30 Oct 2012, 11:56
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުމުގެ ގޮތުން ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ކުލަބް އީގަލްސް އިން ބުނެފި އެވެ.
އީގަލްސްގެ ޖެނެރަލް ސެކެރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ، މިފަހަރުގެ ސީޒަނަގައި ވެސް ކުލަބުގެ ފަރާތުން އުންމީދު ކުރިވަރުގެ ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި އެގޮތުން މިފަހަރުގެ ނަތީޖާއަށް ބަލާފައި އަންނަ އަހަރަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިހާރުން މިހާރަށް ކުލަބުން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ރަނގަޅު ކުޅުންތެރިން ކުލަބަށް ހޯދުން ކަމަށެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް މުފާ ވިދާޅުވިއެވެ.
"އަންނަ އަހަރުގެ ސީޒަނަށް ވަރަށް ފުރިހަމައަށް އަހަރުމެން ތައްޔާރުވާނަން. ޓީމް އިތުރަށް ވަރުގަދަ ކުރުމަށް މިހާރުވެސް ގައުމީ ފެންވަރުގެ ހަތަރު ކުޅުންތެރިންނާއެކު ކުލަބުން ދަނީ ވާހަކަ ދައްކަމުން." މުފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަހަރުގެ ސީޒަންގައި ވެސް ކުލަބުގައި ތިބި ކުޅުންތެރިންގެ އެގްރިމެންޓު އާކުރުމުގެ މަސައްކަތް ވެސް ފަށާފައި ވާކަމަށާއި އެގޮތުން އަދި އެއްވެސް ކުޅުންތެރިއަކު ރިލީޒް ހޯދުމަށް އެދިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން މުފާ ވިދާޅުވީ އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުލަބުން ފަށާފައި ވީނަމަވެސް ކޯޗަކާ މެދު އަކި ވަކިގޮތެއް ނުނިންމާ ކަމަށެވެ.