ސަލްމާން ޚާނާއި ކެތުރީނާ ކައިފުގެ ގުޅުން ނިމުމަކަށް އައިކަން އިއުލާން ކުރިތާ އެތައް ދުވަހެއް ވެފައިވާ އިރު، އަދިވެސް ސަލްމާން ޚާން ކެތުރީނާގެ ކަންކަމާ ބެހޭ ކަމަށް ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ބުނެފިއެވެ. ސަލްމާން ވެސް އަދި ކެތުރީނާ ވެސް، ބުނަމުން ދަނީ އެ ދެ ތަރީންގެ ދެމެދުގައި އެއްވެސް ގުޅުމެއް މިހާރު ނޯންނަ ކަމަށެވެ. އެހެން ނަމަވެސް ދާދި ފަހުން ފިލްމެއްގެ ޝޫޓިންގައި ކެތުރީނާ މާ ކުރު ހެދުމެއް ލައިގެން ހުރުމުން ވެސް ސަލްމާން ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ސަލްމާން ޚާނާއި ކެތުރީނާއާ އެކު ނެގި އިޝްތިހާރެއްގައި ކެތުރީނާ ލައިގެން ހުރި ހެދުމާއި އަދި ކެމެރާ ކުރަމުން ދިޔަ އޭންގަލާ މެދު ހިތްހަމަ ނުޖެހިގެން ސަލްމާން ވަނީ ކެތުރީނާގެ ހަށިގަނޑުން ހާސާ ވެފައި ހުރި ތަން ސަލްމާނުގެ ފައި ހުރަސްކޮށްގެން ފޮރުވައިފައެވެ.

ކުރީން ސަލްމާން ރައްޓެހިވެގެން އުޅުނީ ބޮލީވުޑުގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީއާއެވެ. އައިޝްވާރިޔާ ރާއީ ވަނީ ސަލްމާނާ ރުޅިވުމަށް ފަހު އަބީޝެކް ބައްޗަންއާ ކައިވެނިކޮށްފައެވެ. މި ދެ ތަރީންނަށް މިހާރު ކުއްޖަކު ވެސް ލިބިފައިވާ އިރު އަދިވެސް ސަލްމާން ޚާން ކައިވެންޏެއް ނުކުރެއެވެ. އަދި ކައިވެންޏާ މެދު ކުރެވޭ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ވެސް ސަލްމާނު ބޭނުމެއް ނުވެއެވެ. ސަލްމާން ހިތް އެދޭ ކަހަލަ ކުއްޖަކާ އަދިވެސް ދިމާ ނުވަނީ ކަމަށް ވެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.