29 Oct 2012, 18:36
މިއަދު ބޭއްވި ތިން ބައި އިލެކްޝަން ވެސް ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. އަތޮޅު ކައުންސިލްގެ މުލަކު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ތިން ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމަށް 677 ވޯޓު ލިބިފައިވާ އިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ލަތީފަށް ލިބިފައި ވަނީ 478 ވޯޓެވެ. އަދި ޑީއާރްޕީގެ ކެންޑިޑޭޓް އާދަމް ހަސަނަށް ލިބިފައި ވަނީ 187 ވޯޓުކަމަށް ވެސް ވަގުތީ ނަތީޖާއިން ދައްކަ އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ލ. މާބައިދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން އާދިލަށް 198 ލިބިފައިވާ އިރު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ރަޝީދަށް ލިބިފައި ވަނީ 168 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި އަހުމަދު ޝުޖާއު އަށް ލިބިފައި ވަނީ އެންމެ 89 ވޯޓެވެ.
މީގެ އިތުރުން ފ. ބިލެއްދޫ ކައުންސިލްގެ ބައި އިލެކްޝަންސްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ރަޒްމީނާ އަފީފަށް 298 ވޯޓު ލިބިފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޕީޕީއެމްގެ މެންބަރު ޝަރީފް އިދުރީސް އަށް ލިބިފައި ވަނީ 342 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެން އެންމެ އަވަހަށް ވެސް އޮންނާނީ އަންނަ މަހުގެ 15 ދުވަހު އޮންނަ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ކަމަށެވެ. އެ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓް ރިޝާނާ އަބްދުލް އަޒީޒާއި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޝަހީމެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުން ހުސްވި ގޮނޑީގެ ބައި އިލެކްޝަން އޮނާނީ ޑިސެމްބަރު މަހު އެއް ވަނަ ދުވަހު އެވެ. އެ ދާއިރާ އަށް ކުރިމަތި ލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަމީނާއި އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފް އަލީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޖިހު ޖިނާހު އެވެ.