29 Oct 2012, 15:47
ވޮޝިންޓަން (އޮކްޓޯބަރ 29): ސޭންޑީގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން، އެމެރިކާގެ އިރުމަތީ އައްސޭރިފަށާ ގާތްވަމުންދާ ކަމަށް ޚަބަރުލިބިއްޖެ އެވެ.
ސޭންޑީގެ ނުރައްކަލުން ރައްކާވެތިބުމުގެ ގޮތުން އެމެރިކާ ސަރުކާރުން ވަނީ އެޤައުމުގެ އިރުމަތީ އައްސޭރިފަށުގެ އެކިހިސާބުތަކުން ތިންލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފަ އެވެ. އަދި އިތުރު މީހުން ވެސް ރައްކާތެރި ތަންތަނަށް ގެންދާންޖެހިދާނެ ކަމަށް ބަަލައި އެމެރިކާގެ މަދަނީ ދިފާޢީ ބާރުތަކުން ވެސް ދަނީ އިތުރަށް ތައްޔާރުވަމުންނެވެ. ކާރިސާތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރުން ވަނީ މި ތޫފާންގެ އަސަރު އެމެރިކާގެ ސާޅީހަކަށް މިލިޔަންމީހުންނަށް ކުރާނެކަމަށް ލަފާކޮށްފަ އެވެ.
އެމެރިކާގެ ރައީސް ބަރަލް އޮބާމާ ވަނީ ސޭންޑީ ތޫފާންގެ ނުރައްކަލާބެހޭގޮތުން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދެމުންގެންދާ އިންޒާރުތަކަށް ސަމާލުވުމަށާއި އެއިންޒާރުތައް ސީރިޔަސް ކަމެއްގެ ގޮތުގައި ނަގައިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. މިއާއެކު އޮބާމާވަނީ އެމެރިކާގެ އިރުމަތީ ބައެއް ސްޓޭޓްތަކުގައި ބޭއްވުމަށް ކުރިން ރާވާފައިވާ ކޭންޕޭން ޙަރަކާތްތަކުގެ ތެރެއިން ބައެއް ޙަރަކާތްތައް ލަސްކޮށް އަނެއްބައި ޙަރަކާތްތައް ކެންސަލް ކުރެވުމަށްވެސް ނިންމަވާފަ އެވެ.
ތޫފާންތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރުން ލަފާކޮށްފައި ވަނީ ސޭންޑީ ތޫފާން އެއްްގަމަށް އެރުމުން އާދަޔާ ޚިލާފަށް ބާރުގަދަވެ ގިނައިރު ދެމިގެންދާ ތޫފާނަކަށް ވެސް ވެގެން ހިނގައިދާނެ ކަމަށެެވެ. އަދި ކުރިޔަށްއޮތް ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ގިނަ ސްޓޭޓްތަކަށް އެ ތޫފާން އަރާނެ ކަމަށާއި ކުރިޔަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ވެސް ސޭންޑީ ތޫފާންގެ ނުރައްކަލުން ސަލާމަތް ނުވެވޭނެކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. ތޫފާންތަކާ ބެހޭ އެމެރިކާގެ މަރުކަޒުން ބުނާ ގޮތުން ސޭންޑީ މިހާރު ދަތުރުކުރަމުންދަނީ ނިޔުޔޯކްގެ ދެކުނުން 580 ކިލޯމީޓަރު ދުރުންނެވެ. އަދި ސޭންޑީގެ ދަތުރުކުރަމުންދަނީ ގަޑިއަކު 15 މޭލުގެ ބާރުމިނުގައި ކަމަށާ ކުރިއަށް ވުރެ އޭގެ ދުވެލި މިހާރު ލަސްވެފައިވާކަމުގަ އެވެ.
ސޭންޑީ އެެމެރިކާގެ އިރުމަތީ ފަޅީގެ 12 ސްޓޭޓެއްގެ މަތިން ދަތުރުކުރާނެ ކަމަށް ބެލެވިފައިވާ އިރު އެއިން ބޯވާރެއާއި ގަނޑުފެނާއި ސްނޯ ވަރަށް ގިނައިން ފައިބާނެ ކަމަށާއި އެއްގަމަށް އެރުމާ އެކު ގަޑިއަަކު ސަތޭކަ ފަންސާސް ކިލޯމީޓަރުގެ ނޫނީ 200 ކިލޯމީޓަރުގެ ބާރުމިނުގެ ވައި އެއިން ނުކުންނާނެކަމަށް ވެސް ތޫފާންތަކާ ބެހޭ އެމެރިކާގެ މަރުކަޒުން ލަފާކޮށްފައިވެ އެވެ. ސޭންޑީ އަރާނެ ކަމަށް ބެލެވިފައިވާ ގިނަ ސްޓޭޓްތަކުގައި ވަނީ ކާރިސާތަކާ ގުޅިގެން އިއްލާންކުރާ ކުއްލި ޙާލަތު އިއްލާންކޮށްފަ އެވެ. މިސަރަޙައްދުތަކުގެ އެއްގަމާއި ވަޔާއި ކަނޑުގެ ދަތުރުތައްވަނީ ކެންސަލްކޮށްފަ އެވެ. (ނޫސްއެޖެންސީތައް)