30 Oct 2012, 15:57
ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މަރާލިކަމަށް ތުހުމަތު ކުރެވޭ މީހަކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ވަޅިއެއް ގެންގުޅުމުގެ ކުށުގައި ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ހާދިސާއާ ގުޅިގެން ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށް ދައުލަތުން ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭޕްރީލް 29، 2010 ދުވަހުގެ ރޭ 9:00 އެހާކަންހާއިރު އިތުރު މީހަކާއި އެކު ސައިކަލެއްގައި މަޖީދީމަގު ވޭލާ ފިހާރަ ކުރިމައްޗަށް މަޑުކުރުމަށްފަހު، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ތިލައިގައި އަށް އިންޗި ހުންނަވަރުގެ ވަޅިއެެއް މުޝައްފައު ގެންގުޅެފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.
"އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްފާގެ (ހ) ގެ ދަށުން ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު ހަތަރު މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެެވެ.