ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތް ހިންގަވާ ތިން ފަނޑިޔާރުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ.

އެ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައްޔިތުން މަޖިލީހުން ވަނީ ފަޑިޔާރުންނަށް އަންގައިފަ އެވެ.

ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގެ މެންބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ "ސަން އޮންލައިން" އަށް ވިދާޅުވީ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވުމަށް މިފަހަރު އަންގާފައިވަނީ މާދަމާ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ކަމަށެވެ. ނަމަވެސް މާދަމާގެ ކޮމެޓީ ބާއްވާނެ ގަޑިއެއް އަދި ކަށަވަރުވާގޮތެއް ނުވެ އެވެ. ގަފޫރު ވިދާޅުވީ ކޮމެޓީއަށް ހާޒިރުވުމުގެ ލިޔުން ފަޑިޔާރުންނަށް މި ފަހަރު ފޮނުވީ ހުޅުމާލޭ ކޯޓަށް ފޮނުވުމުގެ ބަދަލުގައި ސީދާ އެ ބޭފުޅުން ނިސްބަތްވާ ކޯޓު ތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ފޮނުވި ލިޔުންތަކުން ރެކެން ހުރީ ހުސް ބަހަނާ ދައްކާފަ. އެވެނި ކޯޓެއްގެ ފަނޑިޔާރެކޭ ހުޅުމާލޭ ކޯޓުގެ ފަނޑީޔާރެއް ނޫނޭ. އެކަހަލަ ކޫސަނި ކަންތައް ތަކެއް އެމީހުން ހުރީ ބަހަނާއެއްގެ ގޮތުުގަ ދައްކާފައި،" ގަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ނަންތަކާއި، ނިސްބަތްވާ ކޯޓު ތަކާއި، އައިޑީ ކާޑު ނަމްބަރުވެސް މިފަހަރު ހުންނާނީ ޖަހާފައި ކަމަށާއި އެވަރުން ހާޒިރު ނުވެއްޖެ ނަމަ ދެން އަޅަންހުރި ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.

ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ އއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ނާސިރު އަބްދުލްރަހީމް އާއި، ގއ. އަތޮޅު އިސް މެޖިސްޓްރޭޓް ޝުޖާއު އުސްމާނުގެ އިތުރުން އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދެވެ.

ގަފޫރު ވިދާޅުވީ ސުޕްރީމް ކޯޓުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އެ ފަނޑިޔާރުން ހާޒިރު ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ކޮންމެ ރައްޔިތަކުވެސް ހާޒިރު ކުރުމުގެ ބާރު އެ ކޮމެޓީއަކަށް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރިމް ކޯޓުގެ ބުނުމަކީ ވަރަށް ބަލިކަށި ބުނުމެއް ކަމަށާއި އެހެން ނޫން ނަމަ ހަތް ފަނޑިޔާރުން ސޮއިކޮށްފައިވާ ބަޔާނެއް މިހާރު އޮތީީހީ ނެރުއްވާފަ ކަމަށެވެ.

"ސުޕްރިމް ކޯޓުންވެސް އެ ބުނަނީ ވަރަށް ފިނޑި ގޮތަކަށް. ސުޕްރިމް ކޯޓުގެ ހިއްވަރެއް ހުރިއްޔާ ހަތް ފަނޑިޔާރުން ސޮއި ކުރައްވާފަ އަމުރެއް ނެރެން ވީނޫންތޯ. އެކަމަކު އަޅުގަނޑު ނުދަންނަވާނަން އެކަން ކުރަން ކެރޭނެ އެކޭ،" ގަފޫރު ވިދާޅުވި އެވެ.

ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރާ މައްސަލައިގައި މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާއާ ދެމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވާން މީގެ ކުރިން އަންގާވާފައި ވަނީ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް މަޖިލީހުގެ ރައީސްއަށް ލަފާދެއްވާފައި ވަނިކޮށެވެ.

ޝާހިދުގެ ނިންމެވުން ދިފާއުކޮށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ހެކިބަސް ދިނުމަށް ކޮންމެ މީހަކަށްވެސް އެންގުމުގެ ބާރު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ.

މީގެ ކުރިންވެސް ސްޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.