30 Oct 2012, 23:04
އިއްޔެ އާއި ރޭ ހުއްޓުމެއް ނެތި ބޯކޮށްވެހުނު ވާރޭގައި ހއ. ހޯރަފުށީގައި ފެންބޮޑުވުމާ ގުޅިގެން އެ ރަށުގެ 95 ގެއަކަށް ގެއްލުންވެ 600 އެއްހާ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މައުރޫފް ވިދާޅުވީ ވިއްސާރައިގައި ލިބުނު ގެއްލުން ތަކުގެ އަދަދު މިލިއަނުން ގުނާލެވޭނެ ކަމަށާއި ރޭގެ ވިއްސާރައިގައި ފެންބޮޑުވެ އުޅެވޭ ވަރު ނުވެގެން 95 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އެ ގެތަކުގައި ދިރިއުޅެމުން ދިޔަ 600 މީހުންނަށް ފެންބޮޑުވުމުގައި އަސަރު އެކި ވަރަށް ކޮށްފައިވާއިރު ގެ ތަކުގައި ހުރި އިލެކްޓްރޯނިކްސް ސާމާނާއި، ހިފާގެން ގެންގުޅޭ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. '
އަދި ރޭގެ ވާރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ފުރާޅު ހަލާކުވެ އެތެރެއަށް ވާރޭ ވެހުމުގެ ސަބަބުން ތަނުގައި ބޭނުން ކުރަމުން އައި އަގު ބޮޑެތި މެޝިނަރީ އާއި އެނދު ފަދަ ތަކެތިވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިރަށުގެ ސިއްހީ މަރުކަޒަކީ ކުރިންވެސް ވަރަށް ހާލުގައި ހުރި ތަނެއް. އެހެން ހުއްޓާ އަނެއްކާ މިކަންތައް ދިމާވީ. ވިއްސާރާގައި ފުރާޅު ހަލާކުވެ ތަނުގެ އެތެރެއަށް ވާރެ ވެހުމުގެ ސަބަބުން މެޝިނަރީ އާ އެނދުތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަސް ހަލާކުވެފައި،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ޖަންކްޝަންތައް ފުރި ރަށުތެރޭގައި ހެދިފައި ހުރި ފެންކޯރުތަކުގެ ތެރެއަށް ނަޖިހުގެ އަސަރު ކޮށްފައި ވާތީ ކަމާއި ބެހޭ ފަރާތްތަކުގެ އެހީތެރިކަން ނުލިބިއްޖެ ނަމަ ބަލިމަޑުކަމެއް ފެތުރުމުގެ ބިރުވެސް އޮތް ކަމަށާއި، މިވަގުތު އެ ރަށަށް ބޭހާއި، ޓެންޓްގެ އިތުރުން ބާލީހާއި ގޮދަޑި ފަދަ ތަކެތިވެސް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރަށުގެ ޒުވާނުން މިހާރު ޓާސްކް ފޯހެއްވެސް އެކުލަވާލައިގެން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ބައެއް ވިޔަފާރިވެރިންގެ ފަރާތުން އެރަށައް ފައިސާ އާ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ޗަންޕާ މުހައްމަދު މޫސާގެ ފަރާތުން 250،000ރ. ގެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އޭގެ އިތުރުން ސަން ޓްރެވެލްގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ފަރާތުން ފުރަތަމަ ވަގުތުން ފެށިގެންވެސް ބޮޑަތި އެހީތަކެއް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދި ޓީވީ އާ ދި އެފްއެމްގެ ޗެއާމަން މިހާރު ވަނީ 250،000ރ. ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި. އަދި ސަން ޓްރެވެލްގެ ފަރާތުންވެސް އެންމެ ފުރަތަމަ ވަގުތުންފެށިގެންވެސް އަޅުގަނޑުމެންނަށް ގެންދަނީ ވަރަށް ބޮޑެތި އެހީތެރި ކަމެއް ދެމުން،" މައުރޫފް ވިދާޅުވި އެވެ.
މިހާރު ރާއްޖެ އަށް ކުރަމުންގެންދާ ވިއްސާރާގައި ހޯރަފުށީގެ އިތުރުން އެ އަތޮޅު ބާރަށާއި، ހދ. ހަނިމާދޫ އާ އަދި އައްޑޫ އަތޮޅުގެ ރަށްރަށައްވެސް ވަނީ ގެއްލުން ލިބިފަ އެވެ. ވިއްސާރާގައި ރައްރަށައް ލިބުނު ގެއްލުންތައް ބެލުމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކުގެ އެ ރަށްރަށައް މިހާރުވަނީ ދެ މަންދޫބަކުވެސް ފޮނުއްވަން ނިންމަވައިފަ އެވެ.
މީޓިއޮރޮޖިކަލް ޑިޕާޓްމެންޓުން މިއަދު ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް ހަގަޑީއިރުގެ ތެރޭގައި ގަދަ ވަޔާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ލަފާކޮށްފަ އެވެ.
"ރާއްޖެ އަށް މިހާރު ކުރަމުން މިދާ ވިއްސާރަ އަކީ އަވަށްޓެރި ސްރީލަންކާގެ ޓްރިން ކޮމަލީގެ އިރު އުރުގައި އުފެދިފައިވާ 'ނީލަމް' ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އެއް. ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށް ކަނޑުތައް ގަދަ ވާނެ. ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވެ ތިބުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" މެޓް އޮފީހުން ބުންޏެވެ.