ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ، އިއްޔެ އިރުއޮއްސުނު ވަގުތު އައްޑޫ ސިޓީ ފޭދޫގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ މިޑިއާ އޮފިސަރު ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ ރޭ ވިދާޅުވީ ފޭދޫގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި އެގެތަކުގައި ނޫޅެވޭ ވަރަށް ގެއްލުން ވެފައި ވާތީ އެ ގެތައް ހިޔާކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ އެ ގެތަކުގެ ފުރާޅު ވެއްޓި ގޭގައި ނޫޅެވޭވަރު ވެފައި ވާތީ އެގެތަކުގެ މީހުން މިހާރު ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"[އިއްޔެ] އިރުއޮއްސުނު ވަގުތުގައި ފޭދޫގެ ތިން ގެއެއްގެ ފުރާޅުއެއްލާލައިގެން ގެއްލުންތަކެއް ވެއްޖެ. އެގެތަކުގައި މިހާރު ބަޔަކަށް ދިރިނޫޅެވޭނެ. އެގެތައް ހިޔާކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަދޭ. މިހާރު އެގެތަކުގެ މީހުން ވެސް ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު އެ ރަށަށް އެރި ނަގޫރޯޅީގައި ފަސް ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ ނަގޫރޯޅީގައި ފޭދޫ ލިންކް ރޯޑްގައި ހުރި ގެއެއްގެ ފުރާޅު އެއްލާލި އިރު، އެގެ ހުރީ މޫދު ކުރިމައްޗަށް ވާގޮތަށް ކަމަށްވާތީ ފުރާޅު ޓިނުތައް ވަޔާ އެކު މޫދަށް ގޮސްފައިވާ ކަމަށެވެ. އަދި އެގޭގެ ފުރަގަހަށް ހުރި ގެއެެއްގެ ފުރާޅު ވެސް އެއްލާލައި އެގޭގެ ގޯތިތެރޭގައި ހުރި ޖަބްރޯލް ގަހެއް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ އިތުރުން އެ ރަށުގެ އިތުރު ތިން ގެއެއްގެ ފުރާޅުން ބައެއް ޓިނުތައް ވެއްޓި އެހެން ގެއެއްގެ އަނބު ގަހެއް މުލުން ލުހިގެން މަގުމައްޗަށް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ގެއްލުން ލިބުނު ގެތަކަށް ވާރޭ ވެހުމުގެ ސަބަބުން ކަރަންޓް ސާމާނުތަކާއި ހިފައިގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިއްޔެ ހަވީރު އެ ސިޓީގެ ހުޅުދޫ އަށް ވެސް ނަގޫ ރޯޅިއެއް އަރައި ގެއެއްގެ ފުރާޅު ވެއްޓި އެގޭގައި ނޫޅެވޭ ވަރަށް ގެއްލުން ވުމުގެ ސަބަބުން ސިޓީ ކައުންސިލުން ގެންދަނީ އެގޭގެ މީހުން ބަލަހައްޓަމުންނެވެ.