އައްޑޫ ސިޓީގެ ހުޅުދު އަށް މިއަދު ހަވީރު ނަގޫރޯޅިއެއް އަރައި އެ ރަށު ގެއެއްގައި ނޫޅެވޭވަރަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ނަގޫރޯޅި އެ ރުމުގެ ސަބަބުން ގެއްލުން ލިބިފައި ވަނީ ހުޅުދޫ "އޯޝަންވޭ" އަށް ކަމަށާއި ނަގޫރޯޅި އަރާފައި ވަނީ މިއަދު ހަވީރު 3:30 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ނަގޫރޯޅި އެރުމުގެ ސަބަބުން އެގޭގެ ފާރުން ބައެއް ވެއްޓި އަދި ގޭގައި ހުރި ގަސްތައް ވެސް ވެއްޓި ނޫޅެވޭވަރަށް އެ ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެގޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ލިބެންދެން ކައުންސިލުން މިހާރު އެމީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސައި އެމީހުން ބަލަހައްޓަމުން އަންނަ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

"ނަގޫރޯޅި އަރާފައި ވަނީ މިއަދު ހަވީރު 3:30 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައި. އޭގެގައި ހުރި ގަސްތައް ވެއްޓި އެގޭ ފުރާޅު ވަނީ ވެއްޓުފައި. އަދި ގޭގެ އެއްފަރާތު ފާރު ވަނީ ވެއްޓިފައި. އޭގެ އިތުރަށް އެގޭގެ އެހެން ފާރެއް ވަރަށް ބޮޑަށް ހަލާކުވެ ވެއްޓެން ކައިރިވެފައި ވަނީ. ގޭގަ މީހުންނަށް ތިބެވޭ ވަރަށް ވުރެ ބޮޑަށް ގެއްލުން ވެގެން އެގޭގެ އެންމެން ކައުންސިލުން ވަނީ އެހެން ދިމާލަކަށް ގެންގޮސްފައި. އެމީހުންނަށް ގޮތެއް ހަމަޖެހެންދެން ކައުންސިލުން އެމީހުން ބަލަހައްޓަމުން މިދަނީ،" ސޯބެ ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ ސިޓީ އަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހުޅުދޫ އޯޝަންވޭ ގެ ފިޔަވައި އެ ސިޓީގެ އިތުރު އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.