ތަހުގީގު ކުރަމުން އަންނަ ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގެ ޑޮކިއުމެންޓްތައް ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގި ހުޅުޖެހުމުގެ ހާދިސާގައި އަދައިގެން ގޮސްފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.


އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގައި ހުޅުޖެހުމުގެ ސަބަބުން ފަސް އަތޮޅެއްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ލިޔެ ކިޔުންތަށް ނެތި ގޮސްފައިވާތީ އެ މައްސަލަތައް ބެލުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.


"އަޅުގަނޑަށް ފާހަގަކުރެވޭ ފަސް އަތޮޅެއް އެބައުޅޭ. މައްސަލަތަކުގެ ލިޔުންތަށް ހޯދުމުގައި [ފެބްރުއަރީ 8 ގައި ހިނގި ހުޅުޖެހުމުގެ ހާދިސާ] މިކަމާ ގުޅިގެން ދަތިތަށް ދިމާވެފައި ހުރި،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުޖެހުމުގެ ސަބަބުން ލިޔެކިޔުންތައް އަނދައިގެން ދިޔަނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރުން އެ ކޮމިޝަނުން ހުއްޓާނުލާނެ ކަމަށާއި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެ މައްސަލަތަކާ ގުޅޭ ލިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

"ލިޔެކިޔުންތައް އަނދައިގެން ދިޔަ ނަމަވެސް އަޅުގަނޑުމެން އެ މައްސަލަތައް ކްލޯޒެއް ނުކުރަން. ދައުލަތުގެ ކަމާ ގުޅުންހުރި އެހެން އިދާރާތަކުން އެކަމާ ގުޅޭ ލިޔުންތައް ހޯދުމާއި އަދި އެއާއި ގުޅޭގޮތުން އެހެނިހެން ފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތުތަކާއި ބަޔާންތަށް ނެގުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން،" މުއައްވިޒު ވިދާޅުވި އެވެ.

ފެބުރިއަރީ އަށް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އަދި އެދުވަހު ހިނގައިދިޔަ ހަމަނުޖެންތަކާ ގުޅިގެން ފުލުހުން ފޮނުވާފައިވާ ގިނަ މައްސަލަތަކެއް ޕީޖީ އޮފީހުން މިހާރު ވެސް ދަނީ ދިރާސާ ކުރަމުންނެވެ.

ދައުލަތުގެ މުދަލަށް ގެއްލުންދީ ދައުލަތުގެ އިމާރާތްތަކާއި އެތަންތަނުގައި ބޭނުންކުރަމުން ދިޔަ ވެހިކަލްތަކުގައި ހުޅުޖެހުމުގެ ސަބަބުން 180 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.