ޖަލަޕީނޯ ރެސްޓޯރެންޓް ތެރެއިން ބަނގުރަލުގެ ތުހުމަތުގައި ހައްޔަރު 18 މީހުންގެ ތެރެއިން 15 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެ ރެސްޓޯރަންޓަށް ވަދެ ހުކުރު ދުވަހުގެ ރޭ ފުލުހުން އެތަނުން ހައްޔަރު ކުރި މީހުންގެ ތެރެއިން 15 މީހަކު ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ. އަދި އަނެއް ތިން މީހުން މިހާރު ވެސް ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އެތަނުން ފުލުހުން ހައްޔަރު ކުރި 18 މީހުންގެ ތެރެއިން 15 މީހަކު ވަނީ ދޫކޮށްލާފައި. އެމީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް އެމީހުން ގެންދިޔުމުން އެ ކޯޓުން. އަނެއް ތިން މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާ އެކު ބަޔަކު ހައްޔަރުކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ވަނީ އެތަން ބަންދުކޮށްފަ އެވެ.

ފުލުހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަނގުރާ ފުޅިތަކަކާ އެކު ބަޔަކު ހައްޔަރުކޮށް ޖަލަޕީނޯ ބަންދުކުރީ މާލެ ތެރެއަކީ އަމާންތަކަށް ހެދުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ކަމަށާއި އިތުރު އެހެން ތަންތަން ވެސް އެ އޮޕަރޭޝަންގެ ދަށުން ފުލުހުން ބަލައި ފާސްކުރަމުންދާނެ ކަމަށެވެ.