30 Oct 2012, 20:58
ނ. ރަންދެލި ރިސޯޓްގެ މާލޭ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ބަޔަކު ހޯދުމަށް ފުލުހުން މިރޭ އިއުލާންކޮށްފި އެވެ.
ދާރުލްއާސާރު ކުރިމައްޗަށް ވާގޮތަށް އޮންނަ ކެނެރީ މަގުގައި ހުންނަ އެ އޮފީސް ފަޅާލާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ އޮފީސްތެރެއިން ވަގަށް ނަގާފައިވަނީ 80،000ރ. އާއި 3000 ޑޮލަރު،(46260ރ.) އެވެ. އެއީ ރުފިޔާއިން ބަލާނަމަ 126،260ރ. އެވެ.
އެ މައްސަލައާ އެކު ފުލުހުން ވަނީ އެ އޮފީސްތެރޭގައި ވަގުން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ހަ މިނެޓްގެ ސީސީޓީވީ ފްޓޭޖްވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު 4:30 ގައި މޫނު ނިވާކޮށްގެން ތިބި ތިން މީހަކު އެ އޮފީހުގެ ތެރެއަށް ވަދެ ހަރަކާތްތެރިވާ މަންޒަރުފެނެ އެވެ. އެ މީހުން އެ ވައްކަމަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓެވެ. އެތަނުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔުމުގެ ތެރޭގައި އޭގެ ތެރެއިން އެކެއްގެ މޫނު ފެނެ އެވެ. ނަމަވެސް އެ އެންމެންވެސް ތިބީ ކާކުކަން ނޭންގޭ ގޮތަށް މޫނުމަތީ ފޮތިގަނޑެއް އަޅައިގެންނެވެ. އަދި ކޮންމެ މީހެއްގެ އަތަށް އަންގިވެސް ވަނީ ލައްވައިފަ އެވެ.
ފުލުހުން މިހާރު އިލްތިމާސްކޮށްފައި ވަނީ އެ ވީޑިއޯއިން ފެންނަ ތިން މީހުންނާއި އަދި އެ މައްސަލައާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ނަމްބަރު؛ 3322111 ނޫނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށެވެ.
https://www.youtube.com/watch?v=i0xKQIswwuc