30 Oct 2012, 15:54
ގދ. ތިނަދޫގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުން އޮޕަރޭޝަންކޮށްގެން ވިއްސަން ޖެހޭ މާބަނޑު އަންހެނުން މާލެ ފޮނުވަން ފަށައިފި އެވެ.
ތިނަދޫ ރީޖިނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެރަށުގައި ހޭނައްތާ ޑޮކްޓަރަކު ނެތްތާ ތިން މަސް ފާއިތުވެފައިވާ ކަމަށާއި މިދިޔަ ތިން ދުވަހުގެ ތެރޭގައި މާބަނޑު ހަ އަންހެނަކު މާލޭ ފޮނުވާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ހޭނައްތާ ޑޮކްޓަރަކު ނެތިގެން އއ. ރަސްދޫ ގައި ހުންނަ ހޭނައްތާ ޑޮކްޓަރު ވަގުތީ ގޮތުން އެރަށަށް ގެނައި ކަމަށާއި ނަމަވެސް ދެ މަސްފަހުން އެ ޑޮކްޓަރު އެނބުރާ ރަސްދޫއަށް ގޮސްފައިވާ ކަމަށެވެ.
ހޭނައްތާ ޑޮކްޓަރަކު ނެތުމުން އެކަމުގެ ޝަކުވާ އަޕާސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަންގައި ކުރުމުން ޑޮކްޓަރަކު ހަމަޖެހެންދެން ބޭނުންވާ ހާލަތްތަކުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު އެ ހޮސްޕިޓަލަށް ގެނައުމަށް ލަފާދީފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގއ. އަތޮޅުގައި ހޮސްޕިޓަލްގައި ހުރި ޑޮކްޓަރު އެކި ފަހަރުމަތިން އެ ހޮސްޕިޓަލަށް ގެނައުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ޑޮކްޓަރު ރަށަށް އައުމަށް އިއުތިރާޒްކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޑޮކްޓަރު ގެނައުމަށް އެދުމުން، ކަނޑުގަދަކަމުން އެއްވެސް ލޯންޗެއްގައި މިކޮޅަށް އައުމަށް ޑޮކްޓަރު އިންކާރު ކުރީ. ދެން އަޅުގަނޑުމެން އެމްއެންޑީއެފް އަށް ގުޅައިގެން ކޯސްޓްގާޑުން ޑޮކްޓަރު ގެންނަގޮތަށް ހަމަޖެއްސާފައި ޑޮކްޓަރަށް ގުޅީމައި މިހާ ގަދައިރެއްގައި ދަތުރެއް ނުކުރެވޭނެ ކަމަށް ބުނެ އަނެއްކާވެސް އިންކާރު ކުރީ. އެ ދެ މީހުންގެ ތެރެއިން އެކަކު އޮތީ ވިހަން ވަރަށް ކައިރިވެފައި. ދެން އެ މާބަނޑު މީހާ މާލެ ގެންދިޔައީ އާސަންދައިން އެއްބައި ދޭގޮތަށް އެމީހުން އަމިއްލައަށް ފްލައިޓެއް ޗާޓާ ކޮށްގެން. އޭނައާ އެކު މި ހޮސްޕިޓަލްގެ ގައިނިކޮލޮޖިސްޓް [އަންހެނުންގެ ޚާއްސަ ޑޮކްޓަރު] ވެސް ވަނީ މާލެ ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސައިގައި ހެލްތް މިނިސްޓްރީގެ ބަހެއްވެސް އަދި ހެލްތް ކޯޕަރޭޝަންގެ ބަހެއްވެސް ލިބޭގޮތެއް ނުވި އެވެ.