މަގާމާއި ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކުރީގެ މިނިސްޓަރު އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާ އިބްރާހިމް ހުސެއިން މަނިކުގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ބުނީ 2001 ވަނަ އަހަރާއި 2002 ވަނަ އަހަރު ސިންގަޕޫރުގެ ޕްރޯ އޯޑިއޯ ޕްރައިވެޓް ލިމިޓެޑުން ޓީވީ މޯލްޑިވްސް އަށް ބައެއް ސާމާނު ގަނެފައި ވަނީ ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދާއި ޚިލާފަށް ކަމަށް އޭސީސީއަށް ފާހަގަ ކުރެވިގެން އެ މައްސަލަ ބެލި އިރު އެތަކެތި ޓީވީ އަށް ގަނެ، ފައިސާ ފޮނުވާފައި ވަނީ އޭރުގެ މިނިސްޓަރު އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާ އިބްރާހިމް ހުސެއިން މަނިކު މަގާމާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެތަކެތި ޓީވީއެމަށް ގަތުމުގައި ޢަމަލު ކޮށްފައި ވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާގެ ދަށުން މ. ސަމަރުބުލޫ އިބްރާހިމް ހުސެއިން މަނިކުގެ މައްޗަށް ދަޢުވާ ކުރުމަށް އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.


އޭސީސީން ބުނީ 2001 ވަނަ އަހަރާއި 2002 ވަނަ އަހަރާ ދެމެދު ޖުމްލަ 1،084،740 ސިންގަޕޫރު ޑޮލަރު ޓީވީ އެމުން ޕްރޯ އޯޑިއޯ އަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ޕްރޯ އޯޑިއޯ ބަގުރޫޓް ވުމާއި ގުޅިގެން 2001 ވަނަ އަހަރު އޯޑަރު ކުރި ތަކެތީގެ ތެރެއިން ނުލިބި ވަނީ 162،715 ސިންގަޕޫރު ޑޮލަރުގެ އިކުއިޕްމަންޓް ކަމަށެވެ. އަދި 2002 ވަނަ އަހަރު އޯޑަރު ކުރި 567،340 ސިންގަޕޯރު ޑޮލަރުގެ އިކުއިޕްމެންޓްގެ ތެރެއިން އެއްވެސް އެއްޗެއް ޓީވީ އަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން 730،055 ސިންގަޕޫރު ޑޮލަރުގެ ތަކެތި ލިބިފައިނުވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.


ޕްރޯ އޯޑިއޯ ބަގުރޫޓްވުމާއި ގުޅިގެން ޓީވީ އިން އެތަނަށް ދެއްކި ފައިސާގެ ތެރެއިން އެ ކުންފުނި ބަގުރޫޓް ވުމުގެ ސަބަބުން 730،055 ސިންގަޕޫރު ޑޮލަރުގެ ތަކެތި ލިބިފައިނުވާ ކަމަށެވެ. އަދި އެ ކުންފުނި ބަގުރޫޓް ވުމާއި ގުޅިގެން އޭރުގެ މޯލްޑިވިއަން ގަވަމެންޓް ޓްރޭޑް ސެންޓަރުން މެދުވެރިކޮށް ސަރުކާރުން ކުރި މަސައްކަތުން 20،961.47 ސިންގަޕޫރު ޑޮލަރުގެ ލިކުއިޑޭޓަރުގެ އަތުން ސަރުކާރަށް ލިބިފައވާ ކަމަށެވެ. އެހެންކަމުން 709،093.53 ސިންގަޕޫރު ޑޮލަރު ސަރުކާރަށް ނުލިބިވާ ކަމަށެވެ.


ސިންގަޕޫރުގެ ޕްރޯ އޯޑިއޯއިން ތަކެތި ގަތުމަށް ފުރަތަމަ އެޑްވާންސް ޕޭމަންޓް ފޮނުވައި އެ ޕޭމަންޓް ފޮނުވައި ލިބެންޖެހޭ ތަކެތި ހަމައަށް ޓީވީ އަށް ނުލިބިވަނިކޮށް ދެވެނަ އަދި ތިން ވަނަ ފަހަރަށް އެޑްވާންސްކޮށް ފައިސާ ފޮނުވާފައިވަނީ އޭރުގެ އިބްރާހިމް ހުސެއިން މަނިކުގެ ނުފޫޒުން ކަމަށް ވާތީ ޕްރޯ އޯޑިއޯއިން ސަރުކާރަށް ލިބެންޖެހޭ 709،093.53 ސިންގަޕޫރު ޑޮލަރު އޭރުގެ މިނިސްޓަރ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ އިބްރާހިމް ހުސެއިން މަނިކުގެ އަތުން ހޯދުމަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.