އިބްރާހީމް ޢަލައިހިއްސަލާމް މާތްވެގެންވާ ކަޢްބަތު ﷲގެފުޅު ބިނާ ކުރެއްވީއްސުރެ ވެއަތުވެދިޔަ އެތައް ސަތޭކަ ޤަރުނެއްގެ ތެރޭގައި އެތައް މިލިއަން މުސްލިމުން ވަނީ އެ ގެފުޅަށް ޙައްޖުވުމަށްޓަކައި ފައިމަގުގައި މައްކާއަށް ދަތުރު ކޮށްފައެވެ. ނަމަވެސް އެއީ މި ޒަމާނުގައި ފަހިވެފައިވާ ދަތުރުފަތުރުގެ ވަސީލަތްތައް ތައާރަފުވުމުގެ ކުރީންނެވެ. ރޭލާއި ބަހާއި މަތިންދާބޯޓުގެ ދައުރު އިންސާނުންނަށް މަރުހަބާ ކިޔުމުގެ ކުރީންނެވެ. ޙައްޖު ވުމަށް ޓަކައި މީހަކު ދުރު ހިސާބަކުން މައްކާއަށް ހިނގައިފައި ދިޔުމަކީ މި ޒަމާނުގައި އާއްމު ކަމެއް ނޫނެވެ. މި ޒަމާނުގެ ސިޔާގުގައި އެއީ އާދަޔާ ޚިލާފު ކަމެކެވެ. ބޮސްނިއާ އެންޑް ހާރޒެގޯވިނާގެ މުސްލިމެއް ކަމަށްވާ ސިނާދު ހާޒިކް ފައިމަގުގައި ދިހަ ވަރަކަށް މަސް ދުވަހުގެ ދަތުރެއް ކޮށްފައި މައްކާއަށް ޒިޔާރަތްކޮށް، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުން އެކަން ދުނިޔޭގެ ސަމާލުކަމަށް އައި ސަބަބަކީ މިއެވެ.

އުމުރުން 47 އަހަރުގެ ސިނާދު ހާޒިކް ދަތުރު ފެށީ އޭނާގެ އުފަން ޓައުން ބެނޮވީޝީންނެވެ. ބެނޮވީޝީ އަކީ ބޮސްނިއާގެ އިރުއުތުރު ސަރަހައްދުގައި، ވެރިރަށް ސަރަޔޭވޯއާ ދާދިގާތުގައި އޮންނަ ގަރުޔާކެވެ. ބޮސްނިއާއިން މައްކާއަށް ފައިމަގުގައި ކުރާ ދަތުރަކީ ވަރަށް ދިގު، އެހާމެ އުނދަގޫ ދަތުރަކަށް ވާނޭކަން ސިނާދަށް އެނގެއެވެ. ކުރީން ތަސައްވަރު ނުކުރެވޭ ކަހަލަ ހުރަސްތަކެއް މަގުމަތީން ކުރިމަތި ވެދާނެކަން އޭނާއަށް ވިސްނެއެވެ. އެހެންކަމުން އޭނާ ދަތުރު ފެށީ ވަގުތު އޮއްވައެވެ. 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އަށް މައްކާ އަށް އައުދެވުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ޙައްޖުގެ އަޅުކަން ފެށުމުގެ ހައެއްކަ ދުވަސް ކުރީންނެވެ.

ޙައްޖު ވުމަށް ޓަކައި ހަ ގައުމުގެ ސަރަހައްދުން ފައިމަގުގައި ދިގު އަދި އުނދަގޫ ދަތުރެއް ކުރަން ސިނާދު ގަސްތު ކުރި ސަބަބަކީ ކޮބައިބާވައެވެ! މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ، ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ފައިމަގުގައި ޙައްޖަށް ދާން ސިނާދު ގަސްތު ކުރީ އެއްވެސް މާއްދީ ސަބަބެއް އޮވެގެނެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޓަކައި އޭނާ ފައިމަގުގައި ބޮސްނިއާ އިން މައްކާ އަށް ދާތީވެ އޭނާ އަށް ހުވަފެނަކުން ފެނިފައި ވެއެވެ. އެ ހުވަފެން އޭނާ މާނަ ކުރަނީ، އޭނާ ފައިމަގުގައި ޙައްޖަށް ދާން ﷲ އެދިވޮޑިގެންވާކަން އަންގައިދޭ ނިޝާނެއްގެ ގޮތުގައެވެ. ފައިމަގުގައި ޙައްޖު ދަތުރު ކުރާން ސިނާދު ގަސްތު ކުރި ސަބަބަކީ މިއެވެ.

މި ދިގު ދަތުރުގައި ސިނާދު 5650 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކުރިއެވެ. އެއީ ގާތްގަނޑަކަށް 3500 މޭލެވެ. މި ރާސްތާ އޭނާ ކަޑައްތު ކުރީ ދުވާލަކު ނިސްބަތުން ބާރަ މޭލާއި ތިރީސް މޭލާ ދެމެދުގެ މަސާފާ ހިނގައިގެންނެވެ. 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ބުލްގޭރިއާގެ ސަރަޙައްދުން މައިނަސް 35 ޑިގްރީ ސެލްސިއަސްގެ ފިނީގައި ސިނާދު ދަތުރު ކުރިއެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި އުރްދުންގެ ސަހަރާ ހުރަސް ކުރުމުގައި، 55 ޑިގްރީ ސެލްސިއަސްގެ ހޫނު ތަޖުރިބާ ކުރިއެވެ. އޭނާގެ ދިގު ދަތުރުގައި ދެ ސަހަރާ ހުރަސް ކޮށް، އަޑިގުޑަންތަކާއި ޖަންގަލި ސަރަހައްދުތައް ކަޑައްތު ކުރިއެވެ. އަތްވާއި ވާރޭގެ ހޫނުކަމާއި ހިތިކަން ތަހައްމަލު ކުރިއެވެ. އެހެންކަމުން މިއީ ފިލްމެއްގައި ފެނިގެން ދާ ފަދަ ހާދިސާއެކޭ ވެސް މީހަކު ހިތަށް އަރާފާނެއެވެ. އެކަމަކު މިއީ ހަމަ ހަގީގީ ވާހަކައެކެވެ. އީމާންކަމުގެ ދަތުރެއްގެ ހަގީގީ ވާހަކައެވެ. މުސްލިމަކު އޭނާގެ ހިތުގައި ﷲ ގެ ރަސްކަންފުޅާ މެދު އޮތް ލޯތްބަށް ޓަކައި ކުރި ދަތުރެއްގެ ވާހަކައެވެ.


ދަތުރުގެ މަގުގައި

ސިނާދުގެ ދަތުރު ފެށީ 200 ޔޫރޯ އާއި، ވިހި ކިލޯގެ ބަރުދަން ހުރި ބުރަކަށީދަބަހެއް ހިފައިގެންނެވެ. އެ ދަބަހުގެ ތެރޭގައި މާކަ ގިނަ އެއްޗެއްސެއް ނެތެވެ. އޭގައި އޮތީ ކީރިތި ޤުރްއާނުގެ މުޞްޙަފަކާއި، ބައިބަލްގެ ކޮޕީއަކާއި، އޭނާގެ ދަތުރުގައި އެ ގައުމުތަކެއްގެ ސަރަހައްދުން ދަތުރު ކުރާނޭ ގައުމުތަކުގެ ޗާޓުތަކާއި ދިދަތަކެވެ. އެ ގައުމުތަކަކީ އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ ބޮސްނިއާ އެންޑް ހާރޒެގޯވިނާ އާއި، ސާރބިއާ އާއި ބުލްގޭރިއާ އާއި ތުރުކީ އާއި ސީރިޔާ އާއި އުރްދުނާއި ސަޢޫދީ ޢަރަބިއްޔާއެވެ. އޭނާގެ ދަބަހުގެ ތެރޭގައި ހުރި އެއްޗެހިތަކުގެ ތެރެއިން އޭނާ އެންމެ ލޯބިން ގެންގުޅުނު އެއްޗަކީ އޭނާގެ މުޞްޙަފެވެ. މުޞްޙަފު ދަބަހަށް ލައިފައި އޮތީ ވެސް ފެން ނުވަންނަ ބާވަތުގެ ރަބަރު ކޮތަޅެއް ކަހަލަ އެއްޗެއްގެ ތެރެއަށް ލައިފައެވެ. އެއީ ދަތުރުމަތީގައި ވިއްސާރަގަނޑެއްގައި ޖެހުނަސް މުޞްޙަފަށް ގެއްލުމެއް ނުލިބޭނޭ ގޮތް ހަދަން ވެގެންނެވެ.

ސިނާދު އޭނާގެ އާއިލާގެ މެންބަރުންނާއި އެކުވެރީންނާ ވަދާއު ކުރުމަށް ފަހު، ބެނޮވީޝީން ނިކުތީއްސުރެ އޭނާގެ ދަތުރުގެ ޚަބަރުތަކާއި ބައެއް ފޮޓޯތައް އޭނާ ދެކެ ލޯބިވާ މީހުންނާ ހިއްސާ ކުރުމަށް ޓަކައި ފޭސްބުކް ސަފުހާއެއް އަޕްޑޭޓް ކުރަމުން ގެންދިޔައެވެ. ބެލެވޭ ގޮތުގައި މި ސަފުހާ އަޕްޑޭޓް ކުރަމުން ގެންދިޔައީ ދަތުރުމަތީގައި އޭނާ އަރައިފަރައިވާ ޝަހަރުތަކާއި އަވަށްތަކުގައި ހުންނަ ހުރުމުގައެވެ. ފޯނުން އޭނާ ދޭ މައުލޫމާތުގެ އަލީގައި އޭނާގެ އާއިލާގެ މީހުން ވެސް ބައެއް ފަހަރު އެ ސަފުހާ އަޕްޑޭޓް ކޮށްފައި ހުންނަ ކަމަށް ފެނެއެވެ. ނަމަވެސް އެ ސަފުހާގައި ލިޔުންތައް ލިޔެފައި ހުންނަނީ މުޅީން ކަހަލަ ގޮތަކަށް ސިނާދުގެ މާދަރީބަހުން ކަމަށް ވާތީ، އޭގައި ހުރި ލިޔުންތަކުގެ އެހީގައި މި ކަންކަން ކަށަވަރު ކުރެވޭ ގޮތެއް ނުވިއެވެ.

ކޮންމެއަކަސް، ސިނާދަށް އަލްވަދާއު ކިޔުމުގެ ވަގުތުގައި އޭނާގެ އަހުލުވެރީން ތިބީ ކަންބޮޑުވެފައެވެ. އޭނާ ބުނެފައި ވެއެވެ. "އަހަރެން މި ދަތުރަށް ނުކުތުމުގެ ކުރީން، އަހަރެންގެ ގާތް މީހުން ތިބީ އަހަންނަށް ވެދާނޭ ގޮތަކާ މެދު ބިރުން. އެންމެން ވެސް ކުރީ، އަހަންނަކީ މުސްލިމަކަށް ވެފައި، ސާރބިއާ އާއި ބުލްގޭރިއާ ފަދަ ނަޞާރާ ގައުމުތައް ހުރަސް ކޮށްފައި ރައްކައުތެރިކަމާ އެކު ދަތުރު ކުރެވިދާނެބާވައޭ މި ސުވާލު."

އާއިލާ އާއި އެކުވެރީންގެ މި ކަންބޮޑުވުމާ މެދު ސިނާދު މާ ބޮޑަކަށް ނުވިސްނައެވެ. ދަތުރުގެ ވަގުތު އައުމުން، އުފާވެރިކަމާއި ލޯތްބާ އެކު އެންމެންނަށް ވަދާއު ކޮށްފައި، އޭނާގެ ކަންތައް ﷲ އާ ވަކީލު ކޮށްގެން ހިނގައިގަތީއެވެ. ބޮސްނިއާގެ އިރުމައްޗަށް އޮތް ސާރބިއާ އާ ދިމާޔަށެވެ. ސާރބުންނަކީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމަޔަށް ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ވަރަށް ވަހުޝީ ހަނގުރާމައެއް ކުރި ބައެކެވެ. ސިނާދުގެ ދަތުރު ފެށުމުގެ ކުރީން އޭނާގެ އާއިލާގެ މީހުންނާއި ރައްޓެހީން ފާޅު ކުރި ކަންބޮޑުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އޭނާގެ ދަތުރުގައި ސާރބިއާ ހުރަސް ކުރަން ޖެހުމެވެ. ނަމަވެސް ސާރބިއާގެ ސަރަހައްދުން އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިލާކަށެއް އޭނާއަކަށް ނުޖެހުނެވެ. އަމާންކަމާއެކު އޭނާ ސާރބިއާގެ ސަރަހައްދުން ދަތުރު ކުރި އިރު، އާއްމު މީހުންގެ ފަރާތުން އޭނާއަށް ތަޖުރިބާ ކުރެވުނީ ހިތްހެޔޮކަމެވެ.

"އަހަރެންގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތް އެއްވެސް އިރަކު. ސާރބިއާގެ ސަރަހައްދުން ދަތުރު ކޮށްފައި އައި އިރު، އަވަށްތަކާއި ގަރުޔާތަކުގެ މީހުން މަގުތަކަށް ނުކުމެ އަހަރެން ދާތަން ބަލަން ތިބޭ. އެމީހުން އަހަންނަށް ތޮތްޕާއި އިސްޓާކީނު ފަދަ ތަކެތި ދޭ. އެއް ގަރުޔާއަކުން ސާރބިއާގެ ޕްރޮފެސަރަކު އަހަންނަށް އޭނާގެ ގޭގައި ރޭކުރުމުގެ ދަޢުވަތު ދިން. އޭނާ އަކީ ނަޞާރާއެއް. އޭނާ ބުނި ގޮތުގައި އޭނާގެ މުޅި ޙަޔާތުގައި ވެސް އޭނާގެ ގޭގައި ފައިއެޅި ފުރަތަމަ މުސްލިމަކީ އަހަރެން. އެއީ އަހަންނަށް ވަރަށް ބޮޑު ޝަރަފެއް." ސިނާދު ބުނެފައި ވެއެވެ.

ސާރބިއާގެ ސަރަހައްދު ހުރަސް ކުރުމަށް ފަހު ސިނާދު ވަނީ ބުލްގޭރިއާ އަށެވެ. އެއީ އޭނާގެ ދަތުރުގެ ފުރަތަމަ މަހުގެ ފަހުކޮޅުގައެވެ. 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހު ދުވަސްތަކުގައެވެ. އެ ދުވަސްވަރަކީ ބުލްގޭރިއާގެ ފިނި މޫސުމެވެ. ބައެއް ސަރަހައްދުތަކުގައި ފިނިކަން ހުރީ އިންސާނުންނަށް ކެތް ކުރަން އުނދަގޫ މިންވަރުގައެވެ. އެގޮތުން ސިނާދަށް އެއް ހިސާބަކުން މައިނަސް 35 ޑިގްރީ ސެލްސިއަސްގައި ދަތުރު ކުރަން ޖެހުނެވެ. ނަމަވެސް އޭނާ ހިތްވަރު ބައްޔެއް ނުކުރެއެވެ. އޭނާގެ އަޒުމަކަށް ގަދަ ފިނީގެ ކަށިޖެހުމަކުން އެއްވެސް ގުޑުމެއް ނައެވެ. އޭނާ ދިޔައީ ކުރިޔަށެވެ. މުޤައްދަސް މައްކާއާ ވީ ދިމާޔަށް ކުރިޔަށެވެ.

ޔޫރަޕުން އޭޝިއާ އަށް

ބޮސްނިއާ ފަސްދީ ސާރބިއާ އާއި ބުލްގޭރިއާ ހުރަސް ކުރުމަށް ފަހު ސިނާދު ވަނީ މުސްލިމް ޤައުމެއް ކަމަށް ވާ ތުރުކީވިލާތަށެވެ. ތުރުކީގެ ޖިއޮގްރަފީ އޮންނަ ގޮތުން، އެ ގައުމުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ޝަހަރު ކަމަށް ވާ އިސްތަންބުލް އޮންނަނީ އެ ގައުމުގެ ޔޫރަޕަށް އޮންނަ ސަރަހައްދުގައެވެ. އެހެންކަމުން ބޮސްނިއާ އިން ހިނގައިފައި އިސްތަންބުލަށް ދެވެއެވެ. ނަމަވެސް އިސްތަންބުލް ފަސްދީ ތުރުކީގެ އޭޝިއާ ފަޅިއަށް ދެވެން އޮންނަނީ ބޮސްފަރަސް ކަނޑުއޮޅި ހުރަސްކޮށެވެ. މި ކަނޑުއޮޅި ހުރަސް ކުރެވޭ އޮންނަނީ ދެ ގޮތެކެވެ. އެއް ގޮތަކީ ކަނޑުމަގުން ފެރީގެ ޚިދުމަތް ބޭނުން ކުރުމެވެ. އަނެއް ގޮތަކީ އެއްގަމު އުޅަނދެއްގައި ބޮސްފަރަސް ފާލަން ހުރަސް ކުރުމެވެ. މި ފާލަމަކީ ފައިމަގުގައި ހިނގާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އޮންނަ ފާލަމެއް ނޫނެވެ. އެހެންކަމުން އިސްތަންބުލަށް އައުމަށް ފަހު ސިނާދަށް ޖެހުނީ ހިނގައިފައި ބޮސްފަރަސް ފާލަން ހުރަސް ކުރެވޭނޭ ގޮތެއް ހޯދާންށެވެ.

އިސްތަންބުލްގެ އިދާރާތަކުން އެކަން ހަމަޖައްސައިދިނެވެ. އެ އިންތިޒާމު ހަމަޖެހެންދެން ސިނާދު ފައިބައިހުރީ ޝަހަރުގެ ހޮޓަލެއްގައެވެ. އެ ހޮޓަލުގައި ހުރެ، ނޫސްވެރީންނާއި، އިސްތަންބުލުގައި ތިބި ބޮސްނިއާގެ ދަރިވަރުންނާ ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި އޭނާގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ހަމައެއާއެކު ތުރުކީ ހުރަސް ކޮށް ދަތުރު ކުރިޔަށް ގެންދާނޭ ގޮތާ މެދު ވެސް އޭނާ ވާހަކަ ދައްކައިފައި ވެއެވެ. "އަހަރެން ބުނަންތަ؟ މި ދަތުރުގައި އަހަރެންނަށް އެއް މިލިއަން ދަތިކަމާ ކުރިމަތިލާން ޖެހިފައި ވޭ. އެކަމަކުވެސް ﷲ އިރާދަ ކުރެއްވިއްޔާ އަހަރެން މިއަދު އޭޝިއާ އަށް އަރާނަން. އެއަށްފަހު ސީރިޔާ އަށް ދާނީ. އެތާނގައި ހަނގުރާމަ ހިނގިޔަސް އަހަރެންގެ މަގަކީ އެއީ. އަހަރެން ޓޭންކާއި ވަޒަން ދެކެ ބިރެއް ނުގަނޭ. އަހަރެން ބިރު ގަންނަނީ ހަމައެކަނި ﷲ ދެކެ. އަހަންނަށް މައްކާއަށް ދެވުމުން އަހަރެމެން އެންމެންނަށް ހެޔޮދުޢާ ކުރާނަން."

އިސްތަންބުލުން މައްކާއަށް ދާން ޓިކެޓެއް ދޭން ވެސް މީހަކު ސިނާދަށް ހުށަހެޅިއެވެ. ނަމަވެސް އޭނާ އެކަމާ އިންކާރު ކުރީއެވެ. ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން، ފައިމަގުގައި މައްކާ އަށް ދާން ނިންމައިގެން އެގޮތުގައި އޭނާ ދަތުރު ކުރަމުން އައީ، އޭނާ އަށް ފެނުނު ހުވަފެނަކާ ގުޅިގެންނެވެ. "ތުރުކީގެ މުސްކުޅި، މާތް މީހަކު އަހަންނާ ބައްދަލު ކޮށްފައި ޓިކެޓެއް ދޭން ހުށަހެޅި. އެކަމަކު އަހަރެން އިންކާރު ކުރީން. ފައިމަގުގައި ޙައްޖަށް ދިޔުމުގެ ޢަމަލުން އަހަރެން ސާބިތު ކުރަން ބޭނުން ވާ ކަމަކީ އަހަރެންގެ ވެރި ﷲ ދެކެ އަހަރެން ލޯބި ވާލެއް ބޮޑުކަން. ދުނިޔޭގެ ހުރިހާ މުއްސަނދިކަމެއް އަހަރެންގެ ފައިދަށަށް އަޅައިލައިފައި، އޭގެ ބަދަލުގައި މަތިންދާބޯޓަކުން މައްކާ އަށް ދާށޭ ބުންޏަސް، އަހަރެން ފުރަގަސް ދޭނަން. އަހަރެން މައްކާ އަށް ދާނީ ހަމަ ހިނގައިފައި." ސިނާދު ބުނެފައި ވެއެވެ.

13 މިލިއަން މީހުން ދިރިއުޅޭ އިސްތަންބުލުން ފުރުމުގެ ކުރީން ސިނާދު ވަނީ އޭނާގެ ދަތުރުގެ ތަޖުރިބާގެ އަލީގައި ވަރަށް މާނަ ފުން ހަގީގަތެއްގެ ވާހަކަ ވެސް ދައްކައިފައެވެ. "އަހަރެންގެ ދަތުރުގައި އަހަންނާ ދިމާވާ ރަށްފުށުގެ އާދައިގެ ފަޤީރުން މާތްރަސްކަލާނގެ ރަސްކަންފުޅު ދެކެ ލޯބިވޭ. އެކަމަކު ޝަހަރުތަކުގައި ދިރިއުޅޭ މުއްސަނދީން ލޯބި ވަނީ އެމީހުންގެ އޭޓީއެމް މެޝިންތައް ދެކެ." ސިނާދު ބުނެފައި ވެއެވެ. ވަރަށް ބޮޑު ތެދެއް، އެހެން ނޫންތޯއެވެ!

ހަނގުރާމައިގެ ވިލާތަކެއްގެ ތެރެއިން

އިސްތަންބުލުގައި 20 ދުވަހު ހުރުމަށް ފަހު ސިނާދު ފައިމަގުގައި ބޮސްފަރަސް ފާލަން ހުރަސް ކުރިއެވެ. އެއަށްފަހު ތުރުކީގެ އޭޝިއާ ފަޅިން އިރުދެކުނަށް ދަތުރުކުރިއެވެ. އޭނާގެ މިސްރާބަކަށް ހެދީ ސީރިޔާއެވެ. ހަނގުރާމައާއި ލޭއޮހޮރުވުމުގެ ބިރުވެރި ވިލާތަކުން އެތަނެއްގެ މުޅި ފަޒާ ބައްދައިލައިފައި ވާ ސީރިޔާ އެވެ. ތުރުކީ ފަސްދީ ސީރިޔާ އަށް އެރުމުގެ ކުރީން ސިނާދު ވައުދެއް ވިއެވެ. އެ ވައުދަކީ ސީރިޔާގެ ބިމުގައި ފައި އެޅުމަށް ފަހު، އެ ގައުމުގެ އަހުލީ ހަނގުރާމައިގައި މަރުވެފައިވާ، އަދި ހާލުގައި ޖެހި ނިކަމެތި ވެފައިވާ އެތައްހާސް މީހުންނާއި ކުޑަކުދީންނަށް ހެޔޮދުއާ ކުރުމުގެ ވައުދެވެ. އެ ދިދައެއްގައި "ވިކްޓްރީ" މި ލަފުޒު އިނގިރޭސި އަކުރުން ބޮޑުކޮށް ލިޔެފައި އޮތް ސީރިޔާގެ ދިދައެއް ހޫރުވަމުން ސީރިޔާގެ ސަރަހައްދަށް އެރުމަށް ފަހު، އޭނާ އޭނާގެ ވައުދު ފުއްދިއެވެ. އެއީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ސީރިޔާގެ ހާލަތު އޮތް ގޮތުން، ސީރިޔާ ހުރަސް ކުރުމުގެ ބަދަލުގައި ތުރުކީން ޢިރާޤަށް ގޮސް، ޢިރާޤުން ސަޢޫދީ ޢަރަބިއްޔާ އަށް ދާން ވެސް ބައެއް މީހުން ސިނާދަށް ލަފާ ދިނެވެ. ނަމަވެސް އޭނާގެ ދަތުރުގެ މަގެއްގެ ގޮތުގައި ސީރިޔާ އިޚްތިޔާރު ކުރީ ވެސް އޭނާ އަށް ފެނުނު ހުވަފެނުގެ މައްޗަށް ބުރަވެއެވެ. އެ ހުވަފެނުގައި އޭނާ އަށް ފެނުނީ އޭނާގެ ޙައްޖުދަތުރުގައި ސީރިޔާ ހުރަސް ކުރަނިކޮށެވެ. އެހެންކަމުން ސިނާދުގެ ނަޒަރުގައި ﷲ އޭނާއަށް ޓަކައި ކަނޑައަޅުއްވައިދެއްވި މަގަކީ ސީރިޔާގެ މަގެވެ. ޢިރާޤުގެ މަގެއް ނޫނެވެ.

ސީރިޔާގެ ސަރަހައްދަށް ވަނުމަށް ފަހު ސިނާދަށް އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ސަރަހައްދީ ރޮނގުން ފެށިގެން، ސީރިޔާގެ އެންމެ މުހިއްމު އެއް ޝަހަރު ކަމަށްވާ ޙަލަބާ ހަމަޔަށް މަގުތަކަށް އަޅައިފައި އޮތް ބޮޑެތި ހިލަ ގާތަކުގެ ތެރެއިންނާއި މަތީން ހިނގުމުގެ ބުރަ އުފުލާންށެވެ. ނަމަވެސް އޭނާ ހިތްވަރާއި ކެތްތެރިކަމާ އެކު ދަތުރު ކުރިއެވެ. ޙަލަބަށް ދިޔުމަށް ފަހު، ސީރިޔާގެ ވެރިރަށް ދިމިޝްޤަށް ވެސް ދިޔައެވެ. ސީރިއާގެ ޢަލަވީ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންގެ ސަރަހައްދުތަކާއި، ބައްޝާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހަނގުރާމަވެރީންގެ ބާރު އޮތް ސަރަހައްދުތަކުން ވެސް އޭނާ ދަތުރު ކުރިއެވެ. އެތައް ޗެކްޕޮއިންޓެއް ހުރަސް ކުރިއެވެ. ނަމަވެސް މިއިން އެއްވެސް ތަނަކުން، އެއްވެސް ބައެއްގެ ފަރާތުން އޭނާ އަށް އިހާނެތިކަމެއް ކުރިމަތި ވެފައެއް ނުވެއެވެ.

ސީރިޔާ ހުރަސް ކުރުމަށް ފަހު ވާހަކަ ދައްކަމުން ސިނާދު ބުނެފައި ވެއެވެ. "ބައެއް ފަހަރު ހަތިޔާރު އަޅައިގެން ތިބި މީހުން އަހަރެން ހުއްޓުވައި އަހަރެންގެ ޕާސްޕޯޓު ޗެކް ކޮށްހަދާ. އެކަމަކު އަހަރެން އެމީހުންގެ ގާތުގައި ބުނަނީ އަހަރެންގެ ދަތުރަކީ ﷲ އަށް ޓަކައި ޙައްޖު ވާން މައްކާ އަށް ކުރާ ދަތުރެކޭ. އެހެން ބުނުމުން ހަނގުރާމަވެރީން ވެސް އަދި ރައީސް ބައްޝާރަށް ވަފާތެރި ސިފައިން ވެސް އަހަރެންގެ ދަތުރާއިގެން ކުރިޔަށް ދިޔުމަށް މަގުފަހި ކޮށްދޭ. ބައެއް މީހުން އަހަރެންގެ އަތުގައި އޮތް ކީރިތި ޤުރްއާނުގެ މުޞްޙަފު ދެކެފައި، އެ މުޞްޙަފު ނަގައިގެން އޭގައި ބޮސްދީ ހަދާ. އެއްފަހަރަކު ރައީސް ބައްޝާރަށް ވަފާތެރި ސިފައިންގެ ޗެކްޕޮއިންޓެއްގައި އަހަރެން ހުއްޓުވި. އަހަރެންގެ ދަތުރުގެ މަންޒިލާއި މަގުސަދާ ބެހޭގޮތުން އަހަންނާ ސުވާލު ކުރި ސިފައިންގެ މީހާއަށް ކިޔައިދިނިން. އޭނާ ބުނީ އަހަރެންނަށް ދިރިހުރެ ސީރިޔާ އިން ނުކުމެވި މައްކާ އަށް ދެވިއްޖެ ނަމަ ތިމަންނާޔަށް ހެޔޮ ދުޢާ ކޮށްދޭށޭ."

ކޮންމެއަކަސް، ސީރިޔާ ހުރަސް ކުރުމަށް ފަހު ސިނާދު ވަނީ އަމާންކަމާއި ފުރިހަމަ ޞިއްޙަތުގައި ސީރިޔާގެ ހަނގުރާމައިގެ މައިދާނުގެ އެންމެ ހޫނުގަދަ ހިސާބުތަކުގެ ތެރެއިން ރައްކައުތެރިކަމުގެ މަގާމަށް އޭނާ ގެންގޮސްދެއްވި ﷲ އަށް ޙަމްދާ ޝުކުރު ކޮށްފައެވެ.

މެހުމާންދާރީގެ ބިމެއްގައި

ސީރިޔާ ހުރަސް ކުރުމަށް ފަހު ސިނާދު ވަނީ އުރްދުން ނުވަތަ ޖޯރޑަންގެ ސަރަޙައްދަށެވެ. މި އަހަރުގެ މެދުތެރޭގެ ގިނަ ދުވަސްތަކެއް އޭނާ ހޭދަކުރީ އުރްދުންގައެވެ. އޭނާގެ ދަތުރުގެ އެންމެ އުނދަގޫ އެއް ފައްތަރު ހުރަސް ކުރީ ވެސް އުރްދުންގައެވެ. އުރްދުންގެ ސަހަރާގައި އޭނާ ވަނީ 55 ޑިގްރީ ސެލްސިއަސްގެ ހޫނުގައި ދަތުރު ކޮށްފައެވެ. ނަމަވެސް އޭނާ އުރްދުން ސިފަ ކުރީ މެހުމާންދާރީ އަދާ ކުރުމާއި ހިތްހެޔޮކަމުގައި ލާމަސީލު ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައެވެ.

"ﷲ ގެ އޯގާވަންތަކަމުން، މި ދުނިޔޭގައި ހިތްހެޔޮ އިންސާނުން ވެސް ތިބޭ. އުރްދުންގެ އަހުލުވެރީންގެ ހިތްހެޔޮކަމާއި އޯގާވެރިކަމުގެ ވާހަކަ އަހަރެން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަން ބޭނުން. އަހަރެން އުރްދުންގެ ޢަޤަބާއަށް އެރުމުން މީސްތަކުން ހުޅުވިފައި ވާ އަތްތަކަކާއެކު އަހަރެންނަށް މަރުޙަބާ ކިޔައި، އަހަރެންނަށް ހޮޓަލެއްގައި ހުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިން." އުރްދުން ހުރަސް ކުރުމަށް ފަހު އޭނާ ބުނެފައި ވެއެވެ. ސިނާދު އިތުރަށް ކިޔައިދިން ގޮތުގައި އުރްދުންގެ ސަހަރާގައި، އިންސާނެއްގެ އެތެރެހަށި ވެސް ރޯ ފިލުވާލާ ފަދަ ގަދަ ހޫނުގައި އޭނާ ދަތުރު ކުރި އިރު އުރްދުންގެ ފުލުހުން އެމީހުންގެ އުޅަނދުތަކުގައި އޭނާ އަށް ފެން ވެސް ގެނެސްދީފައި ވެއެވެ.

ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން، އުރްދުންގެ ސަހަރާގައި ސިނާދު ވަނީ 55 ޑިގްރީ ސެލްސިއަސްގެ ހޫނުގައި ވެސް ދަތުރު ކޮށްފައެވެ. ނަމަވެސް އޭނާގެ ވެރި ރަސްކަލާނގެ އެ އުނދަގޫ މަގު ވެސް އޭނާ އަށް ޓަކައި ފަސޭހަ ކޮށްދެއްވިއެވެ. ފުރިހަމަ ސިއްހަތާއި އާފިޔަތުގައި އޭނާ އުރްދުން ހުރަސް ކޮށް ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދީ ރޮނގާ ހަމަޔަށް ވާސިލު ވިއެވެ. އެ ހިސާބަށް ދެވެންދެން ވެސް އުރްދުންގެ މީހުން ގެންދިޔައީ ސިނާދަށް ވާނުވާ ބަލަމުންނެވެ. އޭނާ އަށް ބޭނުން ވެއްޖެ ކޮންމެ އެހީތެރިކަމެއް ފޯރު ކޮށްދެމުންނެވެ.

ސަޢޫދީ ޢަރަބިއްޔާ ގައި

އުރްދުންގެ ރައްޔިތުންގެ އާދަޔާ ޚިލާފު މެހުމާންދާރީއަށް ފަހު، ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދީ ރޮނގާ ހަމަޔަށް އައުމުން، ސިނާދަށް ކުރަން ޖެހުނީ ތަފާތު ތަޖުރިބާއެކެވެ. އޭނާގެ ކުރިމަތީގައި އެ ހިސާބުން ހުރަހަކަށް ވީ ފަރުބަދައެއް ނުވަތަ ސަހަރާއެއް ނުވަތަ ލޯބޯ ފިއްސާލާ ފަދަ ހޫނުކަމެއް ނޫނެވެ. މުސްލިމުންނަށް ޓަކައި މާތްރަސްކަލާނގެ ތަނަވަސް ކުރައްވައިފައި ވާ އިސްލާމީ އުއްމަތުގެ ބިމުގައި ޤައުމިއްޔަތުގެ އަހުލުވެރީން ބިނާ ކޮށްފައި ހުރި ގައުމިއްޔަތުގެ އުސް ފާރުތަކުގެ ތެރެއިން ފާރެކެވެ. ސަޢޫދީ ޢަރަބިއްޔާ އަށް ވަނުމަށް ޓަކައި ވިޒާ ނުލިބިގެން، ސަރަޙައްދީ ރޮނގުގެ ކައިރީގައި އުރްދުންގެ ސަރަހައްދުގައި ސިނާދު ދެ މަސްދުވަސް ހޭދަ ކުރިއެވެ. އެހެން ނަމަވެސް އޭނާ ޝަކުވާއެއް ނުކުރެއެވެ. އެކަމާ ބެހޭގޮތުން އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ފާޅެއް ނުކުރެއެވެ.

ދެ މަސްދުވަހަށް ފަހު ވިޒާގެ ކަންތައް ހަމަޖެހި، ސަޢޫދީ ޢަރަބިއްޔާ އަށް ވަދެވުމުން ސިނާދު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ އޭނާގެ ފޯނަށް ސަޢޫދީގެ މުއާސަލާތީ ނެޓްވޯކެއްގެ ސިމްކާޑު ލެއްވުމެވެ. އޭނާގެ އައު ނަންބަރަށް އެންމެ ފުރަތަމަ ގުޅި ފަރާތްތަކުގެ ތެރޭގައި އޭޖެންސީ ފްރާންސް ޕްރެސް ނުވަތަ އޭއެފްޕީ ހިމެނެއެވެ. އޭއެފްޕީން ގުޅުމުން ސިނާދު ވަނީ އޭނާގެ ދަތުރާ ބެހޭގޮތުން އޭއެފްޕީ އަށް ވެސް ވާހަކަ ދައްކައިފައެވެ. "އަހަރެން މައްކާ އަށް ވާސިލު ވީ ހޮނިހިރު ދުވަހު. މިއީ އަހަރެންގެ ޙަޔާތުގެ އެންމެ ހެޔޮ، އެންމެ ރަނގަޅު ދުވަސްތައް. އަހަރެން ދަތުރު ކުރީ ﷲ ގެ އިސްމުފުޅުން، އިސްލާމް ދީނަށް ޓަކައި، ބޮސްނިއާ ހާރޒެގޯވިނާ އަށް ޓަކައި، އަހަރެންގެ މައިންބަފައިންނަށް ޓަކައި، އަދި އަހަރެންގެ އަންހެން ކޮއްކޮ އަށް ޓަކައި." އޭއެފްޕީއަށް ވާހަކަ ދައްކަމުން ސިނާދު ބުންޏެވެ.

ސަޢޫދީގައި ހުރެ ސިނާދު ވަނީ ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯރޕަރޭޝަން ނުވަތަ ބީބީސީގެ "ވޯރލްޑް އަޕްޑޭޓް ޕްރޮގްރާމް" އަށް ވެސް ބަސްދީގަތުމެއް ދީފައެވެ. އެ ބަސްދީގަތުމުގައި އޭނާ ބުނެފައި ވާ ގޮތުގައި އޭނާގެ ދަތުރުގެ ކާމިޔާބީގެ އަސްލަކީ ﷲ ގެ ރަޙުމަތްޕުޅެވެ. އޭނާ އަށް އެ ދަތުރު ކާމިޔާބު ކުރެވުނީ ﷲ އަށް ވަކީލު ކޮށްގެން ހުރެ ކުރިމަތި ވި ދަތިތަކާއި އުނދަގޫތައް ތަހައްމަލު ކުރަމުން ކުރިޔަށް ދާން ހިތްވަރާއި ހިންމަތް ކުރުމުގެ ސަބަބުންނެވެ. "އަހަރެންނާއެކު އަހަރެންގެ ވެރިރަސްކަލާނގެ ވޮޑިގެންވާ ކަމާއި، އެކަލާނގެ އަހަރެން ރައްކައުތެރި ކުރައްވައި އަހަންނަށް މަގު ދައްކަވާކަން ހިތުގެއަޑީން ޤަބޫލުކޮށް، އެކަލާނގެ ރަސްކަންފުޅަށް ވަކީލު ކޮށްގެން އަހަރެން ނެތް ނަމަހީ، އަހަންނަށް މައްކާ ކީއްކުރަން ބުލްގޭރިއާއާ ހަމަޔަށް ވެސް ނުދެވުނީސް. އަހަރެން ހަތް ޤައުމު ހުރަސް ކުރީން، ދެ ޞަޙަރާ ހުރަސް ކުރީން، 5650 ކިލޯމީޓަރު ގެ މަސާފާ އަށް ހިނގީން، އެއީ އަތުގައި ފައިސާއެއް ނެތި، ހަމައެކަނި 20 ކިލޯގެ ބުރަކަށީދަބަހެއް ހިފައިގެން" ސިނާދު ބުނެފައި ވެއެވެ.

ކޮންމެ އަކަސް، ސިނާދު ހާޒިކްގެ ދިގު އަދި އުނދަގޫ ދަތުރުގެ ނިމުން އައީ ފޮނިކޮށެވެ. އޭނާ ވަނީ މި އަހަރުގެ ޙައްޖު މޫސުން ފެށެންވާ އިރަށް މައްކާއަށް ވާސިލުވެ، ޙައްޖުގެ އަޅުކަން އަދާ ކޮށްފައެވެ. އޭނާގެ ޙައްޖަކީ ﷲ ގެ ޙަޟުރަތުގައި މަގުބޫލު، މަބްރޫރު ޙައްޖެއް ކަމުގައި ވުމީ އަޅުގަނޑުމެންގެ ދުޢާއެވެ. ސިނާދުގެ އީމާންކަމުގެ ދަތުރަކީ ތާރީޚުގައި އެ ދަތުރެއްގެ ވާހަކަ ލިޔެވި ރައްކައު ކުރުން އެކަށީގެންވާ ދަތުރެއް ކަމާ މެދު މާކަ ގިނަ ބަޔަކު ޚިޔާލު ތަފާތު ވާނެހެނެއް އަޅުގަނޑަކަށް ހީއެއް ނުވެއެވެ.

އަޅުގަނޑުމެން ދިވެހީންނަށް ބޮސްނިއާ އެނގުނީ މީގެ ދިހަ ވަރަކަށް އަހަރު ކުރީންނެވެ. 1992 ވަނަ އަހަރުން ފެށިގެން ތިން ހަތަރު އަހަރު ވަންދެން، ކްރިސްޓިއަން ސާރބް ސިފައިން ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ވަހުޝީ ގަތުލުއާއްމުތަކާއި އަނިޔާތަކާ ބެހޭ ޚަބަރުތަކުގެ އަޑު ދުނިޔޭގެ ކަންކޮޅުތަކުގައި ގުގުމަމުން ދިޔަ ދުވަސްވަރުގައެވެ. މި ދެންނެވި އަނދިރި ދުވަސްތަކުގައި ބޮސްނިއާގެ މުސްލިމުންގެ ޒައާމަތުގައި ހުންނެވި އަލިޖާ އިއްޒަތުބެގޮވިޗަކީ ވެސް ބޮސްނިއާގެ މުސްލިމުންގެ ޚާއްސަކަން އިތުރު ވެގެންދާ ސަބަބެކެވެ. ބެލެވޭ ގޮތުގައި ފަހުގެ ތާރީޚު ދުށް އެންމެ މަތިވެރި އިސްލާމީ ސިޔާސީ ލީޑަރަކީ އިއްޒަތުބެގޮވިޗެވެ.

ނަމަވެސް މި ފަހަރު ބޮސްނިއާގެ ވާހަކަ ދައްކަން މި ޖެހުނީ ވަރަށް ތަފާތު ސަބަބަކާ ހުރެއެވެ. ބޮސްނިއާގެ މުސްލިމުންގެ ތެރެއިން ވަރަށް އާދައިގެ މީހެއްގެ ފަރާތުން ފެނިގެން ދިޔަ އީމާންކަމުގެ ރިވެތި މިސާލެއްގެ ސަބަބުންނެވެ. މިއީ ތިމާމެންގެ ވިޔަފާރި އާއި ވަޒީފާ އާއި ބޭންކް އެކައުންޓުގެ ތުނިކަން ފަދަ މާއްދީ ސަބަބުތައް ދައްކައިގެން ޙައްޖުގެ އަޅުކަމަށް އެތައް މިލިއަން މުސްލިމުން ފުރަގަސް ދެމުންދާ ޒަމާނެވެ. ދިވެހިރާއްޖެ ފަދަ މުސްލިމް ގައުމުތަކުގެ ވެރިކަން ކޮށްފައި ތިބި "ލީޑަރުން" މައްކާ މަތީން އުދުހިފައި ދެއިރު ދެދަޅަޔަށް ލަންޑަނަށް ގޮސްއައިސްވާ އިރުވެސް ޙައްޖު ނުވެ ތިބި ޒަމާނެވެ. ބޮސްނިއާގެ މުސްލިމުންނަށް ޓަކައި ތިމާމެންގެ ހިތްތަކުގައިވާ "ލޯތްބާއި ކުލުނުގެ ރަމްޒެއްގެ" ގޮތުގައި ވެރިރަށުގައި ހުރި ފާފަޔާއި ޖަރީމާގެ ހާލިތަކަށް "ބޮސްނިއާ ސިޓީ" ގެ ނަން ދީގެން "ދިވެހި މުސްލިމުން" އުޅޭ ޒަމާނެވެ. މިފަދަ ޒަމާނެއްގައި ބޮސްނިޔާގެ ލޮބުވެތި އަޚް ސިނާދު ހާޒިކް އެ ދައްކައިދިން ނަމޫނާ އަކީ ފާފަޔާއި ކުފުރާއި ޝައިތާނިއްޔަތުގެ އަނދިރި އަދި ބިރުވެރި ވަޅުގަނޑަށް ގެނބެމުންދާ ރާއްޖެ ކަހަލަ ގައުމުތަކުގެ މުސްލިމުންނަށް ބޮޑު އިބުރަތެއްކަން ޔަގީނެވެ. މިއީ ކޮންމެވެސް މީހަކު ފައިމަގުގައި ބޮސްނިއާއިން މައްކާއަށް ކުރި އާދައިގެ ދަތުރެއް ކަމަށް ބުނެ ނިންމައެއްނުލެވޭނެއެވެ. މިއީ ވިސްނައި ފިކުރު ކުރާ މުސްލިމުންނަށް ލިބުނު "ވޭކްއަޕް ކޯލެއް" ކަން ޔަގީނެވެ.