ވޮޝިންޓަން (އޮކްޓޯބަރ 30): ސޭންޑީ ތޫފާންގެ ސަބަބުން އެމެރިކާގައި 17 މީހަކު މަރުވެ އެމެރިކާގެ ސްޓޭޓްތަކަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ލިބި އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ނިޔުޔޯކާއި ނިއުޖާސީ އާއި ލޯންގްއައިލެންޑާއި އެޓްލާންޓިކް ސިޓީ އަދި ޕެންސިލްވީނިޔާގެ ބައެއް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު 10 ފޫޓަށް އަރާފައިވާ އިރު ޢިމާރާތްތަކަށާއި ގެތަކަށް ފެންވަދެ ޢާންމު ދިރިއުޅުމަށް ދަތިވެ އެތައް ލައްކަ ބަޔަކު ޙާލުގައި ޖެހެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ބިމުއަޑީގެ މެޓްރޯ ރޭލްވޭތަކަށާއި ސަބްވޭ ތަކަށާއި ބިންގަރާސްތަކާއި ކާރުޕާކްކުރާ ތަންތަނަށް ވެސް ފެންވަނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށްވެ އެވެ.

އަނެއްކޮޅުން ނިއުޖާސީގައި ހުންނަ އޮއިސްޓާ ކްރެކް ނިއުކްލިޔާ ރިއެކްޓަރު ސަރަޙައްދުގައި ވެސް އާދަޔާ ޚިލާފަށް ފެން ބޮޑުވުމުގެ ސަބަބުން އެރިއެކްޓަރަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވިފައިވާތީ އެމެރިކާގެ ނިއުކްލިޔާ އެނާޖީއާ ބެހޭ ކޮމިޝަނުން ވަނީ އެރިއެކްޓާ ސަރަހައްދުގައި ކުއްލި ޙާލަތު އިޢްލާންކޮށް ރޭޑިއޭޝަން ލީކުވެދާނެ ކަމުގެ ބިރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި އަދި ރައްކާވެތިބުމަށް ރައްޔިތުންނަށް އިންޒާރުގެ މެސެޖްތައް ފޮނުވަން ފަށާފަ އެވެ.

ނިޔުޔޯކަށް ކަރަންޓް ފޯރުކޮށްދޭ މައި ކުންފުނީގެ ތަރްޖަމާނެއް ކަމަށްވާ ކޯން އެޑިސަން ވިދާޅުވީ އެރަށުގެ ބޮޑުބައެއްގައި ކަރަންޓް ނެތްކަމަށާއި ކަރަންޓް ގެ ޑިސްޓްރިބިއުޝަން ސްޓޭޝަންތަކާއި އެނޫން މަރުކަޒުތައް ވެސް ތޫފާންގެ ނުރައްކަލުން ސަލާމަތްކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާކަމުގަ އެވެ. މެންހާޓަން އަށް ކަރަންޓް ފޯރުކޮށްދޭ އެކުންފުނީގެ މައި ސްޓޭޝަންގައި އެއްޗެއްގޮވި ކަމުގެ ޚަބަރެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް މިކަން ކަށަވަރެއް ނުވެއެވެ.

ސޭންޑީ ތޫފާން މިހާރު މެރީލޭންޑް ވާޖީނިޔާ މިޗިގަން އަށްވެސް އަރަމުންދާ ކަމަށާއި ތޫފާންގެ ބާރުގަދަވަމުންދާ ކަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ބުނެ އެވެ. ސޭންޑީ ނިޔުޔޯކަށް އެރިވަގުތު އައި ބާރުގަދަވަޔާ އެކު ވަރަށް ބޮޑު ކެރޭނެއް ވެއްޓުމުގެ ސަބަބުން ހަތަރު ބުރީގެ ޢިމާރާތެއް ވަނީ ވެއްޓި ހަލާކުވެފަ އެވެ. މިއީ 90 ބުރީގެ އިމާރާތަކާ އެއްވަރުގެ އުސްމިން ހުރި ކެރޭނެއްކަމަށް ވެއެވެ. މީގެއިތުރުން ސޭންޑީ އެރި ސަރަޙައްދުތަކުގެ ގަސްތައް ވެއްޓި ކޭބަލްތައް ބުރިބުރިވެ ބައެއް ގެތަކުގެ ފުރާޅުތައް ވެސް އުކާލާފައިވާ ކަމަށް ވެސް ޚަބަރުލިބެ އެވެ. ސޭންޑީ
ތޫފާނާގުޅިގެން ކުއްލި ޙާލަތު އިޢްލާންކޮށްފައިވާ ސްޓޭޓްތަކުގެ ތެރޭގައި ނިޔުޔޯކާއި ވޮޝިންޓަންގެ އިތުރުން މެރީލޭންޑް، ވާޖީނިޔާ، މިޗިގަން، ނިއުޖާސީ ވުޑްއައިލެންޑް، ޕެންސިލްވީނިޔާ، ކޮނިކްޓިކެޓް، މަސަޗޫސެޓްސް އަދި އޮހާޔޯ ހިމެނެ އެވެ. (ނޫސްއެޖެންސީތައް)