29 Oct 2012, 23:51
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުތުރުގެ ތިން ރަށެއްގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ވެފައި ވަނީ ހއ. ހޯރަފުއްޓާއި އެ އަތޮޅު ބާރަށާއި ހދ. ހަނިމާދޫ އަށެވެ.
ހޯރަފުށީ ކައުންސިލް މެންބަރު އަލީ އާރިފް މިރޭ ވިދާޅުވީ މިއަދު ހަވީރު 4:00 ގައި ވެހެންފެށި ވާރޭ 5:30 އެހާކަންހާއިރު އާދަޔާ ޚިލާފަށް ބޯކޮށް ވެހެން ފެށުމުގެ ސަބަބުން އެ ރަށުގައި 80 ޕަސެންޓް ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ އަތޮޅު މަނަފަރު ރިސޯޓުގެ ޚާއްސަ ޓީމެއް އެ ރަށަށް އައިސް ވަގުތުން ފެން ހިއްކުމުގެ މަސައްކަތް ފެށި ކަމަށާއި ފެން ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަގޭގެ ފަރުނީޗަރާއި އެހެނިހެންތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މަނަފަރު ރިސޯޓުގެ ޚާއްސަ ޓީމަކާ އެކު ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިރޭ 11:30 އެހާކަންހާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމެއް އެ ރަށަށް ގޮސް ރަށުގެ ރައްޔިތުންނާއި ޕޮލިސް ސްޓޭޝަނާއި އެ ރަށުގެ ބަނދަރު ހެދުމުގައި ހަރަކާތްތެރިވާ އެމްޓީސީސީ މީހުންގެ އެހީތެރިކަމާ އެކު ފެންހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވިއްސާރައިގެ ސަބަބުން ރަށުގެ 80 ޕަސެންޓް ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައި. ފެން ހިއްކުމުގެ މަސައްކަތް މިކުރަނީ ރައްޔިތުންނާއި ހއ. މަނަފަރު ރިސޯޓުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާލާތްތައް ބޭނުންކޮށްގެން. ހަމައެއާ އެކު މިރޭ 11:30 އެހާކަންހާއިރު އެމްއެންޑީއެފްގެ ޓީމެއް މިރަށަށް އައިސް ފެން ހިއްކުމުގެ މަސައްކަތް ކުރަމުން މިދަނީ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި މިކޮޅުގެ ބަނދަރު ހެދުމުގައި އުޅޭ އެމްޓީސީސީގެ ވެހިކަލްތައް ބޭނުންކޮށްގެން ކޯރުކެނޑުމުގެ މަސައްކަތް ވެސް ކުރަމުން ދަނީ.،" އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ މީހުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ބައެއް ގޭގެ މީހުންނަށް ނިދައި ކައްކައި ހެދޭވަރު ވެސް ނުވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިރޭ ވިދާޅުވީ ހޯރަފުށީގެ އިތުރުން ބާރަށާއި ހަނިމާދޫގައި ވެސް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ހޯރަފުއްޓެކޭ އެއްފަދައިން ބާރަށުގައި ވެސް ފެންބޮޑުވެ ގޭގެއަށް ވަރަށް ބޮޑަށް ފެން ވަދެފައިވާތީ ރައްޔިތުންނަށް ބޮތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ސިފައިންނާއި ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކުން ގެއްލުންވެފައިވާ ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހަނިމާދޫގައި ވެސް ކޮންމެވެސް ވަރަކަށް ފެންބޮޑުވެ ބައެއް ގޭތަކަށް ފެންވަދެފައިވީ ނަމަވެސް އެހާބޮޑެތި ގެއްލުންތަކެއް އެ ރަށުގެ ގެތަކަށް ލިބިފައިނުވާ ކަމަށާއި އެ ރަށުގައި ބޮޑުވި ފެންގަނޑު ވަރަށް ބޮޑަށް މިހާރު ހިއްކާފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"ހަނިމާދޫގައި ކޮންމެ ވެސް ވަރަކަށް ރަށު ތެރޭގައި ފެންބޮޑުވެފައިވޭ. އެހެން ނަމަވެސް ގެތަކަށް އެހާބޮޑަކަށް ގެއްލުމެއް ނުވޭ. ނަމަވެސް ކޮންމެ ވެސް ވަރަކަށް ގޭގެއަށް ފެންވަދެ، ގެއްލުން ވެފައި ވަނީ. އެހެންނަމަވެސް މިހާރު ވަނީ ވަރަށް ގިނަ ތަންތަނުން ފެންގަނޑު ތިލަކުރެވިފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.