، މާފަންނުގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއަށް އެއްލާލައިފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ ޝަރީއަތަށް، ޝީރީނުގެ ހަށިގަނޑު ލާފައި އޮތް ފޮށި އުފިލި ކާރުގެ ޑްރައިވާރާއި ޝީރީނާ އެއްގޭގައި އުޅުނު ފިރިހެނެއްގެ ހެކިބަސް ނަގައިފި އެވެ.


ޝީރީނުގެ މަރުގެ މައްސަލައިގައި  ދައުލަތުން ދައުވާ ކުރި، ޝީރީނުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަން ވިލާ ނަޖާހު ޝަރީއަތަށް މިއަދު ހާޒިރު ކުރީ ޝީރީނުގެ ހަށިގަނޑު ލާފައި އޮތް ފޮށި އުފުލި ޑްރައިވަރު، ވ. އިސްމާއިލްހިޔާ އަހުމަދު މުހައްމަދާއި ޝީރީނު އުޅުނު މ. ކުރަހާގޭ އެޕާޓުމެންޓެއްގައި އުޅޭ މިރުފަތު ހަނީފެވެ.


މިއަދު ޝަރީއަތުގައި ކާރް ޑްރައިވަރުގެ ހެކިބަސް ނެގީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ޝަރީއަތުގައި އޭނާ ބުނީ އޭނާ ޖެނުއަރީ ދެވަނަ ދުވަހު ހެނދުނު އޯކިޑް މަގު ޕިން ގަރާޖް ކައިރިން ނައްޓައިލަނިކޮށް ނަޖާހު އަތް އުފުލުމުން މަޑުކުރީމާ އޭނާގެ ކާރުގެ ޑިކީއަށް ފޮށިލައިގެން ފުރަތަމަ ދަތުރުކުރީ "ޝީން" ކިޔާ ގެއަކަށް ދާން ކަމަށާއި ނަމަވެސް ފަހުން ނަޖާހު ބުނެގެން އޭނާ ބުނާ ގޮތަށް ދުއްވަމުން ގޮސް މ. އަންގާގިރިއަށް މަޑު ކުރުމުން އެނާ ފޭބީ ކަމަށެވެ. އަދި ބުނީ ނަޖާހުއާ އެކު ފޮށި ބާލާން އެއްކޮޅުގައި ހިފައިދީ ޕޭމަންޓާ ހަމަށް ގެންދިއުމަށް ފަހު ބަރު ކަމުން ޖެއްސުން ކޮށްލުމުގެ ގޮތުން "މި ފޮށީގައި މިއީ ތިމަރަ ހެއްޔޭ" ސުވާލު ކުރިން ކަމަށާއި އޭގެ ޖަވާބުގައި "ފޮށީގައި އެހުރީ ބިއްލޫރިފުޅި" ކަމަށް ބުނި ކަމަށެވެ.


 ދެން ޝަރީއަތަށް ހާޒިރު ކުރީ ޝީރީނާ އެކު ކުރާހާގޭގެ އެހެން ކޮޓަރިއެއްގައި އުޅުނު ޝީރީނުއާ އެއްރަށެއްގެ ފިރިހެނެއް ކަމަށްވާ މިރުފަތު ހަނީފެވެ. އޭނާ ބުނެފައި ވަނީ  މީގެ ކުރިން ވެސް އޭނާ ބުނެފައިވާ ގޮތަށް ޝީރީނު އޭނާ އެންމެ ފަހުން ދުށީ 31 ޑިސެންބަރު 2009 ދުވަހުގެ ރޭ 11 ޖެހި އިރު ކަމަށެވެ.


މިއަދު ޝަރީއަތުގައި ނަޖާހު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އޭނާ ފަރާތުން ހުށަހަޅާނެ ހެއްކެތް ނެތް ކަމަށް ވެސް ވަނީ އޭނާގެ ވަކީލު ބުނެފަ އެވެ. ނަމަވެސް ދައުލަތުން ވަނީ އިތުރު ދެހެކިން ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ނަޖާހު ކުރީގެ އަނބިމީހާ ހިމެނެ އެވެ.  


މިދިޔަ އަހަރު ޑިސެމްބަރު31 ގައި ގެއްލިފައި ވަނިކޮށް  ތިން ދުވަސް ފަހުން މި އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހު  ޝީރީނުގެ ހަށިގަނޑު ފެނިފައި ވަނީ މ. ފާންނުގައި 10 ބުރިޔަށް ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. މަރުވަފައި އޮންނަތާ ގާތްގަނޑަކަށް 36 ގަޑިއިރު ފަހުން ޝީރީނުގެ ހަށިގަނޑު ފެނުނީ ބިދޭސީއަކަށެވެ.