15 Sep 2010, 10:43
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މަސައްކަތް ކުރާ 63 ޓީޗަރަރަކާއި 27 ވަރަކަށް އިދާރީ މުވައްޒަފަކު ސިވިލް ސާވިސް ކޮމިޝަނުން ވަކިވެ، ގިޔާސުއްދީން ސްކޫލްގެ ކޮންޓްރެކްޓްގައި ސޮއިކުރަން ޖެހުމުން އޭގެތެރެއިން ގިނަ އަދަދެއްގެ ޓީޗަރުންގެ ވަޒީފާ އަހަރު ނިމޭ އިރު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ސްކޫލުގެ ބައެއް ޓީޗަރުން ބުނެފި އެވެ.
ނަން އާންމު ނުކުރުމަށް ޝަރުތުކޮށް ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އެ ސްކޫލްގެ ޓީޗަރަކު މިއަދު ބުނީ ސިވިލް ސާވިސް އިން ވަކިވީ "އެހެން ގޮތެއް ނެތިގެން" ކަމަށާއި މި އަހަރު ނިމުމަށް ފަހު އެ ސްކޫލުގެ ވަޒީފާ އަށް އަލުން ނެގުމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް އިން ވަކިވާން ޖެހުނީ، ސިވިލް ސާވިސްގެ ވަޒީފާގައި ދެމިތިބެން ބޭނުން ނަމަ، ވަޒީފާ އޮތީ އަތޮޅުތަކުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެންގެވުމުން ކަމަށެވެ.
"ކިހިނެއްތޯ އަޅުގަނޑުމެން ރާއްޖެތެރެ އަށް ދާނީ، މިތަނުގައި ދިރިއުޅެން ފަށައި މިކޮޅުގައި ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް،" ސީއެސްސީ އިން ވަކިވީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސީއެސްސީގެ ރައީސް މުހަންމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ގިޔާސުއްދީން ސްކޫލްގެ ޓީޗަރުންނަށް ދެ ތަނުގެ ކޮންޓްރެކްޓްގައި ނުތިބެވޭނެތީ އެގޮތަށް އެ ބަދަލުގެންނަވަން ޖެހިވަޑައިގަތީ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިވިލް ސާވިސް އިން ވަކިވެވަޑައިގަތް ބޭފުޅުންނަށް ތިން މަހުގެ ނޯޓިސް މުއްދަތަށް މުސާރަ ލިބިވަޑައިގަންނަވާނެ ކަމަށާއި 65 އަހަރު ނުވާ ބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އެ އޮންނަ އަދަދެއްގެ އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަހަރު ނިމޭ އިރު އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތް ނޫންތޯ ދެންނެވުމުން ފަހުމީ ވިދާޅުވީ ސީއެސްސީ އިން ވިޔަސް އަދި އަމިއްލަ ތަނެއް ނަމަވެސް ވަޒީފާ އިން ވަކިކުރެވޭނީ ގާނޫނާ އެއްގޮތަށް ކަމަށާއި ގާނޫނާ އެއްގޮތަށް ވަޒީފާ އިން ވަކިވެސް ކުރެވޭނެ ކަމަށެވެ.
ގިޔާސުއްދީން ސްކޫލުގެ ޓީޗަރު ބުނީ މިހާރު އެ ސްކޫލްގައި ވަޒީފާ އަދާކުރައްވަނީ "ވަރަށް ބޮޑު ހިތް ނުތަނަވަސް ކަމެއްގެ ތެރޭގައި" ކަމަށާއި 40 ވަރަކަށް މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ ވާހަކަތަކެއް ސްކޫލު ތެރޭގައި ދައްކާ ކަމަށެވެ. އަދި ވިދާޅުވީ ތިން މަހުގެ ތެރޭގައި އިންޑިއާގެ ޝިރީ އެޑިޔުކެއާ އިން ހިންގާ ސްކޫލަށް ނަގާ ޓީޗަރުންނާއި ނުނަގާނެ ޓީޗަރުން އަންގާނެ ވާހަކަ ވެސް މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.
"އެއްވެސް ޔަގީން ކަމެއް ނެތި ހާސްކަމެއްގެ ތެރޭގައި އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމު ވިދާޅުވީ އެ ސްކޫލުގައި ޓީޗަރުން ކޮންޓްރެކްޓް ހެދީ އެއް އަހަރަށް ކަމަށާއި އެ ކޮންޓްރެކްޓްގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވުމުން "މިތާ ތިބި ރަނގަޅު ބޭފުޅުން ނަގާނަން" ކަމަށެވެ.
"އިންޓަނޭޝަނަލް ސްކޫލަކަށް ވީމާ ކޮލިޓީ އަށް ވަރަށް ބޮޑަށް މީހުން ޑިމާންޑް ކުރާނެ،" ތޯހާ ވިދާޅުވި އެވެ. "އެހެންވީމާ ރަނގަޅު ޓީޗަރުންގެ ތެރޭގައި ވެސް ތިބި އެންމެ ރަނގަޅު ޓީޗަރުން މަޑުކުރުވާނީ،"
އޭނާ ވިދާޅުވީ އަންނަ އަހަރު ގްރޭޑް އެކަކަށް ނަގަނީ ވަރަށް މަދު ކުދިން ކޮޅެއް ކަމަށާއި އަދި ގްރޭޑް ހަތެއް މި އަހަރު ނިމުން ވެސް ޓީޗަރުން "އެކްސަސް" ވާނެ ކަމަށެވެ.
ތޯހާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ބޭނުން ވަނީ ކިތައް ޓީޗަރުންތޯ ބައްލަވަމުން އަންނަ ކަމަށާއި ލައިން ސުޕްވައިޒަރުންނާ ވެސް ގުޅިގެން އެކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.