15 Sep 2010, 10:00
ރ. އަލިފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި ސަފާރީއަކާއި ބޯޓް ޔާޑެއް އަނދައި ހުލިވެއްޖެ އެވެ.
އަށެއް ޖަހަން ވަރަށް ކައިރިވެފައި ހުއްޓާ ހިނގި އަލިފާނުގެ މި ހާދިސާގައި ސަފާރީ ހުރި ހަރުގޭގައި ރޯވި ވަގުތު އެތަނަށް ވަދެ އަލިފާން ނިވަން އުޅުނު މީހެއްގެ އަތުގެ ބޮޑު ބައެއް ފިހުން ފިޔަވައި އިތުރު މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އަލިފުށީ ކުޑަކަތީބު އީސާ މޫސާ ވިދާޅުވީ 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގައި މީހުން އުޅޭ ހިސާބާ 400 ފޫޓު ދުރުން އަތިރިމަތީގައި، ދަގަނޑާއި ޓިނުން 180 ފޫޓު އުސްކޮށް ކައިރިކައިރީގައި ހަދައިފައިވާ ހަތަރު ހަރުގޭގެ ތެރެއިން އަލިފާ ރޯވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ މރ. އެރިކް އެ ރަށުގައި ބަންނަމުންދިޔަ 165 ފޫޓުގެ ސަފާރީ ހުރި ހަރުގޭގައި ކަމަށެވެ.
"މިއީ އިނގިރޭސިއެއްގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު މިރަށުން ހަވާލުވެ އަދި މާވަޑިއެއްގެ ގޮތުން މަސައްކަތްކުރަނީ މިރަށު މީހެއް، އޭނާ މިވަގުތު ހުރީ ލަންޑަނުގައި،" ކުޑަ ކަތީބު ވިދާޅުވި އެވެ.
ބޭރުގެ މި ޕްރޮޖެކްޓް އަލިފުށީގައި ހިންގަނީ އެރަށު ގުލްރައުނާގޭ މުހައްމަދު ޔޫސުފެވެ. ސަފާރީގެ މާވަޑިއަކީ ވެސް އޭނާ އެވެ.
އަލިފާނުގެ ހާދިސާގައި އަތުގެ ބޮޑު ބައެއް ފިހިގެން ސިއްހީ މަރުކަޒުގައި މިއަދު ފަރުވާދިނީ މިވަގުތު އަލިފުށީގައި ސަފާރީގެ މަސައްކަތާ ހަވާލުވެގެން ހުރި ފަރާތަށެވެ.
ރަށު އޮފީހުން ބުނީ އަލިފާނުގެ ހާދިސާ ހިނގުމާއެކު ދަގަނޑާއި ޓިނުގެ ބޯޓް ޔާޑާއި ސަފާރީގައި ހުޅު ހިފައި މުޅި ރަށުގެ މައްޗަށް އަލިފާންގަނޑު ފެތުރުނު ކަމަށާއި ހަރުގެތެރޭގައި ހުރި ފައިބަރު ރެސިން އާއި ހާޑްނާ ފަދަ ކެމިކަލް ފީފާތައް ބަޑިޖަހަމުންދިޔަ އަޑު ކެނޑިނޭޅި އިވެމުންދިޔަ ކަމަށެވެ. އޭގެ ސަބަބުން ކައިރި ރަށްރަށުގެ މީހުން ދަތުރުކޮށްފައި އެ ރަށަށް ގޮސް ރައްޔިތުންނަށް އެހީތެރިވެދީފައިވާ ކަމަށެވެ.
"އޭރުން ފެށިގެން ރައްޔިތުން މަސައްކަތްކުރީ ހޮޅި އާއި ޕަންޕު ޖަހައިގެން އަލިފާން ކޮންޓްރޯލް ކުރުމަށް. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެވުނީ އެހެން ހަރުގެތަކުގައި ރޯވެ މުޅި ރަށަށް އަލިފާން ފެތުރިގެން ނުދާނެ ގޮތަކަށްވޭތޯ. އެ ގޮތުން ތަންތަން ހުސްކޮށް ފެންޖަހައިގެން ތިބީ،" ކުޑަކަތީބު ވިދާޅުވި އެވެ. "އެވަރުން ވެސް އެއްޗެހި ނެރެފައިވާ ހުސް ހަރުގެއްގައި ރޯވި."
އަލިފާނުގެ ހާދިސާ ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމަށް ބެލެވެނީ ފައިބަރު ޖަހަން ގެންގުޅުނު ރޭސިން ޓައްޕެއްގައި ހުޅުހިފުމުގެ ސަބަބުން ކަމަށެވެ. އަދި ބުނެފައި ވަނީ އަލިފާން އެއްކޮށް ކޮންޓްރޯލްވެފައި ވީނަމަވެސް އަދިވެސް ސަފާރީން ދުންއަރަމުންދާ ކަމަށާއި މިހާރު ވެސް ސަފާރީ ތެރޭގައި އަލިފާނުގެ އަސަރު ހުރެދާނެތީ ޕަންޕެއް ބޭނުންކޮށްގެން ފެން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފައިބަރު މަސައްކަތުގައި ބޭނުންކުރާ ހާޑްނާ އާއި ރޭސިން އަކީ ޓެމްޕަރޭޗަރު މައްޗަށް ދިއުމުން އަލިފާން ހިފުމުގެ ފުރުސަތު ބޮޑު ކެމިކަލެއް ކަމަށް ވެ އެވެ.
އަލިފުށީގެ ސަފާރީ އާއި ހަރުގޭގައި ރޯވި އަލިފާންގަނޑު، ޅ. މަޑިވަރުންނާއި ރ. އުނގޫފާރުންނާއި ހދ. ކުޅުދުއްފުށިން ސިފައިން ގޮސް ނިންވާލިއިރު ސަފާރީ ވަނީ އަނދައި ދެއްޔަށް ވެފަ އެވެ. ހަރުގޭ ދަގަނޑު އޮނިގަނޑު ވިރިގެން ގޮސް އޮތީ ބިމާ ހަމަވެފަ އެވެ.
އަލިފުށީ މީހުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްވެފައި ވީނަމަވެސް ކަޅުކުލައިގެ އޮލަ ދުމުގެ ވިލާގަނޑެއް ރަށްމަތިން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަމަށެވެ. އަދި އަނދައިގެން ދިޔަ ހަރުގޭގައި ހުޅު ރޯވެ ބަޑިޖެހި ކެމިކަލް ފީފާތަކުގައި ހުރި ކެމިކަލްތަކުގެ ނުބައިވަސް ފެތުރިފައިވ ކަމަށެވެ. ގިނަ މީހުން ހަރަކާތްތެރިވަމުން ދަނީ މާސްކް އަޅައިގެން ކަމަށެވެ.
" ދުންގަނޑު ދުއްވާލުމަށް ސިފައިންނާއި ފުލުހުން މިހާރު ވެސް މަސައްކަތް އެބަކުރޭ،" ކުޑަކަތީބު ވިދާޅުވި އެވެ.
އަލިފާނުގެ ބޮޑު ހާދިސާގައި އަނދައި އަޅިޔަށްވި ސަފާރީގެ ވެރިޔާއާ ހަވާލާދީ ކުޑަކަތީބު ވިދާޅުވީ މި ހާދިސާގެ ގެއްލުން 40 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.
"އޭގެ ވެރިޔާ އެރިކް މިވަގުތު ހުރީ މާލޭގައި. އެކަމަކު އިންޝުއަރެންސް މީހުނާއެކު މިއަދު ރަށަށް އަންނާނެ،" ކުޑަކަތީބު ވިދާޅުވި އެވެ.
ތިން ބުރިއަށް ހަދާ ލަގްޒަރީ ސަފާރީ މިއަދު އަނދައިގެންދިޔައިރު އެ ސަފާރީގެ ދެބުރި ނިމި މަސައްކަތް ހިނގަމުން ދިޔައީ ތިން ވަނަ ބުރީގައަ އެވެ.
އަލިފުއްޓަކީ ސަފާރީ ބަނުމުގައި ހާއްސަކޮށް ކިއްސަރު ވަޑާމުގައި މަޝްހޫރު ރަށެކެވެ.