ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް މަޝްވަރާކުރުމަށް ގައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ކުރާނެ ކަންކަން ދެނެގަނެ އެކަން ހާސިލުކުރުމުގައި ދިމާވެދާނެ ދަތިތަކާއި ހުރަސްތަށް ފާހަގަކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާ އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ކަމަށެވެ.

އެ މަހާސިންތާގައި ކަމާގުޅޭ މިނިސްޓްރީ ތަކުގެ އިތުރުން ކައުންސިލްތަކާއި ތިމާވެށީގެ ތަޖުރިބާ ކާރުން ބައިވެރިކުރާގޮތަށް ނިންމާފައިވާކަމަށް ވެސް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ. އަދި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭރުގެ ބައެއް ޖަމާއަތްތަކުގެ ވެރިންނަށް ވެސް އެ މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކަން އިއުލާން ކުރައްވާފައި ވަނީ މި އަހަރުގެ ޖޫން މަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި ރިއޯ 20+ ސަމިޓުގަ އެވެ.