ސަރުކާރާއި ރައްޔިތުން ބައިވެރިވާ، ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާ މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު 200 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު އާންމު ކުރި ކުރު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކަނި ބޭންކަށް 161 މިލިއަން ރުފިޔާ ފައިދާ ވެފައިވާ ކަމަށެވެ. އަދި އެއީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ އަށް ލިބުނު 40 މިލިއަން ރުފިޔާއާ އަޅާ ބަލާ އިރު، 121 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބޭންކުން ބުނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ބޭންކުގެ ހިންގުމުގެ ފައިދާ އަކީ 402.7 މިލިއަން ރުފިޔާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ، ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 39.2 މިލިއަން ރުފިޔާ، 12 ޕަސެން އިތުރުވެފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ކުރީ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ އިންޓަރެސްޓްގެ ގޮތުގައި 333.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ 372.8 މިލިއަން ރުފިޔާ ކަމަށް ބޭންކުން ބުންޏެވެ.