ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޑްރާފްޓް ކުރައްވައި ހުށަހެޅުއްވި ހަނުހުރުމުގެ ހައްގާ ބެހޭ ބިލް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ. ބަހުސް ފެށުމާއި އެކުހެން އެމްޑީޕީ މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ.

އެ ބިލް ނަޝީދު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ށ. ގެދަށުންނެވެ. ގާނޫނު އަސާސީގައި ބުނެފައި ވަނީ ކާކުކަން ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ތަހުގީގަށް ދިނުމެއް ނެތި ހަނުހުރުމުގެ ހައްގު ދޭން ޖެހޭނެ ކަމަށެވެ.

ބިލް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އެ ބިލްގެ މަގުސަދަކީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރެވޭނެ އުސޫލާއި ތިމާއާ ދެކޮޅަށް ޝަރީއަތެއްގައި ބަޔާނެއް ނުދިނުމުގެ ހައްގުގެ ދާއިރާ އާއި އަދި އެ ދާއިރާގައި ނުހިމެނޭ ކަންކަމާއި ހިމެނޭ ކަންކަން ކަނޑައެޅުން ކަމަށެވެ. އޭނާ ވިދާޅުވީ ހަނުހުރުމުގެ ސަބަބުން ނިކުންނަ ނުބައި ނަތީޖާތައް ވެސް އެ ބިލުގައި ކަނޑައަޅައި ދީފައިވާނެ ކަމަށާއި އެ ބިލްގެ ސަބަބުން އެ ހައްގު ބޭނުންކުރާ މީހާ އާއި އޭގެ ސަބަބުން އަސަރު ކުރާ މީހުންނަށް އެ ހައްގު ބޭނުންކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިދީފައިވާނެ ކަމަށެވެ.

"އެއީ ތިމާޔާ ދެކޮޅަށް އެއްވެސް ބަޔާނެއް ނުދިނުންތޯ؟ އެއީ ތިމާޔާ ކުރެވޭ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުންތޯ؟ ތިމާގެ ކުޑަކަމުދާ އެއްޗިހީގެ ނަމޫނާއެއް ނުދިނުންތޯ؟ ހަށިގަނޑުގެ ދިޔައިގެ ނަމޫނާއެއް ނުދިނުންތޯ؟ އިސްތަށީގެ ނަމޫނާއެއް ނުދިނުންތޯ؟ ތިމާގެ އަތުލިޔުމުގެ ނަމޫނާއެއް ނުދިނުންތޯ؟، މިއީ އުފެދޭ ސުވާލުތަކެއް. މިއީ ތަހުގީގަށް ބޭނުންވާ ކަންތައްތަކެއް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތް ކޮށްފައި އެ އޮތީ އެ ހައްގު ބޭނުންކުރާ މީހުންނާއި އޭގެ އަސަރު ކުރާ މީހުންނާއި އެންމެންނަށް އެ ހައްގު ބޭނުންކުރާނެ ގޮތާއި ބޭނުން ކުރެވޭނެ ގޮތްތަކުގެ އުސޫލުތަކެއް ކަޑައެޅުމަށް މަސައްކަތް ކޮށްފައި އެ އޮތީ،"

އެ ބިލުގެ ބަހުސަށް ހުޅުވާލުމުން ފުރަތަމަ ވެސް ވާހަކަ ދެއްކެވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ. އޭނާ ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވީ އެ ބިލްގައި އުސޫލުތަކަށް މައިގަނޑު ގޮތެއްގައި ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނު އަސާސީން ލިބިފައިވާ ހައްގެއް ހަނި ކުރުމަށް ގާނޫނުތަކެއް ހެދުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެ ބިލްގެ ސަބަބުން ކުށުގެ ވެށި ސާފުކުރުމަށް ލިބޭނެ އެއްވެސް ބާރެއް ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިސާލަކަށް ބިލްގެ 20ވަނަ މާއްދާއަށް ބައްލަވައި. ކުއްސާބިތުކުރުމަށް ބާރުލިބިދޭ ހާލަތް. މި ހާލަތް ތަފްސީލްކުރުމުންދާއިރު މީގައި ބަޔާންވެގެން އެބަ އޮވޭ ހަނު ހުރެއްޖެ ނަމަ ފަހުން އެ ހުންނަ ހަނުހުރުމަކީ ކުށެއް ސާބިތުކުރުމަށް ލިބިދޭ ބާރަކަށް ވެގެންދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން ބަލައިގެންފައި އޮތް ގާނޫނު އަސާސީގައި ރައްޔިތުންނަށް ގާނޫނު އަސާސީގެ ދެ ވަނަ ބާބަކީ ހަގީގަތުގައި ގާނޫނު އަސާސީއަކީ.. އެހެންވީމައި ދެ ވަނަ ބާބުގައި އޮތް ހައްގެއް އޭގެ ނުވަތު ބުރަށް އަބުރާލައި ގާނޫނަކަށް އަޅުގަނޑު ތާއީދެއް ނުކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެއީ ބޭނުން ހުރި ބިލެއް ނޫން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ބިލް ފާސްވެގެން އަންނަ އިރު އޭގެ ތެރެއިން އެ ކަމަށްވެސް އުސޫލުތަކެއް ކަނޑައެޅިގެން އަންނާނެ ކަމަށާއި ކޮންމެ ކަމަކަށް ބިލެއް ހުށަހަޅައި ފާސްކުރުމަކީ އޭނާ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އަދި އެފަދަ ބިލްތައް ހުށަހަޅަނީ ވަކި ބަޔަކަށް އަދަބު ދިނުމުގެ ނިޔަތުގައި ކަމަށް ސިފަވާ ގޮތަށް އޭނާ ވާހަކަދެއްކެވި އެވެ.

"އަޅުގަނޑުމެންގެ ޖީލަށް މީގެން ނުކުންނާނެ ނަތީޖާ ވިސްނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުން ގާނޫނުގައި ހުރި ހައްގުތައް ހަނިކުރަން ގާނޫނުތައް ހަނދާއިރުގައި ވިސްނަން ޖެހޭ ކޮންމެ މީހެއްގެ ހައްގަކީ ގާނޫނު އަސާސީން މާބޮޑަށް ރައްކާތެރިކުރެވިފައިވާ އެއްޗެއްކަން،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ވަނީ އެބިލުގެ ބަހުސްގެ މަރުހަލާގެ ތެރެއިން ނިޒާމީ މައްސަލަ ނަންގަވައި އެ ބިލްގައި ގާނޫނު އަސާސީއާ ކަޑައެޅިގެން ހިލާފު މާއްދާތަކެއް ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެ މައްސަލަތަކުގެ ޖަވާބުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ހުށަހަޅާ ބިލެއްގެ ތެރޭގައި މައްސަލައެއް ހުރެދާނެ ކަމަށާއި އެކަން ޖެހޭނީ އިސްލާހުކުރަން ކަމަށެވެ.

އެމްޑީޕީން މެންބަރު އެބިލާ ދެކޮޅު ހެއްދެވި ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަނީ އެ ބިލާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެ ބިލާ ދެކޮޅަށް ސަރުކާރުގެ ކޯލިޝަންގެ މެންބަރުންގެ ތެރެއިން ވާހަކަ ދެއްކެވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. އޭނާ ވެސް ވިދާޅުވީ އެ ބިލަށް އޭނާއަށް ތާއީދު ނުކުރެވެނީ މީގެ ކުރިން ރާއްޖޭގައި އޮތްގޮތަށް މީހުންނަށް މަޖުބޫރު ކުރުވައިގެން ކުށަށް އިއުތިރާފު ކުރުމަށް މަސައްކަތް ކުރުމުގެ ސަގާފަތް އަލުން ދިރިދާނެތީ ކަމަށެވެ.

"ތަހުގީގު ކުރުމުގެ ފެންވަރު ރަނގަޅު ކުރަންވީ، ތަހުގީގު މުއައްސާތައް ހަރުދަނާ ކުރަންވީ. ތަހުގީގު ކުރާ ފަރާތްތައް އިތުރު ކުރަންވީ. ޓެކްނޮލޮޖީ އިތުރުކުރަންވީ. އެއީ ކުރަންޖެހޭ ކަމަކީ،" ޖާބިރު ވިދާޅުވި އެވެ.

އެ ބިލާ އެއްކޮޅަށް ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ޑިމޮކްރަސީއާ އެކު ދިވެހިން އެންމެ ނުރުހުންވި އެއްކަމަކީ ކުއްވެރިންގެ ހައްގު މާބޮޑަށް ހިމާޔަތްވުން ކަމަށާއި ނަމަވެސް އެ ބިލްގެ ސަބަބުން އެ ޝައްކުތައް ފިލައިގެން ގޮސް ހައްގުތަކަކީ އެންމެނަށް ހަމަހަމަ އެއްޗަކަށް ވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ މި ބިލް މިއަދުން މިއަދަށްވެސް ކޮމެޓީއަށް ފޮނުވައި ދިރާސާކޮށްގެން ގެނެސް މީތި އަވަހަށް ގާނޫނަކަށް ވުން،" މައުސޫމް ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމްވެސް ވަނީ އެ ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ގާސިމް ވިދާޅުވީ އެ ބިލަކީ ވަރަށް މުހިންމު މަފްހޫމްތަކެއް ހިމެނޭ ބިލެއް ކަމަށާއި އެ ބިލަށް އޭނާ ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށެވެ.