ރާއްޖޭގައި އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ) އާއި އިސްލާމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ސީއެމްޑިއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ފާތުމަތު ޝަފީގާ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެ ހަފްލާގައި ސީއެމްޑީއޭގެ ސީއީއޯ ފާތުމަތު ޝަފީގާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ކެޕިޓަލް ފުޅާކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި "މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ކެޕިޓަލް މާކެޓް އެންޑް ފައިނޭންސްގެ" ނަމުގައި އިސްމިކް ފައިނޭންސް ސެންޓަރެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

"މިގޮތުން ގާއިމްކުރެވޭ އިސްލާމިކް ފައިނޭންސް ސެންޓަރުގެ ދަށުން އިސްލާމިކް ފައިނޭންސްގެ ތަފާތު ހިދުމަތްތަށް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ފޯރުކޮށްދިނުމަށް މަގުފައިވެގެންދާނެ،" ޝަފީގާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް ރާއްޖޭގައި ފުޅާކުރުމަށް ހުރި ދަތިތަކަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ކުރަން އެއްބަސްވެފައިވާ ހުރިހާކަމެއްވެސް އެންމެ ފުރިހަމައަށް ކުރާނެ ކަމަށެވެ.