ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީން ހޯދާނެ ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން ރީކޯ މުސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އަދި އެ ޕާޓީގެ ޗެއާ ޕާސަން މޫސާ މަނިކު ވިދާޅުވީ ކުރިއަށް އޮތް ތާނގައި މަޖިލީހުގެ ތެރެއިން ފަނޑިޔާރުން ވަކި ކުރެވޭ ވަރުގެ މެޖޯރިޓީ އެއް ހޯދުމުން އެންޑީޕީން ބެނުންވާހާ ގޮތަކަށް ފަނޑިޔާރުން ލައްވާ ކަންކަން ކުރުވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މި އޮތް ފަނޑިޔާރު ގެއަކީ ޕީޕީއެމްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއް ކަމަށާއި އެ ޕާޓީން ބޭނުންވާހާ ކަމެއް ފަޑިޔާރުން ކުރާ ކަމަށެވެ.

"މާދަމާ ފަނޑިޔާރުން ވަކި ކުރެވޭ ވަރަށް މެޖޯރިޓީ ލިބުނީމައި ފަނޑިޔާރުން އަންނާނެ މިކަމަށް. މަޖިލިސް ދޮށުގަ ހޭލާވެސް ތިބޭނެ. އެތަނަށް އައިސް މީހަކު ބުނިއްޔާ ބުނިކަމެއް ކޮށްދޭނެ. މީހުންގެ ގޭގެ ވެސް ދޭނެ. އަނބިންވެސް ވަރިކޮށްފައި މަޖިލިސް މެމްބަރުނާ ދެވާ ހިސާބަށް އަދި ދާނެ،" މޫސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ތިން ފަނޑިޔާރުން ހާޒިރު ނުވި މައްސަލަ އަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަކަށް އަންނަން އަންގައިފި ނަމަ ކޮންމެ ރައްޔިތަކުވެސް ހާޒިރުވާން ޖެހޭނެ ކަމަށް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ބުނެފައި އޮންނާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރު ކުރަން އުޅެނީ ރައްޔިތުންނަށް ޖަވާބު ދާރީ ކުރުވަން ކަމަށާއި، ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ޖޭއެސްސީ ވެސް އިސްތިސްނާ ކޮށްފައި ނެތް އިރު ކޮމިޓީ އަށް ފަނޑިޔާރުން ހާޒިރު ވުމަށް އިންކާރު ނުކުރެވޭނެ ކަމަށެެވެ.

"ދެހާސްއެގާރަ ވަނަ އަހަރު ސިފައިންނާ ފުލުހުން ކޮމެޓީ އަކަށް ހާޒިރު ނުވުމާއި ގުޅިގެން ސުޕްރީމް ކޮޓުގެ ނިންމުމެއް އޮންނާނެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ކޮމެޓީއަކަށް ހާޒިރުވާން އެންގިޔަސް ކޮންމެ ރައްޔިތަކުވެސް ހާޒިރުވާން ޖެހޭނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެންމެ ބާރުގަދަ ދެ މަގާމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އަދި މަޖިލީހުން ހޮވާ ބޭފުޅަކު އިންނަވާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަން މިހާރުވެފައިވަނީ މިނިވަން މުއައްސަސާ އަކަށް ވުމުގެ ބަދަލުގައި ފަނޑިޔާރު ގޭގެ އެއްބަޔަށް ކަމަށެވެ. އަދި ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ ޕާޓީ އެއް ކަމަށާއި، އަދި ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލްސާވިސް ކޮމިޝަން (ސީއެސްއަކީ)އަކީވެސް ސިޔާސީ ޕާޓީތަކެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ އަށްވަނަ ދުވަހު އޭނާ އަށް ސަލާމަތީ ބާރު ތަކުން އަނިޔާކޮށް ލޭ އޮހޮރުވާލާފައި ވާ ކަމަށާއި، ނަމަވެސް އެކަން ދަންނަ ފަނޑިޔާރަކު ވެސް އަދި އެ ނޫން މީހަކުވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ އަނިޔާ ކުރިޔަސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް ކުރި އަނިޔާތައް ފެނުނު މީހަކު ނެތް. ފަނޑިޔާރަކުވެސް ނެތް. އަޅުގަނޑަށް އަނިޔާ ކުރީ މައުމޫނަށް އެއްޗެތި ކިޔައިގެން. މި ބުނީ އަދިވެސް ކިޔާނަން، މަރުވަންދެން ކިޔާނަން،" މޫސަ ވިދާޅުވި އެވެ.