އީދު ޗުއްޓީއަށް ފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ތިން ވަނަ ދައުރުގެ 13 ވަނަ ޖަލްސާ ކޯރަމް ހަމަނުވެގެން ހުއްޓާލަން ޖެހިއްޖެ އެވެ.

މިއަދު ވެސް ހެނދުނު 9:00 ޖެހިއިރު ފެށި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް އެންމެ ފުރަތަމަ ކޯރަމް ގެއްލުނީ ޖަލްސާ ފެށިތާ ގަޑިއެއް ހާއިރު ތެރޭގަ އެވެ. އޭރު ކުރިއަށް ދިޔައީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވައްދާފައިވާ، މަޖިލީހުގެ ހުއްދައެއް ނެތި ބީއެމްއެލް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނެގި މައްސަލައިގެ ބަހުސް އެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ނުވެ ކޯރަމް އަނެއްކާ ވެސް ހަމަވި އެވެ.

އޭގެ ފަހުން ވެސް އެކި ފަހަރުމަތިން ކޯރަމްގެ މައްސަލަ ދިމާވެގެން މެންބަރު ހަމަވޭތޯ ބެއްލެވުމަށް ފަހު ރިޔާސަތުން ޖަލްސާ މެދުކަނޑާލިކަން އިއުލާން ކުރެއްވީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން މެންދުރުން ކުރިން މެންބަރުންނަށް ލިބޭ 30 މިނެޓްގެ ހުސް ވަގުތު ކޮޅަށް ފަހު 11:00 ޖަހާއިރު ޖަލްސާ ފައްޓާނެ ކަން އިއުލާން ކުރައްވަމުންނެވެ.

އެ ވަގުތު ކޮޅު ހަމަވި ފަހުން ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަވާން ޖެހޭ ގާނޫނީ އަދަދު ކަމަށްވާ 20 މެންބަރުން ޖަލްސާ އަށް ހާޒިރުވެ ވަޑައިނުގެންނެވުމުން ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމާ ލެއްވިކަން އިއުލާން ކުރައްވައިފަ އެވެ. ދެން ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ކަން ވެސް އިއުލާން ކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޑްރާފްޓް ކުރައްވައި ހުށަހެޅުއްވި ހަނުހުރުމުގެ ހައްގާ ބެހޭ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުމެވެ.

މި އަހަރުގެ ތެރޭގައި މަޖިލީހަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު މެންބަރުން ގިނަ ދުވަސްތަކެއް ޗުއްޓީގައި ހޭދަކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ އަށް މަސް ދުވަހުގެ ހަރަދަށް 113.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ރައްޔިތުން މަޖިލީހުގައި 77 މެންބަރުން ތިއްބަވާ އިރު ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް 62500ރ. މުސާރައިގެ ގޮތުގައިދެ އެވެ. އެއީ މަހެއްގެ މައްޗަށް 4.8 މިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. އަދި މެންބަރުންނަށް 20،000ރ.ގެ ކޮމެޓީ އެލަވަންސް ވެސް ކޮންމެ މަހަކު ލިބިވަޑައިގަންނަވަ އެވެ.