ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ބަލައި ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހާއްސަ ދެ މަންދޫބަކު އަތޮޅުތަކަށް ފޮނުއްވަން ރައީސް މިއަދު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ރައީސް ހާއްސަ މަންދޫބުން ފޮނުއްވާނީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކަމަށެވެ.

ދެކުނުގެ ބައެއް ރަށްތަކަށް ފޮނުއްވަނީ ރައީސް އޮފީހުގެ އެޑްވައިޒާ އަލްފާޟިލް އިބްރާހީމް މޫސާ ލުޠުފީ އެވެ. އުތުރަށް ފޮނުއްވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ މުޙަންމަދު ސަލީމެވެ.

އެ މަންދޫބުންގެ ދަތުރުގައި ވިއްސާރައިގައި މިހާތަނަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި ސަރުކާރުން މިވަގުތަށް ކޮށްދެއްވެން ހުރި ކަންތައްތައް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިއްޔެ އާއި ރޭ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހއ. ހޯރަފުއްޓާއި އެ އަތޮޅު ބާރަށާއި ހދ. ހަނިމާދުއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.