30 Oct 2012, 09:12
ކޮރަޕްޝަން ހުއްޓުވަން ދިވެހިން އަޑަށް ބާރުލަ އެވެ. އެކަމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅަ އެވެ. އެކަމުގެ އެންމެ ކުރީގައި ތިބީ ސިޔާސީ ފަރާތްތަކެވެ. ކުރީގެ ސަރުކާރުން އިންޑިއާގެ، ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓް ދޫކޮށްލި ގޮތަށް 20 އަހަރު ދުވަހަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަނީ މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ކިތަންމެހާ ވެސް މުހިންމުވާގޮތަށް، ދިވެހިންގެ މައިދޮރާށި، ބޯޑާ ކޮންޓްރޯލް ސިސްޓަމް މުހިންމު ނުވާނެ ބާ އެވެ؟ ނަމަވެސް އެ ވާހަކަ ދައްކާ މީހެއް މިއަދު މަދެވެ.
ތާރީހުގެ ތެރެއަށް ވަންނަ އިރު ޒަމާނީ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން އިމިގްރޭޝަން ޑިޕާޓްމަންޓުން މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ އެކު އޮކްޓޯބަރު 17، 2010ގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ސިސްޓަމްގެ މައްސަލާގައި ތަފާތު މައްސަލަތައް ފެންމަތިވެފައިވީ ނަމަވެސް އެސިސްޓަމްގެ މަސައްކަތް އަނެއްކާ ވެސް ދަނީ ބާރަށް ކުރިއަށެވެ. އެ ޕްރޮޖެކްޓާ ގުޅިގެން އޭރުގެ ސަރުކާރުގެ ތެރެއިން ހާއްސަކޮށް އިމިގްރޭޝަންގެ ތެރެއިން ފެންމަތި ކުރުވި މައްސަލަތަކާ އެކު އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އޭސީސީ އިން އިމިގްރޭޝަނަށް އެންގި އެވެ. ނަމަވެސް އޭރުގެ ކޮންޓްރޯލާގެ މަގާމުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޅިޔަނު އިލްޔާސް ހުސެއިން އިސްކޮށް ހުންނަވައިގެން މިނިވަން އޭސީސީގެ އެންގުމަށް ބީރުކަންފަތެއް ދިނުމަށް ފަހު އެއްބަސްވުމުގައި ސޮއިކުރި އެވެ.
އެ މަސައްކަތް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ފުރުސަތު ވަނީ ދީފަ އެވެ. އަދި މިއަދު ވެސް އެ މަސައްކަތް ހުއްޓުވާކަށް އިއްތިހާދު ވެސް އަދި އެމްޑީޕީން ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ސަރުކާރުގައި އިސްކޮށްތިއްބަވާ ބޭފުޅުން ބުނަނީ ކުރީގެ ސަރުކާރުން ގައުމުގެ ހަރު މުދާތައް ވިއްކާފައިވާ ކަމަށާއި ދިވެހިންގެ ހަރުމުދާތައް ދިވެހިންނަށް ހޯދާދޭނެ ކަމަށެވެ. ޖީއެމްއާރު މައްސަލާގައި ސަރުކާރާ ގުޅިފައިވާ އިއްތިހާދުން ކިތަންމެ ވަރަކަށް ވެސް މަސައްކަތް އެބަކުރެ އެވެ. އެކި ފަހަރު އެކި މުއްދަތު ދެމުން ޖީއެމްއާރު ފޮނުވާލާނެ ކަމަށް ބުނަމުން ދިޔަ ނަމަ ވެސް ރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އަދި އަގުގެ ގޮތުން ބަލާއިރު 500 މިލިއަން ރުފިޔާގެ އަގު ބޮޑު ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ހުއްޓުވުމަކަށް ގެނައުމަކަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ނެކްސްބިޒަށް ދީފައި ވަނީ 20 އަހަރު ވަންދެން ރާއްޖެ އަންނަ އަދި ފުރާ ކޮންމެ މީހެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނަގާ ގޮތަށެވެ. އަދި ވިސާ ހައްދައި އަދި އާ ކުރާ ކޮންމެ މީހެއްގެ އަތުން 15 ޑޮލަރު ނަގާ ގޮތަށެވެ. އެ ރޭޓުން ބަލާ އިރު، 22 އަހަރަށް ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ނެކްސް ބިޒަށް 88 މިލިއަން ޑޮލަރު ލިބޭނެ އެވެ. މިފަދަ ގޮތަކަށް އޮތް ބޯޑާ ސިސްޓަމްގެ މަސައްކަތް ހުއްޓާލަން އޭސީސީންނާއި ކޯޓުން އެތައް ފަހަރަކު އަންގާފައިވާ އިރު ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުގައި ވެސް ރާގު ހުރީ ހުއްޓާ ކަހަލަ ގޮތަކަށް ނޫނެވެ. އެޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމައްސަލާގައި މީގެ ކުރިން ރައީސް ވަހީދު ބުނެފައިވަނީ އެއީ ވެސް ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި ކުއްލިއަކަށް އެ ޕްރޮޖެކްޓް ހުއްޓާލުމުން ލިބިދާނެ ގެއްލުންތަކެއް ވެސް ހުރެދާނެ ކަމަށެވެ.
"އަޅުގަނޑުގެ އިރުޝާދަކަށްވެފައި އޮންނާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހުރި މައްސަލަތައް ހައްލުކުރެވޭތޯ ބަލާށޭ ފުރަތަމަ. ކޯޓުގެ ފަރާތުން ވަގުތީ އަމުރެއް ނެރުއްވާފައި އެ އޮތީ. މިވަގުތު ހުއްޓިފައި އޮތް ކަމުގައި ވިއަސް މި ފުރުސަތުގެ ތެރޭގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް އަޅުގަނޑު އިރުޝާދުދީފައިވާނެ." ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
އެމައްސަލަ ހުއްޓުވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖައްސާފައިވާ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް މަޝްރޫއު ކުރިއަށް ގެންދިއުމަކީ ކުރިއަށް ގެންދަން ހެޔޮވާވަރުގެ މަޝްރޫއެއް ނޫންކަމަށެވެ. ނަމަވެސް ހިތާމައަކީ އެ މަސައްކަތް ދަނީ ކުރިއަށް ކަމެވެ.
އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިއާގެ ނެކްސްބިޒް އިން ގާއިމް ކުރަމުންދާ ބޯޑާ ކޮންޓްރޯލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށް ނިމި އެ ސިސްޓަމް ވަނީ ޓެސްޓް ކުރަން ފަށައިފަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ނެކްސްބިޒްއިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށް އިމިގުރޭޝަނުން ބުނާއިރު އެއާޕޯޓުގައި މިހާރު ބޭނުން ކުރާ 60 ޕަސެންޓަކީ ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ނިޒާމު ކަމަށް އިމިގުރޭޝަނުން ބުނެ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން، ޑރ. މުހަންމަދު އަލީ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ބޭނުން ކުރަން ފަށާފައިވާތީ ދެން އެ ސިސްޓަމް ހުއްޓާލަން ޖެހިއްޖެ ނަމަ ވާނެ ގޮތް ވެސް ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަށް އެތެރެވާ މީހުންނާއި އަދި ރާއްޖޭން ބޭރަށްދާ ބިދޭސީންގެ ހުރިހާ މައުލޫމާތުތަކެއް މިހާރު ރެކޯޑް ކުރަމުން ގެންދަނީ ނެކްޒް ބިޒުން ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރަނިކޮށް އަނެއްކާ ވެސް ކޯޓު އަމުރަކުން އެކަން ހުއްޓާލަން ޖެހިއްޖެ ނަމަ ރާއްޖޭގެ ބޯޑަރު ތޮއްޖެހިދާނެ ކަމަށެވެ.
"އެ ހިސާބުން ދެން ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ މެނުއަލްކޮށް، ކޮންމެ ދުވަހަކު 10 އަކާއި 17 ގާތްކުރާ އެތައް ފްލައިޓެއް ރާއްޖެ އަށް އަންނަ އިރު މެނުއަލް ކޮށް އެ މަސައްކަތް ކުރަން ޖެހިއްޖެ ނަމަ ދެން ވާނެ ގޮތް ވިސްނަވާ! އެ ހިސާބަށް ދިޔައިމާ ދެން ނުކުންނާނެ މައްސަލަތައް ތަސައްވަރުވެސް ކުރެވޭނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
އޭސީސީން ބުނެފައި ވަނީ އިންޑިއާ އާއި އެމެރިކާ އިން ހިލޭ ދޭން އެއްބަސްވި މި މަޝްރޫއުގައި ރާއްޖެ އިން ސޮއިކުރީ 20 އަހަރުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ގެއްލުމާ އެކު ކަމަށާއި އެ ޕްރޮޖެކްޓް ހަވާލުކުރުމުގެގޮތުން ހިނގާފައިވާ ޕްރޮސެސް ތެރޭގައި ރިޝްވަތާއި ކޮރަޕްޝަނުގެ ހިނގާފައިވާ ކަމަށެވެ. އަދި ބިޑިން ޕްރޮސެސް އާއި މާކްސް ދިނުމުގައި ވެސް ވަކި ބަޔަކަށް މާކްސް ލިބޭނެ ގޮތަށް ބިޑްތައް ބައްޓަން ކުރުމުގެ ހަރަކާތްތަކެއް ވަނީ ހިނގައިފައި ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.
އޭސީސީގެ ވަކީލުންގެ ޓީމުން ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މޯލްޓާގައި ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ ވެސް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމެކެވެ. އަދި އަވަށްޓެރި ސްރީލަންކާގައި ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް 2.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާއިރު ރާއްޖޭގައި ގާއިމްކުރާ ބޯޑާކޮންޓްރޯލް ސިސްޓަމަށް 175.5 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ.
ހިސާބު ނަމްބަރުތަކުން ގައުމަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ގައުމަށް ބޮޑު ބުރައަކަށް ވާއިރު ގައުމުގެ މައިދޮރާށި ބޭރުގެ ބަޔަކަށް 20 އަހަރަށް ދީގެން އުޅޭއިރު ހިތާމައަކީ އެކަމަކީ މިސަރުކާރުގެ ވެރިންނަށް ވެސް އަދި އިދިކޮޅު ފަރާތްތަކަށް ވެސް މައްސަލައަކަށް ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ގައުމަށް އެތައް ގެއްލުންތަކެއް ވާކަން އެންމެން ގަބޫލްކުރެ އެވެ. ނަމަވެސް އެކަމެއް ހައްލެއް ހޯދާކަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެ އެވެ.