ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އަތޮޅުތެރޭގެ އެކި ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާތީ އެލިބޭ ގެއްލުންތައް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރަށް އެންގުމަށް އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް އެ ސެންޓަރުން އަންގައިފި އެވެ.

ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ކުރިއަށް އޮތްތަނުގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމުގެ ގޮތުން ރަށުފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށް އެކަމަށް އެޅެން ހުރި ރައްކާތެރި ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ. އެގޮތުން ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކުގެ ފުރާޅުތައް ރައްކާތެރި ކުރުމަށާއި ފެންބޮޑުވެ ގެންގުޅޭ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފައި ގެންގުޅޭ ސާމާނުތައް ރައްކާތެރިތަނެއްގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ސެންޓަރުން ބުނެފައިވެ އެވެ.

"ފެން ބޮޑުވުމުގެ ސަބަބުން އުފެދިދާނެ ބަލިމަޑުކަމަށް ރައްކާތެރިވުމުގެ ގޮތުން ރަށްރަށުގެ ކުނިކޮށި ދުވަހުން ދުވަހަށް ސާފުކޮށް ކުނި ނައްތާލުމާ އެކު ރުއް ގަސް ސާފުކޮށް ނުރައްކާތެރިކޮށް ހުންނަ ގޮފިތައް ކެނޑުމަށް ދަންނަވަން." ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުންޏެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ރަށްރަށެއްގައި ފެންބޮޑުވެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ އިރު ކަނޑުދަތުރު ކުރުމަށް ވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑުއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށެވެ.