ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގެ މުދަލަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ ހަތަރު ކުދިންގެ ޝަރީއަތް އަންނަ މަހުގެ 19 ވަނަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 17 އަހަރުގެ އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ކުދިންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30 އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިންވެސް ވަދެގަތްކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށު ޕޮލިސް ސްޓޭޝަނާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލްގެ އިދާރާގައި ވަނީ ހުޅުޖަހާ އަންދާލާފަ އެވެ.