ސިމެންތި ބަސްތާތަކަކާއި ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ވަގަށް ނެގި ސާމާނުތަކާ އެކު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 25 އަހަރާއި 28 އަހަރާއި 29 އަހަރާއި 31 އަހަރުގެ ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ފަހަކަށް އައިސް ވައްކަމުގެ ގިނަ މައްސަލަތަކެއް އެ ރަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅެމުންދާތީ އާއި ރަށުތެރޭގައި އަމަން އަމާންކަން ގެއްލެމުންދާތީ އެފަދަ ކުށްކުރާ މީހުން ހޯދައި ރަށުތެރޭގައި އަމަން އަމާންކަން ޤާއިމް ކުރުމަށް ހޯރަފުށީ ޕޮލިސް ސްޓޭޝަނުން މިމަހު 26 އިން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެކި ދުވަސް މަތިން ކަމަށެވެ.

އަދި އެ މީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އޮރިއެންޓް ބްރޭންޑްގެ ދެ ފަންކާ އާއި ހެޑް ލައިޓަކާއި 13 ރޯލް ކަރަންޓް ނަރާއި އިސްކުރު ސްޓަޑްތަކެއްގެ އިތުރުން އަވިދާ ރޯލަކާއި ކައްޓާއެއްގެ އިތުރުން ފަސް ބަސްތާ ސިމެންތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭގެތެރެ އިން ބައެއް ތަކެތި ހޯދާފައި ވަނީ ރަށުގެ އެކި މީސް މީހުންނަށް ވަރަށް ކުޑަ އަގަކަށް ވިއްކާފައި ވަނިކޮށެވެ. އަދި މި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ މައްސަލަތަކުގައި ވަގަށް ނެގި ސާމާނު ވިއްކަންއުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.