ވޮޝިންޓަން (އޮކްޓޯބަރ 30): ސޭންޑީގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން އެމެރިކާއަށް އަރައިފި އެވެ. އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ބުނާގޮތުގައި ސޭންޑީ އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތައް ކަމަށްވާ ނިޔުޔޯކް ނިއުޖާސީ އަދި ލޯންގްއައިލެންޑަށް އަރަފައިވަނީ ޖީ.އެމް.ޓީ ން ރޭ މެންދަމު 1:00-12:30 ދެމެދު އެވެ.

ތޫފާންގެ ގެއްލުން އެމެރިކާގެ 50 މިލިޔަން މީހުންނަށް ކުރާނެ ކަމަށް ބެލެވިފައިވާއިރު ގަޑިއަކު 90 ކިލޯމީޓަރުގެ ބާރުމިނުގައި އެރި މިތޫފާންގެ ވައި ގަޑިއަކު 400 ކިލޯމީ ޓަރަށް މައްޗަށް ހިނގައިދާނެ ކަމަށްވެސް ތޫފާންތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރުން ލަފާކުރައްވަ އެވެ. ސޭންޑީއާއެކު ކުރަމުންގެންދާ ގަދަ ވިއްސާރައިގެ ސަބަބުން ނިއުޖާސީ އާއި ލޯންގްއައިލެންޑާއި ޕެންސެލްވޭނިޔާ އާއި ނިޔުޔޯކްގެ ބޮޑު ސަރަޙައްދަކުން ކަރަންޓްކެނޑި ފެންބޮޑުވެ ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައްވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ.

ސޭންޑީ ތޫފާން ދަތުރުކުރަމުންދަނީ އެމެރިކާގެ އުތުރުން ކެނެޑާއާ ދިމާއަށް ކަމަށްވެ އެވެ. މި މިސްރާބުގައި ތޫފާން ކުރިޔަށްދާނަމަ އެމެރިކާގެ 12 ސްޓޭޓަކަށް މިތޫފާން އަރައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުން ލިބޭނެ ކަމަށްވަނީ ލަފާކުރެވިފަ އެވެ. މިއީ އެމެރިކާ ބައްރަށް ތާރީޚުގައިވެސް އަރާ އެންމެ ބޮޑު ތޫފާންކަމަށް ޚަބަރު ލިބެ އެވެ.

ސޭންޑީގެ ސަބަބުން ރިޔާސީ ކޭންޕޭން ކުރިޔަށް ނުގެންދެވިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ވަނީ އެނބުރި ވޮޝިންޓަނަށް ވަޑައިގެން ވައިޓް ހައުސްއަށް ވަދެވަޑައިގެން ރައްކާތެރިކަން ހޯއްދަވާފަ އެވެ. އަދި އޮބާމާގެ ވާދަވެރިޔާ މިޓްރޮމްނީވެސްވަނީ ކޭންޕޭންގެ ޙަރަކާތްތައް ކެންސަލްކުރައްވައި ރައްކާތެރި ހިސާބުތަކަށް ވަޑައިގެންފަ އެވެ. އެމެރިކާއިން ލިބޭ ރިޕޯޓްތައް ބުނާގޮތުން ސޭންޑީގެ ސަބަބުން މިހާތަނަށް ފަސްމީހަކުމަރުވިކަންވަނީ ކަށަވަރުވެފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުންވަނީ ކަރަންޓާއި މުވާސަލާތީ ވަސީލަތްތަކުން މަހްރޫމްވެފަ އެވެ. އެއްގަމާއި ވަޔާ އަދި ކަނޑުގެ ދަތުރުފަތުރުތައް އެމެރިކާގެ ބޮޑުބަޔެއްގައިވަނީ މުޅިން ހުއްޓިފަ އެވެ. ކެންސަލްކުރެވިފައިވާ ވައިގެ ދަތުރުތަކުގެ ޢަދަދު 10،000 އަށް ވުރެ މައްޗަށް އަރަ އެވެ.

ތޫފާން ސޭންޑީ ނިޔުޔޯކަށް އެރިވަގުތު އައި ބާރުގަދަވަޔާއެކު ވަރަށްބޮޑު ކެރޭނެއްވެއްޓުމުގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބިފައިވެ އެވެ. މިއީ 90 ބުރީގެ އިމާރާތަކާ އެއްވަރުގެ އުސްމިން ހުރި ކެރޭނެއްކަމަށްވެ އެވެ. ސޭންޑީގެ ބާރުގަދަކަމުން އެމެރިކާގެ ރައްޔިތުން ހާސްވެ މަސްއޫލުވެރިން ކަންބޮޑުވެ ވަޑައިގެންފައި ވާއިރު އެތޫފާނާ ދެކޮޅަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ބޭނުންވެސް ނުހިފޭ ކަމަށާއި ބައެއް ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްވެސް މިވަގުތު ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުރާސިލުން ބުނާގޮތުން ވެރިރަށް ވޮޝިންޓަންވެސް ހީވަނީ ފަޅުތަނެއްހެނެވެ. ވޮޝިންޓަންގެ މަގެއްމަތިންވެސް މީހަކު ނުފެންނައިރު ދުއްވާއެއްޗެއްވެސް ފެންނަނީ ވަރަށް މަދުން ކަމަށްވެ އެވެ. ނިޔުޔޯކްގެ ޙާލަތު އަދި މިއަށްވުރެވެސް ބޮޑުކަމަށްވެ އެވެ. ނިޔުޔޯކްގެ މެންހާޓަން ސަރަޙައްދާއި އީސްޓް ރިވާ ސަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ދެފޫޓަށް އަރާކަމަށްވެ އެވެ. މި ދެ ސަރަޙައްދުން އެކަނިވެސް 312،000 ގެއިން ކަރަންޓާއި ފެން ކެނޑިފައިވާ ކަމަށް ނިޔުޔޯކްގެ މޭޔާ އެންޑްރޯ ކިޔޯމޯ ވިދާޅުވި އެވެ. މީގެއިތުރުން ބޮޑެތި ބައެއް ގަސްތައް ވެއްޓި ބިނދި އަނެއްބައި ގަސްތައް މުލުން ލުހެވިފައިވާ ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)