އަވަށްޓެރި ސްރީލަންކާގައި މާދަމާ ފަށާ ހަ ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމް މިއަދު ހެދުނު ލަންކާއަށް ގޮސްފި އެވެ.

މި މަހު 31 އިން އަންނަ މަހު 4 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މުބާރާތުގައި ވާދަކުރުމަށް ލަންކާ އަށް ދިޔަ ގައުމީ ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނެނީ ޖުމްލަ އަށް ކުޅުންތެރިންނެވެ. އެއީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.

ޤައުމީ ފިރިހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ ހަސަން ނާޒިމް، ހުސެއިން އަލީ، ޝާފީ މުހައްމަދު އަދި ހުސެއިން ފާރިހު އެވެ. އަދި އަންހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ފައިނާޒާއި އައިމިނަތު ވިދާދު އާއި އައިޝަތު ޝަޒްނާ އަދި އައިމިނަތު ނިފާޝާ އެވެ.

ގައުމީ ކެރަމް ޓީމް މުބާރާތުގައި ވާދަކުރުމަށް ލަންކާއަށް ފުރުމުގެ ކުރިން، ޓީމާ އެކު ލަންކާ އަށް ދިޔަ ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މިފަހަރުގެ މުބާރާތަކީ ވާދަވެރި މުބާރާތަކަށްވީ އިރު، މުބާރާތުން ރާއްޖެ އަށް ރަނގަޅު ވަނައެއް ހޯދޭނެ ކަމާމެދު އުންމީދު ކުރާ ކަމަށެވެ. އަދި މުބާރާތައް ރާއްޖޭގެ ޓީމް ވަރަށް ފުރިހަމައަށް ތައްޔާރުވި ކަމަށާއި އެގޮތުން ރާއްޖެ ޓީމުގައި ހިމެނޭ ގިނަ ކުޅުން ތެރިންނަކީ މީގެ ކުރިން ވެސް ގައުމީ ފެންފަރުގައި ރަނގަޅު ވަނަތައް ހޯދާފައިވާ މޮޅެތި ކުޅުންތެރިން ކަމަށް މުބީން ވިދާޅުވި އެވެ.

ދެ ހާސް އަށް ވަނަ އަހަރު ފްރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމު ކަމުގައިވާ ލަންކާގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވިފައިވާ ގައުމުތަކުގެ ލިސްޓުގައި، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫއެސްއޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫ އޭއީ އެވެ.

ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ކެރަމް ޓީމު އޮތީ ހަތަރު ވަނާގަ އެވެ. އަދި އަންހެން ޓީމު އޮތީ ތިން ވަނައިގަ އެވެ.