29 Oct 2012, 15:33
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމްގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު މެންޗެސްޓާ ޔުނައިޓެޑުން ރޭ އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗް 3-2 ލަނޑުން ޔުނައިޓެޑުން ކާމިޔާބުކޮށް ދެ ޓީމުގެ ދެ މެދުގައި އޮތް ފަރަގު އެއްޕޮއިންޓަށް ޔުނައިޓެޑުން ކުޑަކުރި އިރު، ލީގުގައި ޗެލްސީ އަދި އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު އެއް ވަނަ މަގާމްގަ އެވެ. އަދި ދެ ވަނަ މަގާމް ގައި ޔުނައިޓެޑް އޮތީ ނުވަ މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެވެ. ނަމަވެސް ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު، ޕޮއިންޓުގެ ގޮތުން ޔުނައިޓެޑައި އެޓީމް ވަނީ އެއްވަރު ވެފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެގުގައި ޗެލްސީގެ ދެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. އެގޮތުން އެ ދެކުޅުންތެރިންނަށް ރެފްރީ ރަތް ކާޑު ދެއްކީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ދެ ކުޅުން ތެރިންނަކީ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް އާއި ފޯވާޑް ޓޮރޭސް އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޔުނައިޓެޑުން ނެވެ. އެލަނޑަކީ ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އަދި ރޭގެ މެޗުގައި ޗެލްސީގެ މައްޗަށް ޔުނައިޓެޑުން ލީޑް ފުޅާކުރި ލަނޑު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ރޮބިން ވެން ޕާސީ އެވެ.
ދެ ލަނޑުގެ ލީޑަކާއެކު ޔުނައިޓެޑުން ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލަމުން ދަނިކޮށް، ޗެލްސީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލު ކޮށްލާފަ އެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ޖެހި ހިލޭ ޖެހުމަކުން ނެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭސް ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު މެޗް ނިމެން ދަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވަޑް ހަވިއޭ ހެނާންޑޭޒް ޖެހި ލަނޑުންނެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ރޮބާޓޯ ޑިމެޓިއޯ ބުނީ، ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނަގެ ޓީމުން މޮޅު ކުޅުމެއް ދެއްކި ކަމަށާއި އެގޮތުން ރޭގެ މެޗަކީ އޭނަގެ ޓީމުން ދެއްކި މޮޅު ކުޅުން ހާއްސަ ކޮށްލެވޭ މުހިންމު މެޗެއް ކަމަށެވެ. އަދި މެޗުން ބަލިވި ކަމުގައި ވިޔަސް، މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވެސް ކޯޗް ރޮބާޓޯ ބުންޏެވެ.
"މެޗުގެ ރެފްރީންގެ ނިންމުންތަކާ މެދު ވަރަށް ހިތްހަމަ ނުޖެހޭ. ޔުނައިޓެޑުން ކާމިޔާބުކުރި ތިން ވަނަ ލަނޑަކީ އޮފްސައިޑް ލަޑެއް. ޓީވީ ރީޕްލޭތަކުން އެކަން އިނގޭނެ. އަހަރެންގެ ޓީމުން ރޭގައި މޮޅަށް ކުޅުނު" ކޯޗް ރޮބާޓޯ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނީ، އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލާ ކުޅުނު މިމެޗުގެ ލީޑް ފުރަތަމަ ހާފުގައި ނެގުނު ކަމުގައި ވިޔަސް، ދެ ވަނަ ހާފުގައި ޓީމުގެ ފަރާތުން ފެނުނީ ދައްކުޅުމެއް ކަމަށެވެ. އެގޮތުން ބޯޅަ ގިނައިރު ނުހިފެހެއްޓިގެންދާ އިރު، ޓީމުގެ ޑިފެންޑަރުންނަށް ދެވަނަ ހާފް ޖެހުނީ ޗެލްސީގެ ނުރައްކާތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހުނު ކަމަށެވެ. އަދި ރޭގެ މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކުގެ ސަބަބުން ޔުނައިޓެޑަށް ފައިދާވި ކަމަށް ވެސް ފާގަސަން މެޗަށް ފަހު ބުންޏެވެ.