30 Oct 2012, 09:36
ތެހެރާން (އޮކްޓޯބަރ 30): އިސްރާއީލުން ދާދިފަހުން ވައްޓާލި ޖާސޫސީ މަތިންދާބޯޓަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޑްރޯން މަތިންދާ ބޯޓު އެބަހުރިކަން އީރާނުން ހާމަކޮށްފި އެވެ.
އީރާނުގެ ދިފާޢީ ވަޒީރު އަހްމަދު ވަޙީދީ ވިދާޅުވީ ޖާސޫސުކުރުމުގެ އިތުރުން ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ޑްރޯން ސްމާޓް މަތިންދާބޯޓު ވެސް އެޤައުމުން އުފައްދާފައިވާ ކަމަށާއި އިސްރާއީލަށް ޙަމަލާދިނުމުގެ ޤާބިލްކަން ވެސް މިބޯޓުތަކަށް ލިބިފައިވާނެ ކަމުގަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. މީގެ ދެ ހަފްތާ ކުރިން އިސްރާއީލުން ވައްޓާލި ކަމަށް ބުނާ ޑްރޯން މަތިންދާބޯޓަކީ އީރާނުގައި އުފައްދާފައިވާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ބޭނުންކުރާ ބޯޓެއް ކަމަށް އިސްރާއީލުން ބުނެފައިވެ އެވެ. މިބޯޓު ވައްޓާލާފައި ވަނީ އިސްރާއީލުގެ ނިއުކްލިޔާ މައި މަރުކަޒު ހުންނަ ސަރަޙައްދުގެ ކައިރީ ހިސާބެއްގައި އުދުހެނިކޮށް ކަމަށްވެ އެވެ.
އިސްރާއީލަށް އީރާނުގެ ބޯޓު ވައްޓާލެވުނީ ބައިގަޑިއިރު މަސައްކަތްކޮށްގެން ކަމަށާއި އެމެރިކާގައި އުފައްދާފައިވާ އެފް 16ގެ ބޯޓުބޭނުންކޮށްގެން ވެސް ކުއްލިއަކަށް އީރާނުގެ ބޯޓު ވައްޓާލުމުގައި އިސްރާއީލުގެ ވައިގެ ސިފައިން ފޭލްވެފައިވާ ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެފައިވެ އެވެ. އީރާނުން ބުނެފައި ވަނީ މިބޯޓު ވައްޓާލުމުގެ ކުރިން އިސްރާއީލުގެ ޙައްސާސީ އަދި ސިއްރު އެތައް މަރުކަޒުތަކެއްގެ ފޮޓޯތަކާއި އެތަންތަން ހުރިތަންތަކުގެ މަޢްލޫމާތު އެބޯޓުން ފޮނުވާފައިވާ ކަމުގަ އެވެ. އީރާނުގެ ޕާލަމެންޓްގެ ދިފާޢީ ކަންކަމާ ބެހޭ ކޮމިޓީގެ ވެރިޔާ އިސްމާޢީލް ކައުޘަރީ ވިދާޅުވީ އިސްރާއީލުން އީރާނަށް ޙަމަލާދީފި ނަމަ މި ފޮޓޯތަކުން ފެންނަ އިސްރާއީލުގެ ޙައްސާސީ އަދި ސިއްރު މަރުކަޒުތަކަށް ޙަމަލާދިނުމަށް އީރާނުން ފަސްނުޖެހޭނެ ކަމުގަ އެވެ. އިސްރާއީލުން ވައްޓާލިކަމަށް ބުނާ އީރާނުގެ ޑްރޯން މަތިންދާބޯޓަކީ "އައްޔޫބު" ނަމަކަށް ކިޔާ މަރުކާއެއްގެ ބޯޓެއް ކަމަށްވެ އެވެ.
މިބޯޓުގައި ކެމެރާއެއް ނެތްކަމަށް ބުނެ އިސްރާއީލުން ވަނީ އީރާނުގެ މިވާހަކަތަކަށް ރައްދު ދީފަ އެވެ. އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވީ މިއީ، އިސްރާއީލަކީ ޖާސޫސުވެސް ނުކުރެވޭ ޙަމަލާ ވެސް ނުދެވޭ ފަދަ އާދަޔާ ޚިލާފު ބާރުގަދަ ޤައުމެއް ކަމަށް ދައްކައިގެން މުސްލިމުން ބިރުގެންނެވުމަށް އިސްރާއީލުން މިހާތަނަށް ގެންގުޅުނު ސްޓްރެޓެޖީ ބޭޒާރުވެފައި ވާތީ ދައްކާވާހަކައެއް ކަމުގަ އެވެ. ދެހާސް ފަސްވަނަ އަހަރު އިސްރާއީލުން ލުބްނާނާދެކޮޅަށް ކުރި ހަނގުރާމައިގާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލަށް އަށް ހާސް ރޮކެޓާއި މިސައިލުން ޙަމަލާދީ އިސްރާއީލުގެ އެތައް ސީޓީ އަކަށާއި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހިޒްބުﷲގެ ޙަމަލާތަކަށް ފަހު އިސްރާއީލުގެ ޙަޤީޤީ ބާރާމެދު ސުވާލުއުފެދުމުން އިސްރާއީލަށް ވަނީ ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)